ޚަބަރު

ޕްރީ-ސްކޫލް އަޅަން ބޭނުންވާ ފަރާތްތަކަށް، ސަރުކާރުން އެހީ ދޭނަން: މުޢިއްޒު


  • ޕްރީ ސްކޫލް ހިންގަން ބޭނުންވާ ފަރާތްތަކަށް މާލީ އެހީ ދިިނުމަށް ހަރުދަނާ އުޞޫލެއް ހަދާނަން

  • ރަސްގަތީމުގެ މަގުހެދުމާއި، ފެނާއި ނަރުދަމާގެ މަސައްކަތް ނިންމަދޭނަން

  • އަނގޮޅިތީމު ސްކޫލްގެ ޖާގައިގެ ދަތިކަން ހައްލުކޮށްދޭނަން

ޕްރީ-ސްކޫލް އަޅަން ބޭނުންވާ ފަރާތްތަކަށް، ސަރުކާރުން އެހީ ދެއްވާނެކަމަށް ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރ. ރަސްގަތީމުގައި ބޭއްވި ކެންޕޭނު ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޑރ. މުޢިއްޒު ވިދާޅުވީ އަމިއްލައަށް ޕްރީ-ސްކޫލް ހިންގަން ބޭނުންވާ ފަރާތްތަކަށް ސަރުކާރުން، މާލީ އެހީ ދެއްވާނެކަމަށެވެ. އަދި އެޕްރީ-ސްކޫލްތަކަށް ބޭނުންވާ މުދައްރިސުން ތަމްރީނު ކުރުމަށް ވެސް ސަރުކާރުން އެހީތެރިކަން ފޯރުކޮށްދެއްވާނެ ކަމަށް މުޢިއްޒު ވިދާޅުވިއެވެ. އަދި ހަރުދަނާ ދެފުށްފެންނަ އުޞޫލެއް ކަނޑައަޅާއި، އެގޮތުގެ މަތިން ޕްރީ-ސްކޫލް ހިންގަން ބޭނުންވާ ފަރާތްތަކަަށް، ކޮންމެ ރަށަކުންވެސް ފުރުޞަތު ދެއްވާނެކަމަށް މުޢިއްޒު ވިދާޅުވިއެވެ.

"ޕްރީ-ސްކޫލް ހިންގުމަށް ބޭނުންވާ ފަރާތްތަކަށް އިންސެންޓިވްސް ދީގެން، ޕްރައިވެޓް ސެކްޓަރއަށް، ރަނގަޅު ފެންވަރުގައި ޓީޗަރުންވެސް ޓްރެއިން ކުރެވިގެން، ސަރުކާރުގެ އެހީތެރިކަމާއިއެކީގައި ހިންގޭ ކަމަކަށް ހަދާނަން. އެހެންވީމަ، އެގޮތަށް މި ރަށުގައިވެސް ބޭބީ ނާސަރީ ހުޅުވަން ބޭނުންވާ ފަރާތްތަކަށް ފައިނެންޝިއަލީ އާއި އަދި އެކި ގޮތްގޮތުން އިންސެންޓިވްސް ދޭނެ، ހަރުދަނާ ދެފުށްފެންނަ އުޞޫލެއް ކަނޑައަޅާ އެގޮތަށް ފުރުޞަތު ދެވޭނެ." މުޢިއްޒު ވިދާޅުވިއެވެ.

މުއިއްޒުގެ ވާހަކަފުޅުގައިވަނީ ރަސްގަތީމުގެ ތަރައްޤީއަށް ކޮށްދެއްވާނެ ކަންކަން ހާމަކުރައްވާފައެވެ. އެގޮތުން އެރަށުގައި ސަރުކާރުން ފަށްޓަވާފައިވާ ފެނާއި ނަރުދަމާގެ މަސައްކަތް ނިންމަވައިދެއްވާނެކަމަށާއި، މަގު ހެދުމުގެ މަޝްރޫޢާއި، އިންޖީނުގޭގެ ވަށާފާރު ހެދުމުގެ މަޝްރޫޢުވެސް ނިންމަވާދެއްވާނެކަމަށް ވިދާޅުވިއެވެ.

މުއިއްޒު ރ.އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އަގޮޅިތީމަށްވެސްވަނީ ވަޑައިގަންނަވާފައެވެ. އަނގޮޅި ތީމަށް ކުރެއްވި ދަތުރުފުޅުގައި ސްކޫލްގެ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯއްދަވާދެއްވާނެ ކަމަށް ވިދާޅުވިއެވެ. އަދި އެ ރަށުގެ ރައްޔިތުން އެދޭފަދަ، މޫދަށް އެރޭ ތަނެއް ހައްދަވާދެއްވާނެކަމަށްވެސް ވިދާޅުވިއެވެ.