ޚަބަރު

އދގެ 78 ވަނަ އާއްމު މަޖިލީހުގެ ބައްދަލުމުގައި ހެލްތު މިނިސްޓްރީގެ އިސް ވަފްދެއް ބައިވެރިވެއްޖެ


  • މިއީ 3 ދުވަހުގެ މުއްދަތަކަށް އެމެރިކާގެ ނިއުޔޯކުގައި ކުރިއަށްދާ ބައްދަލުވުމެއް

  • ތަފާތު އެކި މައުޟޫތަކަށް މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައި

  • މިނިސްޓްރީ އޮފް ހެލްތުގެ ވަފުދުގައި އިސްކޮށް ހުންނެވީ މިނިސްޓަރ އޮފް ހެލްތް އަހުމަދު ނަސީމް

އދ.ގެ އާންމު މަޖިލީހުގެ މި އަހަރުގެ 78 ވަނަ ބައްދަލުމުގެ ތެރެއިން ކުރިއަށް ގެންދާ 3 ހައިލެވެލް ބައްދަލުމުގައި މިނިސްޓްރީ އޮފް ހެލްތްގެ އިސް ވަފްދެއް ބައިވެރިވަޑައިގެންފިއެވެ. މި ބައްދަލުވުން ތަކަކަކީ 3 ދުވަހުގެ މުއްދަތަށް، މިމަހުގެ 20 ން 22ށް، އެމެރިކާގެ ނިއުޔޯކްގައި ކުރިއަށްދާ ބައްދަލުވުންތަކެވެ.

މި ބައްދަލުވުގައި ތަފާތު އެކި މައުޟޫތަކަށް މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ. 3 ހައި-ލެވެލް ބައްދަލުވުމުގައި މަޝްވަރާކުރުމަށް ހަމަޖެހިފައިވާ މައުޞޫލަކަކީ "ޔުނިވާރސަލް ހެލްތް ކަވަރޭޖް" އެލިމިނޭޝަން އޮފް ޓިއުބާރކިއުލޯސިސް އަދި ޕެންޑަމިކް ޕްރިވެންޝަން، ޕްރިޕެއަރޑްނަސް އެންޑް ރެސްޕޯންސްއެވެ.

މި މައުޞޫތަކަށް މިނިސްޓްރީއޮފް ހެލްތުގެ ބޭފުޅުންވަނީ ތަގުރީރު ކުރެއްވުމަށް ހަމަޖެހިފައެވެ. އަދި ކޮންމެ ހައިލެވެލް ބައްދަލުވެއް ނިންމުމަށްފަހު ޕޮލިޓިކަލް ޑެކްލަޜޭޝަނެއްގައި ސޮއިކުރެވިގެންދާނެކަމަށް ހެލްތް މިނިސްޓްރީ އިން ވިދާޅުވެއެވެ.

މީގެ އިތުރުން ސިއްހީ ދާއިރާއާއި ގުޅޭ ގޮތުން ގައުމުތަކުން ކުރިއަށް ގެންދިޔުމަށް ހަމެޖެހިފައިވާ ސައިޑް އިވެންޓުތަކުގައި މިނިސްޓްރީ އޮފް ހެލްތުގެ ބޭފުޅުން ބައިވެރިވުމަށް ވަނީ ހަމަ ޖެހިފައެވެ.

އެގޮތުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ކުރިއަށް ގެންދިޔުމަށް ހަމަޖެހުފައިވާ ކޮމްބައިޑް ޑިސީސް އެލިމިނޭޝަން ސައިޑް އިވެންޓާއި ޔޫނެންއެއިޑްސްގެ ފަރާތުން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ އެޗްއައިވީ އާއި ގުޅޭ އިވެންޓުގައިވެސް ހެލްތް މިނިސްޓްރީއިން ބައިވެރިވުމަށް ހަމަޖެހިފައިވާކަމަށް އެ މިނިސްޓްރީއިން ވިދާޅުވިއެވެ.

މި އަހަރުގެ އދގެ އާންމު މަޖިލީހުގައި ބައިވެރިވި މިނިސްޓްރީ އޮފް ހެލްތުގެ ވަފުދުގައި އިސްކޮށް ހުންނެވީ މިނިސްޓާރ އޮފް ހެލްތް އަހުމަދު ނަސީމްއެވެ. މީގެ އިތުރުން މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ މިނިސްޓާރ އޮފް ސްޓޭޓް އަލްފާޞިލް އަހުމަދު ހަލީލްގެ އިތުރުން މިނިސްޓްރީ އޮފް ހެލްތުގެ އިސްބޭފުޅުއްނާއި މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ އިސްބޭފުޅުއްނާއި މިނިސްޓްރީ އޮފް އެންވަޔަރަމަންޓް ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީގެ އިސްބޭފުޅުން ހިމެނެއެވެ. އަދި އެމެރިކާގެ ހުންނަ ދިވެހިރާއްޖޭގެ މިޝަންގެ އިސްބޭފުޅުން ވަނީ ބައިވެރި ވަޑައިގެންފައެވެ.