ޚަބަރު

ދިއްދޫ ފަރަށް ބާޖު އަރާ ލިބުނު ގެއްލުމުގެ ބަދަލަށް 100 މިިލިއަން ރުފިޔާ


  • ދިއްދޫ ފަރަށް 2 ބާޖު އަރާފައިވަނީ މިއަހަރުގެ މޭ މަހު

  • 4038 އަކަމީޓަރުގެ ސަރަޙައްދަކަށް ވަނީ ގެއްލުންވެފައި

  • ޖޫރިމަނާގެގޮތުގައި 100 މިލިއަން ރުފިޔާ ދެއްކުމަށް އަންގާފައިވޭ

މުދާ ހިފައިގެން ދިޔަ 2 ބާޖު ހއ. ދިއްދޫ ފަރަށް އަރައި ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި 100 މިލިއަން ރުފިޔާ ދެއްކުމަށް، އެންވަޔަރަމަންޓަލް ޕްރޮޓެކްޝަން އެޖެންސީ، އީ.ޕީ.އޭއިން އެ އުޅަނދު ނިސްބަތްވާ ކުންފުންޏަށް އަންގައިފިއެވެ.

މިއަހަރުގެ މެއި މަހުގެ 2 ވަނަ ދުވަހު، ދިއްދޫ ފަރަށް އަރާފައިވަނީ "ޓީބީ. މުތާ ޕްރިންސެސް" އަދި "މުތާ ޕްރައިޑް" ނަމަކަށް ކިޔާ ބާޖެވެ.

އީ.ޕީ.އޭއިން ވިދާޅުވީ، ބާޖު ފަރަށް އެރުމާއި ގުޅިގެން ލިބުނު ގެންލުން ދެނެގަތުމަށް އެ ސަރަޙައްދަށް ޑައިވްކޮށް ސަރވޭކޮށްފައިވާކަމަށެވެ. ޙާދިސާ ހިނގިތާ 10 ދުވަސް ފަހުން، މި ސަރވޭ ކުރީ އުޅަނދުގެ ވެރިފަރާތުގެ ސަރވެޔަރެއްވެސް ހިމެނޭހެންކަމަށް އީ.ޕީ.އޭއިން ވިދާޅުވެއެވެ.

އެގޮތުން ބެލި ބެލުމުގައި އެ ރަށު ފަރުގެ 4038 އަކަމީޓަރުގެ ސަރަޙައްދަކަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާކަން ފާހަގަކުރެވުނުކަމަށް އީ.ޕީ.އޭއިން ވިދާޅުވެއެވެ. އެ އެޖެންސީއިން ވިދާޅުވީ ގެއްލުމުގެ ޖޫރިމަނާއާއި ބަދަލުގެ ޢަދަދު 101،743،400 ރުފިޔާ އަރާކަމަށެވެ.

ނަމަވެސް "ދިވެހިރާއްޖޭގެ ތިިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނު"ގައި ބުނާގޮތުގައި، ޖޫރިމަނާގެ ގޮތުގައި ކަނޑައެޅޭނެ އެންމެ ބޮޑު އަގަކީ 100 މިލިއަން ރުފިޔާއެވެ. އެހެންކަމުން މި އުޅަނދުތައް ނިސްބަތްވާ ކުންފުނި، "އެޗް.އާރް.އެސް އިންފްރާޓެކް ޕްރައިވެޓް ލިމިޓެޑް"ވަނީ، 100 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައެވެ. އަދި އެ ފައިސާ އެއް މަސް ދުވަހުގެ ތެރޭގައި ދައްކާ ޚަލާސްކުރުމަށް ވަނީ އަންގާފައެވެ.

އީ.ޕީ.އޭއިން ވިދާޅުވީ، ގެއްލުމުގެ ބަދަލު، ޝަރީޢަތް މެދުވެރިކޮށް ހޯދުމުގެ މަސައްކަތް އެޓަރނީ ޖެނެރަލްގެ އޮފީހާ އެކުގައި ފެށުމަށް ކުރަންޖެހޭ ކަންތައްތައް، މި މައްސަލައިގެ އިސްތިއުނާފު މަރުޚަލާއިން ނިންމާ ގޮތެއްގެ މަތިން ފެށުމަށް ހަމަޖެހިފައިވާކަމަށެވެ.