ޚަބަރު

އިންތިޚާބުގެ ދެވަނަ ބުރު ބާއްވަން ބޭނުންވާ ބަޖެޓު ހަމަޖެހިއްޖެ: އީސީ


  • ދެވަނަ ބުރުގެ ވޯޓުލުން އޮންނަނީ މިމަހުގެ 30ގައި

  • އީސީން އަންދާޒާ ކުރީ 44 މިލިއަން ރުފިޔާގެ ބަޖެޓަކަށް

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުމަށް ބޭނުންވާ ބަޖެޓު ފިނޭންސް މިނިސްޓްރީން ހަމަޖައްސައި ދެއްވައިފިކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެއް ބޭއްވުމަށް، އިލެކްޝަން ކޮމިޝަނުން އަންދާޒާ ކުރަނީ 44 މިލިއަން ރުފިޔާ ޚަރަދުވާނެކަމަށެވެ. އެ ބަޖެޓުގެ ތެރެއިން އެއްބަޔަކީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރަށް ކަނޑައެޅި ބަޖެޓުން ބާކީކުރެވުނު ބައެކެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އިލެކްޝަން ކޮމިޝަންގެ ސެކްރެޓަރީ ޖެނެރަލް ޙަސަން ޒަކަރިއްޔާ ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން ގާތްގަނޑަކަށް 23 މިލިއަން ރުފިޔާ ބާކީކުރެވުނުކަމަށާއި، އެހެންކަމުން އިލެކްޝަންސް ކޮމިޝަނުން ފިނޭންސް މިނިސްޓްރީއަށް ހުށައެޅުއްވީ އިތުރު 25 މިލިއަން ރުފިޔާގެ ބަޖެޓެއް ހަމަޖައްސައިދެއްވުމަށްކަމަށެވެ. އެ ޢަދަދަށް ފައިސާ ހަމަޖައްސައިދެއްވުމަށް ފިނޭންސް މިނިސްޓްރީގައި އެދިވަޑައިގަތީ، އިންތިޚާބުގެ އިދާރީ މަސައްކަތުގެ އިތުރުން އިންތިޚާބަށް ޢާންމުން ހޭލުންތެރިކުރުމުގެ އެކި ޕްރޮގްރާމްތައް ހިންގުމަށް ބޭނުންވާ ފައިސާއާއެކުކަމަށް ޙަސަން ވިދާޅުވިއެވެ.

އެހެންނަމަވެސް ފިނޭންސް މިނިސްޓްރިއާއެކު ކުރެވުނު މަޝްވަރާތަކުން އެއްބަސްވުމަށް އާދެވުނީ، 18 މިލިއަން ރުފިޔާގެ ބަޖެޓަކަށްކަމަށް ޙަސަން ވިދާޅުވިއެވެ. މިއީ އިލެކްޝަންސް ކޮމިޝަނުން އެދުނު ޢަދަދަށްވުރެ ގާތްގަނޑަކަށް 7 މިލިއަން ރުފިޔާގެ މަދު ޢަދަދެކެވެ. އެހެންކަމުން ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ހަމަޖެހުނު ބަޖެޓުގެ ޖުމްލައަކީ ގާތްގަނޑަކަށް 41 މިލިއަން ރުފިޔާއެވެ.

ޙަސަން ވިދާޅުވީ އެ ބަޖެޓުން އިންތިޚާބުގެ އެއްވެސް ކަމަކަށް ބުރޫނާރާނެހެން ކުރިއަށް ގެންދެވޭނެކަމަށެވެ.

ރިޔާސީ އިންތިޚާބު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް އެންމެ ފުރަތަމަ ފޮނުއްވީ 120 މިލިއަން ރުފިޔާގެ ބަޖެޓެކެވެ. އެއީ އިންތިޚާބުގެ ދެބުރެއް ބާއްވަން ޖެހޭނެކަމަށް ބަލައި ކަނޑައެޅުއްވި ބަޖެޓެކެވެ. އެއީ އިންތިޚާބުގެ ފުރަތަމަ ބުރަށް 95 މިލިޔަން ރުފިޔާ އަދި ދެވަނަ ބުރު ބާއްވަން ޖެހިއްޖެނަމަ 25 މިލިޔަން ރުފިޔާގެ މަގުން ކަނޑައެޅުއްވި ބަޖެޓެކެވެ. އެހެންނަމަވެސް ރައްޔިތުންގެ މަޖިލީހުން މިއަހަރުގެ ދައުލަތުގެ ފާސްކުރެއްވިއިރު އިންތިޚާބު ބޭއްވުމަށް ދެއްވާފައިވަނީ 90 މިލިއަން ރުފިޔާގެ ބަޖެޓެކެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު އޮންނާނީ މިމަހުގެ 30ވާ ހޮނިހިރު ދުވަހުއެވެ.