ޚަބަރު

ޕްރައިމްޓައިމްގެ ތެރެއިންވެސް މިފަހަރު ކެންޑިޑޭޓުންނަށް ހިލޭ ދޫކުރާ ވަގުތު ލިބޭނެ: ޕީއެސްއެމް


  • ކަނޑައެޅި ވަގުތުތަކުގެ ތެރެއިން ޕާޓީތަކުން ބޭނުންކޮށްފައިވަނީ %15

  • ޕްރައިމްޓައިމް ޕީއެސްއެމުން އެއްވެސް ކެނޑިޑޭޓަކަށް ހިލޭ ދޫކޮށްފައެއްނުވޭ

  • ހަމަހަމަ ފުރުޞަތު ފަހިކޮށްދިނުމަށް މިއީ ކުރިއަށް އެޅުނު ފިޔަވަޅެއް

ރިޔާސީ އިންތިޚާބުގައި ޕީ.އެސް.އެމްގެ އެކި ޗެނަލްތަކުގެ ޕްރައިމްޓައިމްގެ ތެރެއިންވެސް ކެންޑިޑޭޓުންނާއި ޕާޓީތަކަށް ހިލޭ ދޫކުރާ ވަގުތު މިފަހަރު ލިބޭނެކަމަށް ޕަބްލިކް ސަރވިސް މީޑިއާ، ޕީ.އެސް.އެމްއިން ބުނެފިއެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ތެރެއިން ސިޔާސީ ޕާޓީތަކަށާއި ކެންޑިޑޭޓުންނަށް ޕީ.އެސް.އެމްގެ ޗެނަލްތަކުން ކަނޑައެޅި އޮން-އެއަރ ވަގުތުގެ ތެރެއިން ޕާޓީތަކުން ބޭނުންކޮށްފައިވަނީ އެންމެ %15 ވަގުތެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ވާދަކުރެއްވި ރިޔާސީ ކެންޑިޑޭޓުންނާއި ގުޅޭ ތަފާތު ޕްރޮގްރާމްތައް ޕީ.އެސް.އެމްގެ ކުޑައިގެ ދަށުން ހިންގާ ޗެނަލްތަކުން ވަނީ ގެނެސްދީފައެވެ. މި ޕްރޮގްރާމްތަކުގެ އިތުރުން އެކި ޗެނަލްތަކުން އޮންއެއަރ ވަގުތު ވިއްކައިގެންނާއި، އިޝްތިހާރުގެ ގޮތުގައި އަދި ހިލޭ ދޫކުރާ ވަގުތުގެ ގޮތުގައިވެސް ކެންޑިޑޭޓުންނާއި ޕާޓީތަކަށް ވަނީ ވަގުތު ދޫކޮށްފައެވެ.

ރިޔާސީ އިންތިޚާބު އިޢުލާންކުރުމުގެ ކުރިންވެސް ޕީއެސްއެމުން ގެންގުޅެމުން އަންނަ އެއް މިންގަޑަކީ ރައީސުލްޖުމްހޫރިއްޔާ ބައިވެރި ވަޑައިގަންނަވާ ޕާޓީގެ އިވެންޓުތައް ޕީއެސްއެމުން ގެނެސް ނުދިނުމެވެ. ޕާޓީގެ ހަރަކާތްތައް ޕީއެސްއެމުން ގެނެސްދީފައިވާނީ ވިޔަފާރި އުޞޫލުންނެވެ. މީއީ ހުރިހާ ޕާޓީތަކަށްވެސް ހުޅުވިފައި އޮތް ފުރުޞަތަކެވެ. ބައެއް ޕާޓީތަކުން މިގޮތަށް ވަޤުތު ގަނެގެން މަސައްކަތްކޮށްފައި އެބަހުއްޓެވެ.

އިލެކްޝަނުން ކެންޑިޑޭޓުން ފާސްކުރުމާއި ހިސާބުން ޕީއެސްއެމުން ރައީސަށްވެސް ހަމަޖެއްސީ އެހެން ކެންޑިޑޭޓުންނަށް ދޭ ފުރުޞަތެކެވެ. ހުރިހާ ކެންޑިޑޭޓުންނަށް ޕްރޮގްރާމްތަކުން ދެވޭ ފުރުޞަތު ހަމަހަމައެވެ. އަދި ގަޑި ގަނެގެންނާއި އިޝްތިހާރު ދެއްކުމަށްވެސް ފުރުޞަތުހުރީ އެއްވަރަކަށް ކަނޑައެޅިފައެވެ.

ޕީ.އެސް.އެމްގެ މެނޭޖިންގ ޑިރެކްޓަރ ޢަލީ ޚާލިދު ވިދާޅުވީ، ޕްރައިމްޓައިމުގެ ވަޤުތުތަށް ޕީއެސްއެމުން އެއްވެސް ކެނޑިޑޭޓަކަށް ހިލޭ ދޫކޮށްފައި ނުވާކަމަށެވެ. އެހެންނަމަވެސް ކޮމާޝަލް އަގުގައި ޕާޓީތަކުން ބޭނުންވެއްޖެނަމަ އެ ގަޑި ގަތުމުގެ ފުރުޞަތު އޮންނާނެކަމަށާއި، މިއީވެސް ހަމަހަމަ ކުރުމުގެ ގޮތުން ކަނޑައަޅާފައިވާގޮތެއްކަމަށް ޚާލިދު ވިދާޅުވިއެވެ.

