ޚަބަރު

އުތުރުތިލަފަޅު ހަދަން އިންޑިއާއަށް ދިނީ ކުރީގެ ސަރުކާރުން، އެތާނގައި ބޭރުގެ ސިފައިންނެއް ނުތިބޭނެ


  • 15 ހެކްޓަރުގެ ބިން ހިއްކާނެ

  • މެއިންޓެނެންސް އަދި މެޑިކަލް ފެސިލިޓީއެއް ޤާއިމުކުރާނެ

  • އަމާޒަކީ ޖެނުއަރީ 2025 އެއްކޮށް ނިންމާ އޮޕަރޭޝަނަށް ގެނައުން

  • މިއީ ކޯސްޓްގާޑުގެ އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކުރުމަށް މުހިންމު މަޝްރޫޢެއް

އުތުރު ތިލަފަޅުގައި ތަރައްޤީކުރާ ސިފައިންގެ "އެކަތަ" ބަނދަރުގެ މަސައްކަތް ޖެނުއަރީ 2025 އެއްކޮށް ނިންމާ އޮޕަރޭޝަނަށް ގެނެވޭނެކަމަށް ޤައުމީ ދިފާޢީ ބާރުން ވިދާޅުވެއްޖެއެވެ.

އުތުރު ތިލަފަޅުގައި އަސްކަރީ ބޮޑު މަޝްރޫޢެއް ހިންގުމަށް 2016 ވަނަ އަހަރު އިންޑިއާއާއެކު އެއްބަސްވީ ކުރީ ސަރުކާރުންނެވެ. ނަމަވެސް މި ސަރުކާރުން ވަނީ އެ އެއްބަސްވުމުގައި ހިމެނޭ ބައެއް ކަންކަން އުނިކުރައްވާ، ޕްރޮޖެކްޓް ސްކޯޕަށް ބަދަލު ގެންނަވާފައެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ތަރައްޤީކުރާ މި ބަނދަރަކީ ދިވެހި ސިފައިންގެ ކޯސްޓްގާޑް އުޅަނދުފަހަރު އަޅާފައި ބޭއްވުމަށާއި، އެ އުޅަނދުފަހަރު މަރާމާތުކުރުމަށްޓަކާ ތަރައްޤީކުރަމުންދާ ބަނދަރެކެވެ.

އުތުރު ތިލަފަޅާ ގުޅޭ ގޮތުން ދިވެހި ސަރުކާރުން އިސްނަގައިގެން އިންޑިޔާ ސަރުކާރާއެކު އެންމެ ފުރަތަމަ މަޝްވަރާ ކޮށްފައިވަނީ 2013 ވަނަ އަހަރު އޭރުގެ ދިފާޢީ ވަޒީރު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައެވެ. އެ ދަތުރުފުޅުގައި އުތުރު ތިލަފަޅުގައި ބޮޑު އަސްކަރީ މަޝްރޫޢުއެއް ހިންގުމަށްޓަކައި އެ ސަރުކާރުގެ ތަސައްވުރާއި، ކޮންސެޕްޓް ޑިޒައިން އިންޑިއާ ސަރުކާރަށް ވަނީ ހުށަހަޅާފައެވެ. އޭރު އެމްއެންޑީއެފުން އުތުރު ތިލަފަޅުން 1 ހެކްޓަރުގެ ބިން ހިއްކާފައިވެއެވެ.

2016 ވަނަ އަހަރު ދިވެހި ސަރުކާރާއި އިންޑިޔާ ސަރުކާރާ ދެމެދު ސޮއިކުރި "އެކްޝަން ޕްލޭން އޮން ޑިފެންސް ކޯޕަރޭޝަން ބިޓްވީން ދަ މޯލްޑިވްސް އެންޑް އިންޑިޔާ" ގައިވެސް އިންޑިއާ ސަރުކާރާ ގުޅިގެން އުތުރު ތިލަފަޅުގައި ބޮޑު އަސްކަރީ މަޝްރޫޢުއެއް ހިންގަން އެއްބަސްވެފައިވާކަމަށް ޑިފެންސް މިނިސްޓްރީން ވިދާޅުވެއެވެ.

