ޚަބަރު

މިހާރުން މިހާރަށް، ނިޒާމީ ވޯޓެއް ނެގުމަކީ ވާނެކަމެއް ނޫން: ޙަބީބު


  • ނިޒާމީ ވޯޓަށް ޢާއްމުން ހޭލުންތެރިކުރުވުމަކީ އިލެކްޝަންސްގެ ޤާނޫނީ ޒިންމާއެއް

  • ނިޒާމީ ވޯޓެއް ނެގުމަށް މަދުވެގެން 30 ދުވަހާއި 45 ދުވަހާއި ދެމެދު ބޭނުންވޭ

  • ގާތްގަނޑަކަށް 40 މިލިއަން ރުފިޔާ މިއިންތިޚާބަށް ޚަރަދުވާނެ ކަމަށް ލަފާކުރެވޭ

ނިޒާމީ ވޯޓެއް ނަގަން ޖެހިއްޖެނަމަ އެފަދަ ވޯޓަކަށް ޢާއްމުން ހޭލުންތެރިކުރުވުމަކީ ޤާނޫނީގޮތުން އިލެކްޝަން ކޮމިޝަނަށް މަތިކޮށްފައިވާއިވާ މަސްއޫލިއްޔަތެއްކަމަށާއި، އެކަން ކުރުމަށް މަސްދުވަހަށްވުރެ މަދުނޫން މުއްދަތެއް ބޭނުންވާނެ ކަމަށް އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ޙަބީބް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ނިޒާމީ ވޯޓެއް ނަގަންޖެހިއްޖެނަމަ އިންތިޚާބުތަކާއި ގުޅޭ ޢާއްމު ޤާނޫނުގައިވާ ހަމަތަކަށް ރިޢާޔަތްކުރާއިރު މަދުވެގެން 30 ދުވަހާއި 45 ދެމެދުގެ މުއްދަތެއް އެއިންތިޚާބު ބޭއްވުމުގެ ކަންކަން ހަމަޖެއްސުމަށް ބޭނުންވާކަމަށެވެ.

އެގޮތުން ނިޒާމު ބަދަލުކުރުމާއި ގުޅޭ މިފަދަ ވޯޓަކަށް ޢާއްމުން ހޭލުންތެރިކުރުވުމަށް ވަގުތު ބޭނުންވާކަން ފާހަގަކުރައްވާ ޙަބީބް ވިދާޅުވީ، ނިޒާމު ބަދަލުކުރުމުގައި އެނިޒާމެއްގެ ފައިދާއާއި ގެއްލުމާއި ގުޅޭގޮތުން ވޯޓުލާ މީހުން ހޭލުންތެރިކުރަންޖެހޭކަމަށެވެ. އަދި ނިޒާމު ބަދަލުކުރުމުގެ ވޯޓުގެ މަޤްސަދު ރައްޔިތުންނަށް އަންގާ އެކަންކަމާއި ގުޅޭގޮތުން ޢާއްމުން ހޭލުންތެރިކުރުވުމަކީ ޤާނޫނީ ގޮތުން އިލެކްޝަންސް ކޮމިޝަންގެ ޒިންމާއެއްކަމަށް ޙަބީބް ވިދާޅުވިއެވެ. ޙަބީބު އިތުރަށް ވިދާޅުވީ މިހާރުން މިހާރަށް، އެފަދަ ވޯޓެއް ނެގުންވާނީ، ނާ މުމްކިން ކަމަކަށް ކަމަށެވެ.

މިފަދަ އިންތިޚާބެއް ބޭއްވުމަށް މިހާރު އިންތިޒާމުތައް ހުރިގޮތުން ގާތްގަނޑަކަށް 40 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށް ޙަބީބްވަނީ އަންދާޒާކުރައްވާފައެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސްއިން ކުރިއަށްދާނެ ގޮތަކާބެހޭ ގޮތުން ކުރެއްވި މަޝްވަރާގައި މިމަހުގެ 28ގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަށްވަނީ ހުށަހަޅާފައެވެ.

މިހުށަހެޅުމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ ރިޔާސީ އިންތިޚާބު ބާއްވަން ކުޑަ ދުވަސްކޮޅަކަށް ވެފައިވަނިކޮށް، އިންތިޚާބުގެ ކުރިން ނިޒާމީ ވޯޓެއް ނެގުމަކީ މިވަގުތަށް ކުރެވޭނެ ކަމެއް ނޫންކަމަށެވެ. ނަމަވެސް އޭގެ ފަހުން ވޯޓެއް ނެގިދާނެކަމަށް ރައީސް ނަޝީދަށް ދަންނަވާފައިވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާގޮތުން ރާއްޖޭގައި އޮންނަން ފެންނަ ވެރިކަމުގެ ނިޒާމެއް ކަނޑައަޅާނީ ސީދާ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުންނެވެ. ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމުކަމަށް ރައްޔިތުން ނިންމާފައިވަނީ 2007 ވަނަ އަހަރު ނެގި ފެންނަ ނުފެންނަ ވޯޓުންނެވެ.