ޚަބަރު

އޮބްޒާވަރާ މަންދޫބު ސަސްޕެންޑުކުރީ ކުރިއަށް އޮތް ބޮޑު ދެ އިންތިޚާބަށް


  • އޮބްޒަރވަރާއި މަންދޫބު ސަސްޕެންޑު ކުރީ ކުރިއަށް އޮތް ބޮޑު 2 އިންތިޚާބާއި ހަމައަށް

  • އެއީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބާއި، ލޯކަލް ކައުންސިލް އިންތިޚާބު

  • ސަސްޕެންޑު ކުރީ އިންޓަނޭޝަނަލް އޮބްޒަރވަރަކާއި ދިމާލަށް ފުރައްސާރަ ކުރުމުން

އިންތިޚާބުގެ ސުލޫކީ މިންގަނޑާއި ޚިލާފުވި ދިވެހި އޮބްޒަރވަރަކާއި މަންދޫބު، ކުރިއަށް އޮތް ބޮޑު ދެ އިންތިޚާބުގައި ހަރަކާތްތެރި ނުވެވޭގޮތަށް ސަސްޕެންޑްކޮށްފިއެވެ.

އިންތިޚާބުގެ ސުލޫކީ މިންގަނޑާއި ޚިލާފުވުމުން ދިވެހި އޮބްޒަރވަރަކާއި މަންދޫބަކު ސަސްޕެންޑު ކޮށްފައިވަނީ، ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އިލެކްޝަންސް ކޮމިޝަނުން ދަޢުވަތު ދެއްވައިގެން އިންތިޚާބު އޮބްޒަރވް ކުރުމަށް ހަރަކާތްތެރިވި، އިންޓަނޭޝަނަލް އޮބްޒަރވަރަކަށް ފުރައްސާރަކުރުމާއި ގުޅިގެންނެވެ. ސަސްޕެންޑުކުރި އޮބްޒަރވަރާއި، މަންދޫބަކީ ސިޔާސީ ޕާޓީއެއް ތަމްސީލުކުރުމުގައި އިންތިޚާބުގައި ހަރަކާތްތެރިވި ބައެއްކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ. އެހެންނަމަވެސް، އެއީ ސީދާ ކޮން ޕާޓީއެއް ތަމްސީލްކުރި ބައެއްކަމެއް އިލެކްޝަންސް ކޮމިޝަނުން ހާމަކުރައްވާފައެއްނުވެއެވެ.

އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އިސްމާޢިލް ޙަބީބް ވިދާޅުވީ އިންތިޚާބުގެ ސުލޫކީ މިންގަނޑާއި ޚިލާފުވުމުން ސަސްޕެންޑް ކުރި އޮބްޒަރވަރާއި މަންދޫބު، އެ ކޮމިޝަނުން ސަސްޕެންޑު ކޮށްފައިވަނީ ކުރިއަށް އޮތް މަޖިލިސް އިންތިޚާބާއި، ލޯކަލް ކައުންސިލް އިންތިޚާބުގައި އޮބްޒަރވް ކުރުމަށް ހަރަކާތްތެރި ނުވެވޭގޮތަށް ކަމަށެވެ.

ސަސްޕެންޑް ކުރި އޮބްޒަރވަރާއި، މަންދޫބުގެ ބަދަލުގައި އިންތިޚާބުގެ ދެވަނަ ބުރުގައި ހަރަކާތްތެރިވުމަށް، އިތުރު އެހެން ފަރާތްތަކެއް ހުށަހެޅުމަށް، އެ ފަރާތްތައް ނިސްބަތްވާ ޕާޓީއަށް ފުރުޞަތު ދެއްވާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގައިވެސް ގިނަ އަދަދެއްގެ ބައިނަލްއަޤުވާމީ އޮބްޒަރވަރުންނާއި މޮނީޓަރުންގެ އިތުރުން ރާއްޖޭއިންވެސް ގިނަ އަދަދެއްގެ އޮބްޒަރވަރުންނާއި މޮނިޓަރުން އަދި ސިޔާސީ ޕާޓީތަކުގެ މަންދޫބުން ވޯޓުލާ މަރުކަޒުތަކުގައި ވަނީ ހަރަކާތްތެރިވެފައެވެ.