އެހެންނަމަވެސް ކުރީ ސަރުކާރުން ހުށައެޅި ބޮޑު އަސްކަރީ މަޝްރޫޢުގެ ސްކޯޕް ހަނިކޮށް މި ސަރުކާރުން 2019 ވަނަ އަހަރު އުތުރު ތިލަފަޅުގައި ކޯސްޓްގާޑް އުޅަނދުފަހަރު އަޅާފައި ބާއްވާނެ ބަނދަރަކާއި، އެ އުޅަނދުފަހަރު މަރާމާތުކުރާނެ ޑޮކްޔާޑެއް ތަރައްޤީކުރުމަށް ނިންމެވިއެވެ. އެގޮތުން 40 ހެކްޓަރުގެ ބިން ހިއްކުމާއި، މެރިޓައިމް ސެކިއުރިޓީއާއި، އެއްބަސްވުމުގައި ހިމެނޭ ޖޮއިންޓް އެންޑް މެނޭޖްމަންޓް ކޮމްޕޯނަންޓް މި ސަރުކާރުން ވަނީ އުނިކުރައްވާފައެވެ.

އަމާޒު ޖެނުއަރީ 2025އަށް ނިންމާ އޮޕަރޭޝަނަށް ގެނައުން

އުތުރު ތިލަފަޅުގައި ސިފައިންގެ ކޯސްޓްގާޑުގެ ބަނދަރަކާއި ޑޮކްޔާޑެއް ތަރައްޤީކުރަން އިންޑިއާއާއެކު ރާއްޖެއިން ސޮއިކުރީ 2021 ވަނަ އަހަރުގެ ފެބްރުއަރީ މަހުގެ 21 ވަނަ ދުވަހުގައެވެ. އަދި މަޝްރޫޢުގެ ޢަމަލީ މަސައްކަތް މިއަހަރުގެ ޖެނުއަރީމަހުން ފެށިގެން އަންނަނީ ކުރަމުންނެވެ. މި މަސައްކަތް ކުރަމުންދަނީ ސިވިލް ކޮންޓްރެކްޓެއްގެ ދަށުން ރެއިލް ވިކާސް ނިކަމް ނަމަކަށްކިޔާ ކުންފުންޏަކާ ޙަވާލުކޮށްގެންނެވެ.

ސިފައިންގެ "އެކަތަ" ބަނދަރަކީ މާލެއިން ފުރައިގެން ވިއްސަކަށް މިނެޓުން ސްޕީޑް ލޯންޗެއްގައި ދެވޭހާ ކައިރީގައި ތަރައްޤީކުރާ ތަނެކެވެ. އެތަނުގައި މިވަގުތު ކުރަމުން އަންނަނީ ބިން ހިއްކުމުގެ މަސައްކަތާއި ބޭރުތޮށިލުމުގެ މަސައްކަތެވެ. މި މަސައްކަތުގެވެސް ބޮޑުބައެއް މިހާރު ވަނީ ނިމިފައެވެ. ބިން ހިއްކުމާއި ތޮށިލުމުގެ މަސައްކަތް އަންނަ އަހަރުގެ މާރިޗުމަހުގެ ނިޔަލަށް ނިންމާލެވޭނެކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވެއެވެ.

"އެކަތަ" ބަނދަރުގައި ޤާއިމުކުރާ ވަޞީލަތްތަކަށް ބޭނުންވާ ޖުމްލަ 15 ހެކްޓަރުގެ ބިން ހިއްކާނެއެވެ. މި މަޝްރޫޢުގެ ދަށުން ކޯސްޓްގާޑުގެ އުޅަނދުތައް ބަނދަރުކޮށްފައި ބާއްވާނެ 300 މީޓަރުގެ އެލޯންގްސައިޑް ބާރތެއް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މެޑިކަލް ފެސިލިޓީއަކާއި، އިދާރީ ކަންކަމަށް ޚާއްސަ އިމާރާތެއްގެ އިތުރުން، މެއިންޓެނެންސް ފެސިލިޓީއަކާއި ރެކްރިއޭޝަން ފެސިލިޓީއެއްވެސް މިތަނުގައި ތަރައްޤީކުރެވިގެންދާނެއެވެ.

