ޚަބަރު

ދެވަނަ ބުރުގަ ވޯޓު ފޮށީގެ ޢަދަދަށް ބަދަލުއަޔަސް ބަހައްޓާ ތަން ބަދަލެއް ނުވާނެ: އީސީ


  • އިތުރު ޤައުމެއް އަދި ރިސޯޓެއްވެސް އިތުރުނުކުރާނެ

  • މީހުން ރެޖިސްޓަރކުރާ އަދަދު ގިނަވެއްޖެނަމަ، ފޮށީގެ އަދަދު އިތުރުކުރާނެ

  • 574 ވޯޓު ފޮށި ފުރަތަމަ ބުރުގަ ބެހެއްޓި

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ބަހައްޓާ ވޯޓު ފޮށީގެ ޢަދަދަށް ބަދަލު އަތުވެދާނެކަމަށާއި، ނަމަވެސް ވޯޓު ފޮށި ބަހައްޓާ އެއްވެސް ތަނަކަށް ބަދަލު ނާންނާނެކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ވޯޓުލުމަށް ބެހެއްޓީ 574 ވޯޓު ފޮއްޓެވެ. އެއީ މާލެއާއި، އަތޮޅުތަކާއި، ޖަލުތަކާއި، ސިނާޢީ ރަށްތަކުގެ އިތުރުން ރާއްޖެ ބޭރުގެ ބައެއް ގައުމުތައް ހިމެނޭގޮތަށެވެ.

އިލެކްޝަން ކޮމިޝަނުން ވިދާޅުވީ، ރަށްވެހިވެފައިވާ ތަން ނޫން އެހެންތަނަކަށް ރީ- ރެޖިސްޓަރކުރުމަށް ހުޅުވާލާފައިވާ ފުރުޞަތު ހަމަވުމުން، ރީ-ރަޖިސްޓްރީކުރި އަދަދަށް ބަލާ، ފޮށީގެ އަދަދު އިތުރުކުރަންޖެހުނު ނަމަވެސް، ވޯޓުފޮށި ބަހައްޓާ ތަންތަނަށް އެއްވެސް ބަދަލެއް ނުގެންނާނެކަމަށެވެ. މިގޮތުން މީހުން ދިރިއުޅޭ ރަށްރަށުގައި ބަހައްޓާ ވޯޓު ފޮށީގެ ޢަދަދަށް ބަދަލު އައިނަމަވެސް، ރިސޯޓް ނުވަތަ އިތުރު ޤައުމެއްގައިވެސް އަލަށް ވޯޓު ފޮށި ނުބަހައްޓާގޮތަށް ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ، އިންތިޚާބުގެ ފުރަތަމަ ބުރުގައި ރިސޯޓްތަކަށް އަދި ޤައުމުތަކަށްވެސް ރީރެޖިސްޓަރވުމަށް ގިނަ ފުރުޞަތުތަކެއް ދިންކަމަށެވެ.

އެހެންކަމުން މިބުރުގައިވެސް، އިތުރު ޤައުމެއް ނުވަތަ ސަރަހައްދެއްގައި ފޮއްޓެއް ބެހެއްޓޭވަރަށް މީހުން ރެޖިސްޓްރީކުރާނެކަމަށް ނުބެލެވޭކަމަށް ހަބީބު ވިދާޅުވިއެވެ. މިގޮތަށް އިތުރު ގައުމެއްގައި ނުވަތަ ރިސޯޓެއްގައި އަލަށް ފޮށި ބަހައްޓާކަމަށްވާނަމަ އިދާރީގޮތުންވެސް ބޮޑެތި އުނދަގޫތަކެއް ކުރިމަތިވާނެކަން ޙަބީބު ފާހަގަކުރެއްވިއެވެ.

ޙަބީބު ވިދާޅުވީ މީހުން ދިރިއުޅޭ ރަށްރަށުގައި ފޮއްޓަށކަށް ވޯޓުލުމަށް ކަނޑައަޅާފައިވާ އަދަދަށްވުރެ އިތުރަށް މީހުން ވޯޓުލުމަށް ރެޖިސްޓަރކޮށްފިނަަމަ، އިތުރު ވޯޓު ފޮއްޓެއް އެ ރަށެއްގެ އެތަނެއްގައި ބަހައްޓާނެކަމަށެވެ.

އިންތިޚާބުގެ ފުރަތަމަ ބުރުގަ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ވޯޓުލުމަށް 574 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. މިގެތެރޭގައި 65 ރިސޯޓާއި، 5 ޤައުމަކާއި ސިނާޢީ 5ރަށް އަދި 5 ޖަލެއް ހިމެނެއެވެ. ވޯޓު ފޮށި ބަހައްޓާ ޤައުމުތަކަކީ ޔޫއޭއީގެ ދުބާއީ، އިންއާގެ ޓްރިވެންޑްރަމް، ސްރީލަންކާގެ ކޮލަމްބޯ، މެލޭޝީއާގެ ކުއަލަލަމްޕޫރް އަދި އިނގިރޭސިވިލާތުގެ ލަންޑަންއެވެ.

އިލެކްޝަން ކޮމިޝަނުން ފުރަތަމަ ނިންމީ 609 ވޯޓު ފޮށި ބެހެއްޓުމަށެވެ. ނަމަވެސް ރެޖިސްޓަރކުރި މީހުންގެ އަދަދަށް ބަލާ، ވޯޓު ފޮށިތަކުގެ އަދަދު މަދުކުރީއެވެ.

ދެވަނަ ބުރުގައި 282803 މީހުނަށް ވޯޓު ލުމުގެ ޙައްޤު ލިބިގެންވެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަބުރުގެ ވޯޓުލުން އޮންނާނީ މިމަހުގެ 30ވަނަ ދުވަހުއެވެ. ދެވަނަބުރުގައި ވޯޓުލާ ތަން ބަދަލުކުރާ މީހުންނަށް، ރީ ރެޖިސްޓްރީ ވުމުގެ ފުރުޞަތުވެސް މިހާރު އިލެކްޝަން ކޮމިޝަނުން ވަނީ ހުޅުވާލާފައެވެ.