ޚަބަރު

ޒަމާނީ ގިނަ ޚިދުމަތް ލިބޭނެ ތެލަސީމިއާ ސެންޓަރެއް ހުޅުމާލޭގައި ޢިމާރާތްކުރަނީ


  • އައު ތެލަސީމިއާ ސެންޓަރުން ގިނަ ޚިދުމަތްތަކެއް ލިބޭނެކަމަށް

  • ޖާގައިގެ ދަތިކަމަށް ބޮޑު ޙައްލެއް ލިބޭނެ

  • ނޭޗަނަލް ބްލަޑް ބޭންކު ޤާއިމްކުރާނީ އައު ޢިމާރާތުގަ

ތެލެސީމިއާ ކުދިންނަށް ފޯރުކޮށްދެމުންދާ ޚިދުމަތް އިތުރަށް ފުޅާކޮށް ތަރައްޤީކުރުމުގެ ގޮތުން، ޒަމާނީ ފެންވަރުގެ ތެލެސީމިއާ ސެންޓަރެއް ހުޅުމާލޭގައި ޤާއިމްކުރައްވާނެކަމަށް ހެލްތު މިނިސްޓަރ އަޙްމަދު ނަސީމް ވިދާޅުވެއްޖެއެވެ. މިނިސްޓަރު މިހެން ވިދާޅުވީ، ބޯންމެރޯ ޓްރާންސްޕްލާންޓް ހެދުމަށް އިތުރު 5 ފަރާތެއް ފޮނުވަން ނިންމާ އެކަމުގެ ލިޔުން ހަވާލުކުރުމަށް ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ހެލްތު މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވީ ސިއްހީ ދާއިރާ ތަރައްގީ ކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުންތެލެސީމިއާ ކުދިންނަށް ދޭ ފަރުވާ އިތުރަށް ތަރައްޤީކުރުން ހިމެނޭކަމަށެވެ. އެކަމަށްޓަކައި ތެލެސީމިއާ އައު ސެންޓަރެއް ޤާއިމްކުރުމަށްޓަކައި ހުޅުމާލެއިން ބިމެއް ކަނޑައަޅައި، މޯލްޑިވިއަން ބްލަޑް ސާރވިސަސްގެ އައު އިމާރާތެއް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ނިންމާފައިވާ ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ މި ސެންޓަރު ގާއިމްވުމުން ތެލްސީމިއާ ކުދިންނަށް މިހާރު ދެމުންގެންދާ ޚިދުމަތް އިތުރައް ފުރިހަމަވެ ފުޅާވާނެކަމަށެވެ. އެ ޢިމާރާތާއެކު ތެލެސީމިއާކުދިންނަށް މިހާރު ޚިދުމަތްދިނުމުގައި ދިމާވާ ދަތިތަކަށް ބޮޑު ޙައްލެއް އަންނާނެކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ވިދާޅުވީ އައު އިމާރާތުގައި ގާއިމްކުރާ މޯލްޑިވްސް ބުލަޑް ބޭންކުގެ ހިދުމަތް ރާއްޖޭގެ ސިއްހީ ހިދުމަތްދޭ ހުރިހާ މަރުކަޒަށް ފޯރުކޮށްދޭނެކަމަށެވެ. މިނިސްޓާރ ވިދާޅުވީ އެކަމުގެ ސަބަބުން ލޭ ހޯދުމަށް ރައްޔިތުން އުފުލަމުންދާ ބުރަ ނިމުކަށް އަންނާނެކަމަށެވެ.

"ތެލަސީމިއާ ކުދިންނަށް ފަރުވާ ފޯރުކޮށްދިނުމަކީ އަގު ބޮޑު ހިދުމަތެއްގައި ކަމުގައި ވީނަމަވެސް އެންމެ ފުރިހަމަ ގޮތުގައި ހިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް" މިނިސްޓަރ އަހްމަދު ނަސީމް ވިދާޅުވިއެވެ.

ހެލްތް މިނިސްޓަރު އަހްމަދު ނަސީމް ވިދާޅުވީ ތެލަސީމިއާއި ކުދިންނަށް ޒަމާނީ ހިދުމަތް ތައާރަފް ކުރުމަކީ ސަރުކާރުން ޚާއްސަ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދާ މަސައްކަތެއްކަމަށެވެ. އެގޮތުން ތެލަސީމިއާއި ކުދިންނަށް ފޯރުކޮށްދޭ ބޯންމެރޯ ޓްރާސްޕްލާޓްގެ ޚިދުމަތަކީވެސް ޚާއްސަ އިސްކަމެއް ދެއްވައިގެން މަސައްކަތް ކުރާ ދާއިރާއެއްކަމަށްވެސް މިނިސްޓާރ ފާހަގަކުރެއްވިއެވެ. މިނިސްޓަރ ނަސީމް ވިދާޅުވީ މިވީހާވެސް ގިނަ ކުދިންނަށް ބޯންމެރޯ ހެދޭނެ ގޮތް ހެދުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ.

ރާއްޖޭގައި ތެލަސީމިއާއަށް ފަރުވާހޯދާ 650އެއްހާ ކުދިން އެބަތިއްބެވެ. އޭގެތެރެއިން 300 ކުދިންނަކީ މާލެ ސަރަހައްދުގައި ދިރިއުޅޭ ކުދިންނެވެ.

ރާއްޖޭގައި މިހާރު ތެލެސީމިއާ ކުދިން ދުނިޔޭގައި ތިބޭ ނިސްބަތް މައްޗެވެ. އެގޮތުން 30 އަހަރުން މަތީގެ ލޭއަޅަމުންދާ ބައެއް މީހުން ޒަވާޖީ ހަޔާތެއްފަށައި، ދަރިންވެސް ލިބިފައިވާކަން މިނިސްޓަރ ވަނީ ފާހަގަކުރައްވާފައެވެ. އެއީ ބޭހާއި ދޭ ފަރުވާގެ ފެންވަރު ރަނގަޅުވުމުގެ ސަބަބުން އައި ބަދަލެއް ކަމަށް މޯލްޑިވިއަން ބްލަޑް ސާރވިސަސްއިން ފާހަގަކުރައްވައެވެ.