"މިފަހަރު ޕްރައިމްޓައިމްގައި އެއްވެސް ބޭފުޅަކަށް އަގަކާނުލާ ދެވޭ ވަގުތުތަކެއް ނުހުންނާނެ އެއްވެސް ޕާޓީއަކަށް އެއްވެސް ކެނޑިޑޭޓަކަށް ދެވިފައެއް. ނަމަވެސް ކޮމާޝަލް އަގުގައި ޕާޓީތަކުން ބޭނުންވެއްޖެނަމަ އެ ގަޑި ގަނެވޭނެ. އެއީ 120 މިނެޓްގެ ވަގުތެއް. އެއީވެސް ހަމަހަމަ ކުރަންވެގެން އަޅުގަނޑުމެން ކަނޑައަޅާފައި އޮންނަގޮތެއް" ޚާލިދު ވިދާޅުވިއެވެ.

އިންތިޚާބުގެ ކެމްޕޭންގެ ތެރެއިން ހުރިހާ ކެންޑިޑޭޓުންނަށްވެސް ޕީ.އެސް.އެމްއިން ފުރުޞަތު ދީފައިވަނީ ރޭޑިއޯ ޓީވީން ހުރިހާ ކެންޑިޑޭޓުންވެސް ހަމަހަމަވާގޮތަށެވެ. އަދި ރޭގަނޑުގެ ވަޤުތުތަކަކީ ޕީ.އެސް.އެމުން މިހާރުވެސް އިޝްތިހާރުގެ ގޮތުގައި އާމްދަނީ ލިބެމުންއަންނަ ވަޤުތުތަކެކެވެ. އެހެންކަމުން ރޭގަނޑުގެ ވަޤުތުތައް ކެންޑިޑޭޓުންނަށް ދޫކުރެވިފައި ވާނީ ވިޔަފާރި އުސޫލުން ދޫކުރެވިފައެވެ. މިގޮތުން އެމް.ޑީ.ޕީ، ޕީ.އެން.ސީ-ޕީ.ޕީ.އެމް، ދަ ޑިމޮކްރެޓްސް، އަދި އެމް.އެން.ޕީއިން ވަނީ މިވަގުތުތަކުގެ ބޭނުން ހިފާފައެވެ.

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ތަޖުރިބާއާއި، އިންތިޚާބުގެ ކަންކަން އޮބްޒާވްކުރުމަށް ހަރަކާތްތެރިވި ބޭރުގެ އޮބްޒާވަރުންގެ ޓީމުން ފާހަގަކޮށްފައި ހުރި ކަންކަމަށް ބަލާ، ގެންނަންޖެހޭ ބަދަލުތައް ގެންނާނެކަމަށް ޢަލީ ޚާލިދު ވިދާޅުވިއެވެ. އެގޮތުން ޕްރައިމްޓައިމްގެ ވަގުތުތަކުގައިވެސް ކެންޑިޑޭޓުންނަށް ހިލޭ ދޫކުރާ ވަގުތު މިފަހަރު ލިބޭނެކަމަށް ޚާލިދު ވިދާޅުވިއެވެ.

"މި އިންތިޚާބުގައި މިކުރެވުނު ތަޖުރިބާގެ އަލީގައި އިންތިޚާބުގެ ދެވަނަ ބުރުގައި އަޅުގަނޑުމެން ބައެއް ބަދަލުތައް ގެންނާނަން. އެއީ ޕްރައިޓައިމްގެ ވަގުތުތަކުގައި ހުސްވަގުތުތައްވެސް މިފަހަރު އެލޮކޭޓްކުރާނަން. އަޅުގަނޑުމެންގެ ވިސްނުން މިހުރީ ހަރުދަނާކޮށް މިކަން ދާއިމަށް ކުރިއަށްގެންދެވޭނެގޮތަށް ވިސްނުން ބަހައްޓައިގެން ކަންކަން އިންތިޒާމްކުރުމަށް. މި އިންތިޚާބުގެ ކަންކަން ކުރިއަށްގެންދެވުނު ގޮތުން މިހާރުވެސް ކުރިއަށް މި އެޅުނީ ފިޔަވަޅެއްކަމަށް ޤަބޫލުކުރަން" ޢަލީ ޚާލިދު ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބުގައި ބައިވިރިވި ހުރިހާ ކެންޑިޑޭޓުންނަށް ވަރަށް ހަމަހަމަ ފުރުޞަތު ހަމަޖައްސާދެވުން ޢަލީ ޚާލިދު ސިފަކުރެއްވީ ކުރިއަށް އެޅުނު މުހިންމު ފިޔަވަޅެއްގެ ގޮތުގައެވެ. އެގޮތުން އެންމެފަހުން ބޭއްވުނު ރިޔާސީ އިންތިޚާބުގައި ޕީ.އެސް.އެމްއިން ކަންކޮށްފައިވަނީ މިފަހަރުގެ އިންތިޚާބުގައި ކަންކުރިގޮތަށް ނޫންކަން ޢަލީ ޚާލިދު ފާހަގަކުރެއްވިއެވެ. އަދި އޭރުވެސް މިހާރުވެސް އޮތީ އެއް ޤާނޫނެއްކަމަށާއި، މިފަހަރު ގެނެވުނު ބަދަލުތަކަކީ ދިގުދެމިގެންދާގޮތަކަށް ވިސްނުންތަކެއް ބަހައްޓައިގެން ގެނެސްފައިވާ ބަދަލުތަކެއްކަމަށް ޢަލީ ޚާލިދު ވިދާޅުވިއެވެ.