ޚަބަރު

ލުބުނާނުގެ ހަމަނުޖެހުން: ފަލަސްޠީނުގެ އިތުރު ހަތް މީހުން މަރުވެއްޖެ


ލުބްނާނުގެ ދެކުނުގައިވާ ޞައިދާގައި އޮންނަ ފަލަސްޠީނުގެ ރެފިއުޖީ ކޭމްޕެއްގައި ހިނގަމުންދާ ހަމަނުޖެހުންތަކުގައި އިތުރު ހަތް މީހުން މަރުވެއްޖެއެވެ. ހަމަނުޖެހުންތައް ހިނގަނީ ޞައިދާގައި އޮންނަ އެންމެ ބޮޑު ރެފިއުޖީ ކޭމްޕު ކަމުގައިވާ ޢައިން އަލް-ޙުލްވާގައެވެ. އެއީ، ފަލަސްޠީނުގެ 63,000 އަށްވުރެ ގިނަ ރެފިއުޖީން ދިރިއުޅޭ ކޭމްޕެކެވެ.

ލުބުނާނުގައި ހަރަކާތްތެރިވާ ފަލަސްޠީނުގެ ރެޑް ކްރެސެންޓުގެ ގޮފިން ބުނީ ހުސްވި ހަފުތާއިން ފެށިގެން ޢައިން އަލް-ޙުލްވާ ރެފިއުޖީ ކޭމްޕުގައި މެދުކެނޑުމެއް ނެތި ހަމަނުޖެހުން ހިނގަމުންދާ ކަމުގައެވެ. އަދި، މި ހަމަނުޖެހުންތަކުގައި ގިނަ ޢަދަދެއްގެ ބަޔަކު ޒަޚަމުވެފައިވާއިރު، ހަތް މީހުން މަރުވެފައިވާ ކަން ކަށަވަރު ކުރެވިފައިވާ ކަމުގައެވެ. ރެޑް ކްރެސެންޓުގެ އޮފިޝަލެއް ކަމުގައިވާ ޢައިމާދް ޙައްލާޤް ވިދާޅުވީ މިހާތަނަށް 16 މީހުން ޒަޚަމުވެފައިވާ ކަމުގައެވެ.

މި ހަމަނުޖެހުންތަކުގެ އެއް ފަޅީގައި އޮތީ ފަލަސްޠީނުގައި ވެރިކަން ކުރާ ފަތަޙަ ޖަމާޢަތެވެ. އަނެއް ކޮޅުގައި އޮތީ ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރާ މުޖާހިދުންގެ ޖަމާޢަތްތަކެވެ. ޣައްޒާގައި ވެރިކަން ކުރާ ހަމާސް ޖަމާޢަތުން މި ހަމަނުޖެހުންތަކުގައި ބައިވެރިވެފައި ނުވާ ކަމުގައި މަސްރަޙު ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

ޢައިން އަލް-ޙުލްވާ ރެފިއުޖީ ކޭމްޕުގައި ހިނގަމުންދާ ހަމަނުޖެހުންތައް އެންމެ ފުރަތަމަ ފެށިފައި ވަނީ ހުސްވި އޮގަސްޓު މަހުގެ މެދުތެރޭގައެވެ. މި ހަމަނުޖެހުންތަކުގައި މިހާތަނަށް މަރުވެފައިވާ މީހުންގެ ޢަދަދު 16 އަށް އަރާއިރު، 100 އަށްވުރެ ގިނަ މީހުން ޒަޚަމުވެފައިވާ ކަމުގައި ޙައްލާޤް ވިދާޅުވިއެވެ.

ހަމަނުޖެހުންތައް ހުއްޓައިލާ ސުލްޙަ ޤާއިމުކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް ފަތަޙް ޖަމާޢަތުގެ އިސް އޮފިޝަލެއް ކަމުގައިވާ ޢައްޒާމް އަލް-އަޙްމަދާއި ހަމާސް ޖަމާޢަތުގެ މޫސާ އަބޫ މަރްޒޫޤު ވަނީ ލުބުނާނުގެ ވެރިރަށް ބެއިރޫތުގައި ބައްދަލު ކުރައްވާފައެވެ. އަދި، ހަމަނުޖެހުންތައް ހުއްޓައިލަން ގުޅިގެން މަސައްކަތް ކުރަން އެއްބަސްވެފައެވެ.

ހަމަނުޖެހުންތައް ބޮއްސުންލުމާ ގުޅިގެން ޢައިން އަލް-ޙުލްވާ ކޭމްޕުގައި ދިރިއުޅޭ ގިނަ ޢަދަދެއްގެ ރެފިއުޖީން، އެ ތަން ދޫކޮށް ރައްކާތެރި ހިސާބުތަކަށް ބަދަލުވާން މަސައްކަތް ކުރަމުންދާ ކަމުގައި އޮފިޝަލުން ވިދާޅުވިއެވެ. ހަމަނުޖެހުންތަކާ ގުޅިގެން ރެފިއުޖީ ކޭމްޕުގައި އ.ދގެ ރިލީފް އެންޑް ވަރކްސް އޭޖެންސީ ފޯ ޕެލެސްޓައިން ރެފިއުޖީޒް (ޔޫ.އެން.އާރް.ޑަބްލިޔު.އޭ)ން ހިންގާ ސްކޫލްތަކާއި ކުލާސްތައް ވެސް މިހާރު ވަނީ ބަންދުކޮށްފައެވެ.

ފަލަސްޠީނުގެ އެތަކެއް ހާސް ރެފިއުޖީންނެއް ލުބުނާނަށް ހިޖުރަކޮށްފައި ވަނީ އެ މީހުންގެ ބިންތަކުގައި ޔަހޫދީން ވަޒަންވެރިކޮށް، 1948 ވަނަ އަހަރު ޔަހޫދީންގެ ޖައްބާރު ދަޢުލަތް ގާއިމުކުރުމާ ގުޅިގެންނެވެ. ލުބުނާނުގައި 12 ރެފިއުޖީ ކޭމްޕު ހުރިއިރު، އެ ކޭމްޕުތަކުގައި ފަލަސްޠީނުގެ 400,000 އަށްވުރެ ގިނަ ރެފިއުޖީން ދިރިއުޅެއެވެ. ފަލަސްޠީނާއި ލުބުނާނާ ދެމެދު 1969 ވަނަ އަހަރު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން އެ ކޭމްޕުތަކުގައި އަމަން ބަލަހައްޓަނީ ފަލަސްޠީނުގެ ޖަމާޢަތްތަކުންނެވެ.