ޚަބަރު

ޤާސިމްގެ ސްޕެޝަލް އެޑްވައިޒަރު އަލީ ވަހީދު ޖޭޕީން ވަކިވެއްޖެ


  • ޢަލީ ވަހީދު ވިދާޅުވީ ދެމި ހުންނަވާނީ ޤައުމުގެ ރައްޔިތުންގެ ސަފުގައި ކަމަށް

  • ޢަލީ ވަހީދު ވަނީ މިސަރުކާރުގެ ޓޫރިޒަމް މިިނިސްޓަރުގެ މަޤާމުވެސް ފުރުއްވާފައި

  • ޢަލީ ވަހީދަކީ ރިޔާސީ އިންތިޚާބުގައި ޤާސިމްގެ އިންތިޚާބީ އޭޖެންޓް

ޖުމްހޫރީ ޕާޓީގެ މެމްބަރު ކަމުން ޢަލީ ވަހީދު އިސްތިއުފާ ދެއްވައިފިއެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ ސްޕެޝަލް އެޑްވައިޒަރު އަލީ ވަހީދު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމްގެ އަރިހުގައި މަސައްކަތް ކުރެއްވުމަށް ލިބިވަޑައިގެންނެވި ފުރުސަތަކީ ނުހަނު އަގުހުރި ތަޖުރިބާއެއް ކަމަށެވެ. އަދި ޖޭޕީން ވަކިވިކަން ހާމަކޮށް ޢަލީ ވަހީދު ވިދާޅުވީ ދިވެހި ޤައުމާ ރައްޔިތުންގެ ސަފުގައި ދެމި ހުންނަވާނެކަމަށެވެ.

އަލީ ވަހީދަކީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ގާސިމްގެ އިންތިޚާބީ އެޖެންޓެވެ.

އަލީ ވަހީދު ސިޔާސީ ހަޔާތް ފެއްޓެވީ ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި އެމަނިކުފާނު އުފެއްދެވި ޑީއާރްޕީގެ ތެރެއިންނެވެ. ޑީއާރްޕީގެ ޓިކެޓްގައި ތޮއްޑޫ ދާއިރާގެ މަޖިލިސް މެންބަރަކަށް ހުންނެވުމަށްފަހު ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި އެމްޑިޕީއާ ގުޅިވަޑައިގެންނެވިއެވެ. އަދި އެޕާޓީގެ ޗެއަރޕާސަންގެ މަގާމުވެސް އަދާކުރެއްވިއެވެ. އޭގެފަހުން އެމްޑީޕީގެ ވެރިކަން ބަދަލުވެ ރައީސް ޔާމީންގެ ވެރިކަމުގައި އޭނާ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެން އެ ޕާޓީގެ ރައީސްގެ މަގާމުވެސް ފުރުއްވާފައިވެއެވެ.

ޢަލީ ވަހީދު ވަނީ މިސަރުކާރުގެ ޓޫރިޒަމް މިނިސްޓަރު ކަމުގެ މަޤާމުވެސް ފުރުއްވާފައެވެ. ނަމަވެސް އެމިނިސްޓްރީގެ އަންހެން މުވައްޒަފުން ތަކަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައިވަނީ މަޤާމުން ވަކި ކުރައްވާފައެވެ. އޭގެ ފަހުން ޢަލީ ވަހީދު ހުންނެވީ ގިނަ ދުވަސްތަކެއް ވަންދެން އިނގިރޭސި ވިލާތުގައެވެ. ރާއްޖެ ވަޑައިގެންނެވީ އޭނާގެ މައްޗަށް އުފުލި ދައުވާތައް އަނބުރާ ގެންދިޔަ ފަހުންނެވެ.