ސިފައިންގެ އޮޕަރޭޝަނަލް ކެޕޭސިޓީ ފުޅާކުރުމަށް މުހިންމު މަޝްރޫޢެއް

މުޅި މިޝްރޫޢުގެ މަސައްކަތް 2025 ވަނަ އަހަރުގެ ޖެނުއަރީއަށް ނިންމާ އޮޕަރޭޝަނަށް ގެނެވޭވަރުވާނެކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވެއެވެ. މިތަން ބޭނުންކުރަން ފެށުމާއެކު މާލެއާއި ހުޅުމާލޭ ފަޅުގައި އަޅާފައިވާ ކޯސްޓްގާޑް ފްލީޓުގެ އުޅަނދުތައް ކުރިއަށް އޮތްތާނގައި ބަނދަރުކުރާނީ އެކަތަ ބަނދަރުގައެވެ. މިއީ އެމް.އެން.ޑީ.އެފްގެ އޮޕަރޭޝަނަލް ކެޕޭސިޓީ އިތުރުކުރުމަށް ހިންގޭ މުހިންމު މަޝްރޫޢެއްކަމަށް އެމް.އެން.ޑީ.އެފުން ވިދާޅުވެއެވެ.

މި ބަނދަރުގެ ޢަމަލީ މަސައްކަތް ކުރިއަށްދާއިރު، ތަނުގެ ސެކިއުރިޓީ ކަންކަން ބެލެހެއްޓުމަށް ދިވެހި ސިފައިން އަންނަނީ 24 ގަޑިއިރު މަސައްކަތް ކުރަމުންނެވެ.

އުތުރު ތިލަފަޅުގައި ތަރައްޤީކުރާ "އެކަތަ" ބަނދަރާއި، އެ ބަނދަރުގައިވާ ވަޞީލަތްތަކަކީ ދިވެހި ދަޢުލަތުގެ ފުރިހަމަ ބާރު ހިނގާ ތަނެއްކަމަށާއި، އެތަނުގައި ބޭރުގެ އެއްވެސް ސިފައިންނެއް ނުތިބޭނެކަމުގެ ޔަޤީންކަން ޤައުމީ ދިފާޢީ ބާރުން ވަނީ ދެއްވާފައެވެ. އަދި "އެކަތަ" ބަނދަރަކީ އިންޑިޔާގެ "މިލިޓަރީ ބޭސް" އެއް ކަމަށް ބުނެ ފަތުރަމުންދާ ވާހަކަތައް ޤައުމީ ދިފާޢީ ބާރުން ދޮގުކުރައްވައެވެ.

މި ބަނދަރުގައި އެހެން އެއްވެސް ޤައުމެއްގެ ސިފައިން ޤައިމްވެ ނުތިބޭނެކަމަށާއި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތަށް އުނިކަމެއް އަތުވެދާނެފަދަ އެއްވެސް ކަމަކަށް ޖާގަ ނުދޭނެކަމުގެ ޔަޤީންކަން ޤައުމީ ދިފާޢީ ބާރުގެ ލީޑާރޝިޕުން ވަނީ ދެއްވާފައެވެ.

ދިވެހި ސިފައިންގެ މުއްސަސައަކީ ޤައުމުގެ އަމަންއަމާންކަމާއި ސިޔާދަތު ދިފާޢުކުރުމުގެ އެންމެ ފަހު އައްޑަނައެވެ. އެގޮތުން މިފަދަ ހައްސާސް ދަނޑިވަޅެއްގައި ދިވެހި ސިފައިންގެ ތަރައްޤީއަށް ހިންގޭ ކަންކަމަށް ހުރަސްއަޅައި ނަފްރަތު އުފެއްދަމުން ކުރަމުންދާ މަސައްކަތްތައް ހުއްޓާލުމަށް ޑިފެންސް މިނިސްޓްރީން ވަނީ އިލްތިމާސްކުރައްވާފައެވެ.