ޚަބަރު

ރާއްޖޭގެ އެންމެ ބޮޑު ނާސަރީ "މާލެ ފެހި" ނަމުގައި ހުޅުމާލޭގައި


  • މި ނާސަރީގައި އެކި ބާވަތުގެ ގިނަ ޢަދަދެއްގެ ގަސް ލިބެން ހުންނާނެ

  • ފުރަތަމަ ފަހަރަށް ހުޅުވާ ކޮކާ ބަގީޗާވެސް މި ނާސަރީގައި

މާލެ ސިޓީ ކައުންސިލުން "މާލެ ފެހި" ނަމުގައި ހުޅުމާލޭގައި ޚާއްސަ ނާސަރީ އައުޓްލެޓެއް ހުޅުވައިފިއެވެ.

"މާލެ ފެހި" ނާސަރީ ރަސްމީކޮށް ހުޅުވައިދެއްވީ މާލެ ސިޓީގެ މޭޔަރު ޑރ. މުޙައްމަދު މުޢިއްޒެވެ. މި އައުޓްލެޓުން ޢާއްމުންނަށް ގަހާއި ގަސްކާނާ ގަނެވޭނެ އިންތިޒާމުވަނީ ހަމަޖައްސާފައެވެ.

މާލެ ސިޓީ ކައުންސިލުން ވިދާޅުވީ މާލެ ސަރަޙައްދުގައި ހުޅުވި އެންމެ ބޮޑު ނާސަރީއިން އެކި ކުލަކުލައިގެ ބޯގަންވިލާ ގަސްތަކާއި އެނޫންވެސް ގަސްތައް ލިބެން ހުންނާނެކަމަށެވެ. ހަމައެއާއެކު ނާސަރީއިން ކަދުރު ރުއްވެސް ގަންނަން ލިބެންހުންނާނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.

ހުޅުމާލެ ގައި ހުޅުވި "މާލެފެހި" އައުޓްލެޓްގެ އެންމެ ޚާއްސަކަމަކީ، އެތަނުގައި ޤާއިމުކުރެވިފައިވާ "ބަޓަފްލައި ގާޑްން" އެވެ. ކޮކާ ބަގީޗާގައި ކުރިއަށްއޮތްތަނުގައި އެކި ވައްތަރުގެ ކޮކާ އާލާކޮށް ކޮކާތަކަށް ޚާއްސަ ގަސްތައް އެ ބަގީޗާގައި ހުންނާނެކަމަށާއި، އޭގެ ސަބަބުން 4 ވައްތަރެއްގެ އެއްހާހެއްހާ ކޮކާ އެ ބަގީޗާގައި އާލާކުރުމަށް މާލެ ސިޓީ ކައުންސިލުންދަނީ މަސައްކަތްކުރަމުންނެވެ.

ހުޅުމާލޭ ފުރަތަމަ ފިޔަވަހީގައި ހުޅުވުނު މި ނާސަރީ އައުޓްލެޓް ހުންނާނީ ހުޅުމާލޭ ސަހަރާއާއި އިންވެގެން އޮންނަ ގޯޅިތެރޭގައެވެ.

މާލެ ސިޓީ ކައުންސިލްގެ ފަރާތުން ކުރިއަށްގެންދާ "އެއްލައްކަ ގަސް" ޕްރޮގްރާމަކީ ކުރިއަށްއޮތް 5 އަހަރަށް އެކުލަވާލައިފައިވާ މާލެ ސިޓީކައުންސިލްގެ ސްޓްރެޓެޖިކް އެކްޝަން ޕްލޭންގެ ދަށުން ގަސް އިންދާ ހައްދާނެ ގޮތުގެ ޕްލޭން، ކަމާބެހޭ ފަންނީ ފަރާތްތަކުގެ ލަފައާއި މާލެ ސިޓީގެ ރައްޔިތުންގެ ބައިވެރިވުމާއެކު ކުރިއަށްގެންދިޔުމަށް ހިންގާ މަޝްރޫޢެއްކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ.