ޚަބަރު

އިޖްތިމާޢީ ޚިދުމަތްތެރިންގެ މުސާރަ ކުޑަވިކަމަށްބުނެ ފަތުރަނީ ދޮގު ވާހަކަތަކެއް


  • އިޖްތިމާޢީ ޚިދުމަތްތެރިންގެ ޕްރޮފެޝަނަލް އޮނިގަނޑެއް ވަނީ އެކުލަވާލާފައި

  • 15000 ރުފިޔާއިން 21000 ރުފިޔާގެ ކުރިއެރުމެއް ލިބުނު

  • 137 މުވައްޒަފުންގެ މުސާރައަށް ހެޔޮބަދަލެއް އައިސްފައިވޭ

ޞިއްޙީ ދާއިރާގެ މުވައްޒަފުންގެ މުސާރާއިގެ އޮނިގަނޑަށް ގެނެވުނު ބަދަލުގެ ސަބަބުން ޖެންޑަރ މިނިސްޓްރީގެ އިޖްތިމާޢީ ޚިދުމަތްތެރިންގެ މުސާރަ ކުޑަވެ މުވައްޒަފުންގެ މެދުގައި އެކަމާމެދު ކަންބޮޑުވުންތައް ހުރިކަމަށްބުނެ ފަތުރަމުންދާ ވާހަކަތައް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްއިން ދޮގުކުރައްވައިފިއެވެ.

އިޖްތިމާޢީ ޚިދުމަތް ފޯރުކޮށްދިނުމަކީ އިޖްތިމާޢީ ތަފާތު މައްސަލަތައް ކުރިމަތިވާ ފަރާތްތަކަށް އެހީތެރިކަމާއި ލަފާ ފޯރުކޮށްދިނުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ މުވައްޒަފުން ހިމެނޭ ފަންނީ ޚިދުމަތެއްކަމަށެވެ. އެގޮތުން އިޖްތިމާޢީ ޚިދުމަތްތެރިންނަކީ ކުޑަކުދިންނާއި، އަންހެނުންނާއި، އުމުރުން ދުވަސް މީހުންނާއި، ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަދި އެކިބާވަތުގެ ޢާއިލީ މައްސަލަތައް ކުރިމަތިވެފައިވާ ފަރާތްތަކުގެ ޙައްޤުތައް ކުރިއެރުވުމާއި، ރައްކާތެރިކުރުމުގައި އިސްދައުރެއް އަދާ ކުރާ ފަރާތްތަކެކެވެ.

ޖެންޑަރ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ވިދާޅުވީ ޕޭ ހާމަނައިޒޭޝަންގެ މަސައްކަތުގެ ތެރެއިން އިޖްތިމާޢީ ޚިދުމަތްދިނުމުގެ ދާއިރާގައި މަސައްކަތްކުރަމުންދާ މުވައްޒަފުންގެ އުޖޫރައާމެދު ޒަމާނުއްސުރެ އޮތް ކަންބޮޑުވުމަށް ހައްލު ގެނެސްދިނުމަށްޓަކައި އިޖްތިމާޢީ ޚިދުމަތްތެރިންގެ ޕްރޮފެޝަނަލް އޮނިގަނޑެއް އެކުވަލާއި 01 މެއި 2023 ވަނަ ދުވަހު މި ސަރުކާރުން އިޖްތިމާޢީ ޚިދުމަތްތެރިންގެ މުސާރައަށް ހެޔޮބަދަލުތަކެއް ގެނެސްދެއްވާފައިވާ ކަމަށެވެ.

އިޖްތިމާޢީ ޚިދުމަތްތެރިންނަށް މީގެ ކުރިން އިތުރު ގަޑީގެ ފައިސާއާއިއެކު ލިބެމުން އައީ އެވްރެޖްކޮށް މަހަކު 15,000 ރުފިޔާއެވެ. ނަމަވެސް ސަރުކާރުން މިހާރު ވަނީ އިޖްތިމާޢީ ޚިދުމަތްތެރިންގެ މުސާރަ ގާތްގަނޑަކަށް 67 އިންސައްތައިގެ ކުރިއެރުމެއް ގެނެސް، އިތުރު ގަޑީގެ ފައިސާއާއި ނުލައި އެވްރެޖްކޮށް މަހަކު 21،585 ރުފިޔާ ލިބޭގޮތަށް ކަނޑައަޅުއްވާފައެވެ.

ޖެންޑަރ މިނިސްޓްރީގައި އިޖްތިމާޢީ ޚިދުމަތްތެރިންގެ ގޮތުގައި މަސައްކަތްކުރާ މުވައްޒަފުންގެ ޕޭ ހާމަނައިޒްކުރެވި އައު އޮނިގަނޑަށް ހިޖުރަކުރުމާއެކު މިދާއިރާގައި މަސައްކަތްކުރަމުންދާ 137 މުވައްޒަފުންގެ މުސާރައަށް ހެޔޮބަދަލެއް އައިސްފައިވާކަމަށް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ. އަދި އިޖްތިމާޢީ ޚިދުމަތްތެރިންގެ މުސާރައަށް މިގެނެވުނު ހެޔޮ ބަދަލާއެކު ސިވިލް ސަރވިސް ކޮމިޝަންގެ ޖީ.އެސް ރޭންކް ހަތަރެއްގައި މަސައްކަތްކުރާ 33 މުވައްޒަފުން ޕަބްލިކް ސަރވިސް ރޭންކް ފަހަކަށް ބަދަލުވެފައިވާކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.

ޕަބްލިކް ސަރވިސް ރޭންކް ފަހެއްގައިވާ މުވައްޒަފުންގެ ތެރެއިން މިހާރު މިދާއިރާއިން މަތީ ތަޢުލީމު ހާސިލްކުރަމުންދާ 10 މުވައްޒަފުންނަށް ޕްރޮފެޝަނަލް ސަނަދެއް ހާސިލްކުރުމާއެކު ވަޒީފާގެ ކުރިއެރުން ލިބިގެންދާނެއެވެ. އަދި މިރޭންކުގައި ބާކީތިބި 23 މުވައްޒަފުންނަށް ދާއިރާގެ ސަނަދެއް ހާސިލް ކުރުމުން ޕޭ ހާމަނައިޒްކުރެވި އައު އޮނިގަނޑަށް ފެތިގެންދާނެކަމަށްވެސް ޖެންޑަރ މިނިސްޓްރީން ވިދާޅުވެއެވެ.

ޖެންޑަރ މިނިސްޓްރީއިން ވިދާޅުވީ، މިގެނެވުނު ބަދަލާއެކު އިޖްތިމާޢީ ޚިދުމަތުގެ ފަންނުގައި މަސައްކަތްކުރާ މުވައްޒަފުންނަށް އަދި ދާއިރާގައި މަސައްކަތްކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް މިދާއިރާއިން ކުރިއަށް ދިއުމަށާއި، ދާއިރާގައި ދެމިތިބުމަށާއި ދާއިރާއިން ކުރިމަގެއް ބިނާކުރުމަށް ފަހި ފުރުޞަތުތަކެއް ހުޅުވިފައިވާކަމަށެވެ.