ތަޢުލީމު

އެންއައިއީގެ 4 ކޯހަކުން 135 ދަރިވަރަކު ދަސްވެނިވެއްޖެ


ނޭޝަނަލް އިންސްޓިޓިއުޓް އެޑިއުކޭޝަނުން ހިންގި ހަތަރު ކޯހެއްގައި 135 ދަރިވަރުން ދަސްވެނިވެއްޖެއެވެ.

އެންއައިއީގެ ހިންގި 4 ކޯހަކީ، ތަޢުލީމީ ދާއިރާއަށް ބޭނުންވާ ޓީޗަރުން ތަމްރީނުކުރެއްވުމަށް ހިންގެވި ކޯސްތަކެކެވެ.

ތައުލީމީ ދާއިރާއަށް ބޭނުންވާ ޓީޗަރުންނަށް ތަމްރީނުކުރެއްވުމަށް ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަންގެ ނަމުގައި އެންއައިއީ އުފެއްދެވީ 2012 ވަނަ އަހަރުގައެވެ. އޭގެ ކުރިން އެތަން ވަނީ ސެންޓަރ ފޮރ ކޮންޓިނިއުނިންގ އެޑިއުކޭޝަން އަދި އެޑިއުކޭޝަން ޑިވަލޮޕްމަންޓް ސެންޓަރުގެ ގޮތުގައި ހިންގަވައި ތަފާތު ތަމްރީނާއި ތަޢުލީމީ ޕްރޮގްރާމްތައް ހިންގަވާފައެވެ. އެގޮތުން އަހަރެއްގެ މައްޗަށް ގާތްގަނޑަކަށް 5000 މުދައްރިސުން އެތަނުން ތަޢުލީމް ޙާޞިލްކޮށްގެން، ރާއްޖޭގެ ސްކޫލްތަކުގައި މަސައްކަތްކުރެއްވުމަށް ނެރުއްވަމުން ގެންދަވާކަމަށް އެންއައީއިން ހާމަކުރައްވައެވެ.

އެންއައިއީން މިއަދު ވަނީ ފުރަތަމަ ފަހަރަށް އެ އިންސްޓިޓިއުޓުން ހިންގެވި ކޯސްތަކުގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވާވާފައެވެ. އެގޮތުން ތަފާތު 4 ކޯހެއް ފުރިހަމަކޮށްގެން 135 ދަރިވަރަކު ވަނީ ސެޓްފިކެޓް ޙާޞިލްކޮށްފައެވެ. އޭގެތެރޭގައި ހިމެނެނީ ސެޓްފިކެޓް 3 ން ސްޕެޝަލް އެޑިއުކޭޝަން ކޯސް ފުރިހަމަކުރި 28 ދަރިވަރަކާއި، އެޑްވާންސްޑް ސެޓްފިކެޓް އިން އާރލީ ޗައިލްޑް ކެއަރ އެންޑް ޑިވަލޮޕްމަންޓް ކޯސް ފުރިހަމަކުރި 12 ދަރިވަރުންނާއި، ޑިޕްލޮމާ އޮފް ޓީޗިންގ ކޯސް ފުރިހަމަކުރި 41 ދަރިވަރުންނާއި، ޑިޕްލޮމާ އިން އިންކްލޫސިވް އެޑިއުކޭޝަން ކޯސް ފުރިހަމަކުރި 52 ދަރިވަރުންނެވެ. އަދި ޑިޕްލޮމާ ކޯސްތަކުން އެއްވަނަ ހަތަރު ދަރިވަރު ހޯދާފައިވެއެވެ.

