ޚަބަރު

ދެވަނަ ބުރަށް މޮނިޓަރުންނާއި އޮބްޒާވަރުންނާއި މަންދޫބުންގެ ގޮތުގައި 3،689 ފަރާތަކުން ހުށަހެޅި


  • ދެވަނަ ބުރަށް، އޮބްޒާވަރުންނާއި މޮނިޓަރުންނާއި މަންދޫބުންގެ ގޮތުގައި 3،689 ފަރާތުން ހުށަހެޅި

  • އެއީ އޮބްޒާވަރުންގެ ގޮތުގައި 1،067 ފަރާތާއި، މޮނިޓަރުންގެ ގޮތުގައި 2،438 ހުށަހެޅި ފަރާތެއް

  • ސިޔާސީ ޕާޓީތަކުން މަންދޫބުންގެ ގޮތުގައި 183 ފަރާތެއް ހުށަހެޅި

  • މަންދޫބުންގެ ގޮތުގައި ފުރުޞަތު ދޭނީ 109 ފަރާތަކަށް

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި މޮނިޓަރުންނާއި، އޮބްޒާވަރުންނާއި، މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވުމަށް 3،689 ފަރާތަކުން ފޯމް ހުށަހަޅާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

މީގެ ތެރޭގައި އޮބްޒަރވަރުންގެ ގޮތުގައި ފޯމް ހުށަހެޅި 1،067 ފަރާތަކާއި، މޮނިޓަރުންގެ ގޮތުގައި ހުށަހެޅި 2،439 ފަރާތެއް ހިމެނެއެވެ. އަދި ސިޔާސީ ޕާޓީތަކުން މަންދޫބުންގެ ގޮތުގައި 183 ފަރާތަކުން ފޯމް ހުށަހަޅާފައިވާ ކަމަށްވެސް އެ ކޮމިޝަނުން ވިދާޅުވިއެވެ. އެހެންނަމަވެސް، ދެވަނަ ބުރުގައި، އެންމެ ގިނަވެގެން މަންދޫބުގެ ގޮތުގައި ހަރަކާތްތެރިވެވޭނީ 109 މަންދޫބުންނަށް ކަމަށްވާތީ ކޮމިޝަނުން ހުއްދަދެއްވާނީ މިއަދަދަށް ކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، މިހާރު ކުރިއަށްދަނީ ހުށަހަޅާފައިވާ ފޯމުތައް ބަލާ، އޮބްޒަރވަރުންނާއި މޮނިޓަރުންނާއި މަންދޫބުންނަށް ފާސް ހަވާލު ކުރުމުގެ މަސައްކަތްކަމަށެވެ. ފާސްތައް ހަވާލުކުރުމުގެ މަސައްކަތް މިމަހުގެ 20ގެ ނިޔަލަށް ނިންމާލުމަށް އެ ކޮމިޝަނުން މަސައްކަތް ކުރައްވަމުން އަންނަކަމަށެވެ. އަދި ދެވަނަ ބުރުގައި ހަރަކާތްތެރިވާނެ، އޮބްޒަރވަރުންނާއި، މޮނިޓަރުން އަދި މަންދޫބުންގެ ޖުމްލަ އަދަދު އެނގޭނީ، ފޯމު ހުށަހެޅި ފަރާތްތަކުގެ ފޯމުތައް ބަލައިގަނެ، އެ ފަރާތްތަކަށް ފާސް ހަވާލުކޮށް، ނިމުމުންކަމަށް އިލެކްޝަނުން ވިދާޅުވެއެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގައި އޮބްޒަރވަރުންނާއި މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވި ފަރާތްތައް އަލުން ފާސް ނަގާކަށް ނުޖެހޭނެއެވެ. ފުރަތަމަ ބުރުގައި ބޭނުންކުރި ފާސް އެ ފަރާތްތަކަށް ބޭނުންކުރެވޭނެއެވެ. އަދި ދެވަނަ ބުރަށް ދިޔަ، ދެ ޕާޓީ ފިޔަވައި، އެހެން ޕާޓީތަކުންނާއި، އަމިއްލަ ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވި ފަރާތްތަކުގެ ފާސްތައް، ދެވަނަ ބުރުގައި ބޭނުން ނުކުރެވޭނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ދެވަނަ ބުރަށް އޮބްޒަރވަރުންނާއި މޮނިޓަރުންނާއި، ޕާޓީތަކުގެ މަންދޫބުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ފުރުޞަތު ހުޅުވާލީ، މިމަހުގެ 14 އިން 17 އަށެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބު ދެވަނަ ބުރަކަށް ދާންޖެހުނީ ފުރަތަމަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް، 50 އިންސައްތައަށް ވުރެ މަތިން ވޯޓު ނުލިބުމުންނެވެ. އިންތިޚާބުގެ ފުރަތަމަ ބުރުގައި އޮބްޒަރވް ކުރުމަށާއި، މޮނިޓަރ ކުރުމުގެ އިތުރުން، އަމިއްލަ ޖަމިއްޔާތަކުންނާއި، ސިޔާސީ ޕާޓީތަކުގެ މަންދޫބުންގެ ގޮތުގައި 8،152 ފަރާތެއް ވަނީ ފޯމު ހުށަހަޅުއްވާފައެވެ.