މިއަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ ޗެމްޕިއަން، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން އަމިއްލަ ދަނޑުގައި އިއްޔެ ހަވީރު ބަންގްލަދޭޝްގެ ޗެމްޕިއަން ބަޝުންދަރާ ކިންގްސް ބަލިކުރުމަކީ ދިވެހި ފުޓުބޯޅައަށް ލިބުނު މޮޅެއް ކަމަށާއި މިއީ ބޮޑު ކާމިޔާބީއެއް ކަމަށް މާޒިޔާގެ ކޯޗު ބޮސްނިއާގެ މިލޮމީރް ސެސްލިޖާ (މިލޯ) ބުނެފިއެވެ.
މާލޭގައި އިއްޔެ ކުޅުނު މެޗު މާޒިޔާ ކާމިޔާބުކޮށްފައިވަނީ 3-1 ގެ ނަތީޖާއަކުންނެވެ. މިއީ އޭއެފްސީ ކަޕުގެ ތާރީހުގައި މިހާތަނަށް މި ދެޓީމު ވާދަކުރި ތިންފަހަރު މާޒިޔާއަށް މޮޅުވެވުނު ފުރަތަމަ ފަހަރެވެ. މިދެޓީމު 2021 ވަނަ އަހަރު މާލޭގައި ކުޅުނު މެޗުން ބަޝުންދަރާ މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ. އަދި މިދިޔަ އަހަރު އިންޑިއާގެ ކަލްކަތާގައި ކުޅުނު މެޗުން ބަޝުންދަރާ މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.
މެޗަށްފަހު ވާހަކަދައްކަމުން މާޒިޔާގެ ކޯޗު މިލޯ ބުނީ މި މެޗުން މޮޅުވުމުގެ އިތުރުން އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބުނީ ބެންޗުން އެރި ކުޅުންތެރިންގެ ފަރާތުންވެސް ފެނުނު ކުޅުން ކަމަށާއި އެ ގޮތުން ބެންޗުން އެރި ކުޅުންތެރިންގެ ތެރެއިން ދެ ކުޅުންތެރިއަކު ގޯލު ޖެހިއިރު، އެއް ކުޅުންތެރިއަކު ގޯލެއް ޖެހުމަށް އެސިސްޓްކުރުން ފާހަގަކުރާ ކަމަށެވެ.
މީގެއިތުރުން މި މޮޅު ހޯދުމަށް މާޒިޔާގެ ކުޅުންތެރިންނާއި ކޯޗުން އަދި މެނޭޖްމަންޓުން ކުރި ބުރަ މަސައްކަތް ފާހަގަކުރާ ކަމަށާއި މިއީ، ކޯޗުންނާ މެނޭޖްމަންޓުން އެކުގައި މިދިޔަ ދޮޅު މަހު އެކުގައި ކުރި މަސައްކަތުގެ ނަތީޖާ ކަމަށް މިލޯ ބުންޏެވެ. އެހެންކަމުން މިއީ ވަރަށް ބޮޑަށް ފާހަގަކުރަންޖެހޭ ވަރުގެ ކާމިޔާބެއް ކަމަަށާއި ހާއްސަކޮށް ފުރަތަމަ ފަހަރަށް މާޒިޔާ އިން ބަޝުންދަރާ ކިންގްސް ބަލިކުރެވުމަކީ އެންމެ ބޮޑު ހިތްހަމަޖެހުން ކަމަށެވެ.
މިލޯ ބުނީ އެންމެ ފަހުން ރާއްޖެއާއި ބަންގްލަދޭޝް ކުޅުނު މެޗުން ރާއްޖެ ބަލިވުމާއެކު ގިނަ ވާހަކަތަކެއް ދިވެހި ފުޓުބޯޅައިގެ ތެރޭގައި ދެކެވުނު ކަމަށާއި މި ނަތީޖާއާއެކު މިއީ ދިވެހި ފުޓުބޯޅައަށް ލިބުނު ބޮޑު މޮޅެއް ކަމަށެވެ.
ބަންގްލަދޭޝް އަތުން ރާއްޖޭގެ ގައުމީ ޓީމު އެންމެ ފަހުން ބަލިވި މެޗަށް ފަހު ރާއްޖޭގެ ފުޓްބޯޅައިގެ ވާހަކަ ގިނަ ގޮތް ގޮތަށް ދެކެވުނު ކަމަށާއި، މިއީ އެ ގޮތުން ބަލާއިރު ވެސް ދިވެހި ފުޓްބޯޅަ އަށް ލިބުނު ބޮޑު މޮޅެއް ކަމަށް ކޯޗު ބުންޏެވެ. އަދި މެޗުގެ ކުރިން ކުޅުންތެރިން ގާތު އަބަދުވެސް ބުނަމުންދިޔަ ވާހަކައަކީ މެޗުން މޮޅުވެވެނޭ ކަމަށް ގަބޫލުކުރުން ކަމަށާއި، އެ ގޮތަށް ކުޅުންތެރިންގެ ވިސްނުން ބަދަލުކޮށްފިނަމަ މި އަށް ވުރެ ރަނގަޅު ނަތީޖާތައް ވެސް ނެރެވޭނެ ކަމަށެވެ.
މުބާރާތުގައި މާޒިޔާ ދެން ކުޅެން ޖެހޭނީ އަންނަ މަހުގެ ދެވަނަ ދުވަހުގައެވެ. އިންޑިއާގެ ކަލްކަތާގައި ކުޅޭ މި މެޗުގައި ބައްދަލުކުރާނީ މޯހަން ބަހާން ސުޕަ ޖަޔަންޓާ ދެކޮޅަށެވެ.