އެންއައިއީގެ ދަސްވެނިވުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުން ކުރީގެ އެންއައީގެ ވެރިޔާ އަދި މިހާރުގެ ޑިފެންސް މިނިސްޓަރ އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، އެންއައިއީން ރާއްޖޭގެ ސްކޫލްތަކުގައި ޚާއްޞަކޮށް ޕްރީ ސްކޫލްތަކުގައި ކިޔަވައިދޭ ޓީޗަރުން ބިނާކުރެއްވުމުގައްޔާއި، ޤައުމީ މަންހަޖު އެކުލަވާލައްވައި އެއަށް ޓީޗަރުން އަހުލުވެރިކުރެއްވުމަށް ކުރެއްވި މަސައްކަތަކީ ކާމިޔާބު މަސައްކަތްތަކެއް ކަމަށެވެ. މިނިސްޓަރ ގެ ވާހަކަފުޅުގައި، ސްކޫލްތަކުގައި ކިޔަވާ ދަރިވަރުންނަށް ފެންވަރު ރަނގަޅު ތަޢުލީމެއް ދެއްވުމަށް ފަންނީ ޤާބިލް ޓީޗަރުން ބިނާކުރެއްވުމުގެ މުހިންމުކަމުގެ މައްޗަށް ބައްލަވާލެއްވިއެވެ.

މިނިސްޓަރ ވަނީ އެންއައިއީގެ އަމާޒު ހިފަންވާނީ ފަންނީ ގޮތުން ޤާބީލް ޓީޗަރުން ބިނާކުރެއްވައި، އެންއައިއީގެ ވަޞީލަތްތަށް އިތުރުކުރެއްވުމަށް ކަމަށް. އަދި އެތާނގެ އޮނިގަނޑު އިތުރަށް ފުރިހަމަކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ. މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، ސްކޫލްތަކުން ދެއްވާ ތަޢުލީމްގެ ފެންވަރު މަތިކުރެއްވުމަށް ސަރުކާރުން ބޮޑެތި އިންވެސްޓްމަންޓްތައް ކުރައްވަމުން ގެންދަވާކަމަށެވެ. އެގޮތުން ޑިޕްލޮމާ ފެންވަރަށް ޓީޗަރުން ތަމްރީނުކުރެއްވުމުގެ ޕްރޮގްރާމް ކާމިޔާބުކަމާއެކު ކުރިއަށް ގެންދާކަން އެކަމަނާ ފާހަގަކުރެއްވިއެވެ.

މިނިސްޓަރ ވަނީ، ތަޢުލީމީ ދާއިރާގެ އެއްވެސް އެއްވެސް ކުއްޖަކު ބާކީނުކުރުމުގެ ސިޔާސަތުގެ ދަށުން، ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންނަށް ތަޢުލީމް ދެއްވުމަށް ބޭނުންވާ ފަންނީ ޓީޗަރުން ބިނާކުރެއްވުމަށް އެންއައިއީގެ ދައުރު ފާހަގަކުރައްވައި އަދި އެދާއިރާއިން ތައުލީމް ޙާޞިލްކުރެއްވި ޓީޗަރުން ޚިދުމަތުގައި ދެމިބިތުމަށް އެދިވަޑައިގެންނެވިއެވެ. އެންއައިއީގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ވަނީ އެންއައީއިން މިއަހަރު އަލަށް ފެއްޓެވުމަށް ހަމަޖެހިފައިވާ ކޯސްތައް އިއުލާންކުރައްވާފައެވެ. އޭގެތެރޭގައި ހިމެނެނީ ޕޯސްޓް ގްރެޑިއޭޓް އިން އިންކްލޫސިވް އެޑިއުކޭޝަނާއި، އެސޯސިއޭޓް ޑިގްރީ އިން އިންކްލޫސިވް އެޑިއުކޭޝަނާއި، ޑިޕްލޮމާއިން އިންކްލޫސިވް އެޑިއުކޭޝަންއެވެ. ދަސްވެނިވުމުގެ ރަސްމިއްޔާތުގައި އެންއައިއީގެ އިސްވެރިންނާއި އެޑިއުކޭޝަން މިނިސްޓްރީގެ އިސްވެރިން ވަނީ ބައިވެރިވަޑައިގެންފައެވެ.