ޚަބަރު

ރީ-ރަޖިސްޓަރވުމަށް ފުރަތަމަ ދުވަހު އެކަނިވެސް 9000އަށް ވުރެގިނަ ފޯމް


  • ދެވަނަބުރަށް މިހާތަނަށް 9000މީހުން ރީރެޖިސްޓަރވާން ހުށައަޅާފައިވޭ

  • މަޢުލޫމާތު ރަނގަޅުކުރުމަށް 400 ފޯމު ވަނީ ރިޖެކްޓްކޮށްފަ

  • ރީރެޖިސްޓަރވުމަށް ހުޅުވާލާފައިވަނީ މާދަމާގެ ހަވީރު 04:00ގެ ނިޔަލަށް

ދެވަނަ ބުރަށް ރީ-ރެޖިސްޓަރވުމަށް ހުޅުވާލި ފުރުޞަތުގައި ފުރަތަމަ ދުވަހު އެކަނި 9000އަށްވުރެ ގިނަ މީހުން ރީ-ރެޖިސްޓްރީވުމަށް ހުށައަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ދެވަނަ ބުރުގައި ވޯޓުލާތަން ބަދަލުކުރަން ބޭނުންވާ މީހުން އަލުން ރަޖިސްޓަރވުމަށް ހުޅުވާލީ ހުކުރު ދުވަހުގެ މެންދުރުފަހު 03:00ގައެވެ. އެ ފުރުޞަތު ހުޅުވާލާފައިވަނީ މާދަމާ ހަވީރު 04:00އާއި ހަމައަށެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބު ރައީސް އިސްމާޢީލް ޙަބީބު ވިދާޅުވީ ފުރުޞަތު ހުޅުވާލި ފުރަތަމަ ދުވަހު އެކަނިވެސް 9000އަށްވުރެ ގިނަ މީހުން ރީ-ރެޖިސްޓަރވުމަށް ފޯމު ހުށައަޅާފައިވާކަމަށެވެ. މީގެތެރެއިން 7000އަށްވުރެ ގިނަ މީހުން ފޯމު ހުށައަޅާފައިވަނީ އޮންލައިންކޮށްކަމަށްވެސް ހަބީބު ވިދާޅުވިއެވެ.

ރީ-ރެޖިސްޓަރވުމަށް އޮންލައިންކޮށް އަދި ކަރުދާސް ފޯމުގައިވެސް ހުށައެޅޭނެއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ ރީ ރަޖިސްޓަރވުމަށް ހުށައަޅާ ފޯމުތަކުގެ ޞައްޙަކަން ކަށަވަރުކުރުމަށް މުހިންމު މަސައްކަތްތަކެއް ކުރައްވާކަމަށެވެ. އެގޮތުން އޮންލައިންކޮށް ހުށައަޅާ ފޯމުވެސް ހުށައެޅެނީ ފޯމު ފުރަމުންދާއިރު "ލައިވް ފޮޓޯ" ނުވަތަ ވަގުތުން ފޯނުން ފޮޓޯއެއް ނަގަންޖެހޭގޮތަށެވެ.
ހަބީބު ވިދާޅުވީ އޮންލައިންކޮށް ހުށައެޅި ބައެއް ފޯމުތަކުގައި، މައްސަލަހުރެގެން 400 ފޯމު ރިޖެކްޓްކޮށް، އަލުން މަޢުލޫމާތު ރަނގަޅުކުރުމަށް ފުރުސަތުދީފައިވާކަމަށެވެ.

އިލެކްޝަން ކޮމިޝަނުން ވިދާޅުވީ ކަރުދާސް ފޯމުގެ ގޮތުގައި ހުށައަޅާ ލިޔެކިޔުންތަކުގެ ސައްޙަކަންވެސް ކަށަވަރުކުރާނެކަމަށެވެ. ޙަބީބު ވިދާޅުވީ ދެވަނަބުރުގައި ރީ-ރެޖިސްޓަރ ކުރުމަށް، އެއްފަހަރާ ގިނަ ފޯމު ނުވަތަ ފޯމު ސެޓު ގެންނަ ފަރާތްތަކުން ހުށައަޅާ ލިޔުންތަކުގެ ސައްޙަކަން ދެނެގަތުމަށް، ފޯމުގައި ހިމެނޭ މީހާއަށް ގުޅާ މަޢުލޫމާތު ކަށަވަރުކުރާނެކަމަށެވެ. މިގޮތަށް ގުޅާނީ އިލެކްޝަން ކޮމިޝަލްގެ ފޯނު ނަންބަރަކުންކަން ހަބީބު ފާހަގަކުރެއްވިއެވެ.

އަދި ސައްހަނޫން ފޯމެއް ހުށަހަޅައިފިނަމަ، އެ ފޯމެއް ހުށަހެޅި ފަރާތަކާ މެދު ފިޔަވަޅު އަޅަން އިލެކްޝަންސް ކޮމިޝަނުން ނިންމާފައިވާކަމަށްވެސް ޙަބީބު ވިދާޅުވިއެވެ. އެ ކޮމިޝަނުން އަބަދުވެސް މަސައްކަތްކުރަމުން ދަނީ އެއްވެސް މީހެއްގެ ވޯޓުލުމުގެ ހައްގަށް އެއްވެސް ފަރާތަކުން ހުރަސް ނޭޅޭނެގޮތަށް މަސައްކަތްތައް ގެންދިއުމަށްކަމަށް ޙަބީބް ވިދާޅުވިއެވެ. ޙަބީބް ވިދާޅުވީ މީހެއްގެ ވޯޓުލުމުގެ ޙައްޤު ގެއްލޭގޮތަށް ޢަމަލުކުރުމަކީ ޤާނޫނީ ކުށެއްކަމަށާއި، މިގޮތަށް ޢަމަލުކުރާ ފަރާތްތަކާމެދު ޤާނޫން ކަނޑައަޅާފައިވާގޮތަށް ފިޔަވަޅު އަލުއްވާނެކަމަށެވެ.

ފުރަތަމަ ބުރުގައި ރީ-ރީރެޖިސްޓަރ ވުމަށް ހުޅުވާލުމުން 50،000 އަށްވުރެ ގިނަ މީހުން ރީރެޖިސްޓަރވެފައިވެއެވެ. މީގެތެރެއިން 22800 މީހުންނަކީ އޮންލައިންކޮށް ރެޖިސްޓަރވުމަށް ހުށައެޅި މީހުންނެވެ.

އިންތިޚާބުގެ ދެވަނަބުރުގައި 282803 މީހުންނަށް ވޯޓުލުމުގެ ޙައްޤު ލިބެއެވެ. އޭގެތެރެއިން 408މީހުންނަކީ ސެޕްޓެމްބަރު މަހުގެ 30ގެ ނިޔަލަށް 18 އަހަރު ފުރޭ ޒުވާނުންނެވެ.