ޚަބަރު

ޑޯޓުޑޯއާއެކު ފެނުނީ އުއްމީދު ކަނޑާނުލާ ކުރިއަށްދާންތިބި ރައްޔިތުންތަކެއް: ފަޒްނާ


  • މީހުނާ ޒުވާބުކުރުމުގައި ވަގުތު ބެކާރުނުކޮށް އެންމެންވެސް ވޯޓު ހޯދަން މަސައްކަތް ކުރަންޖެހޭ

  • ފުރަތަމަ ބުރުގައި އެމްޑީޕީ އަށް ކަންތައް ވީ ގޮތާ މެދު ދެރަވިޔަސް އެއްވެސް މީހަކު އުއްމީދު ކަނޑާނުލާ

  • ދެވަނަ ބުރެއް އޮންނާނެތީ، ފުރަތަމަ ބުރުގައި ވޯޓު ލާން ނުދާ ބަޔަކު ވެސް ތިބި

  • ދޮރުން ދޮރަށް ގެތަކަށް ހިންގެވުމުން ފެނިވަޑައިގަތީ އުއްމީދު ކަނޑާނުލާ ތިބި ރައްޔިތުންތަކެއް

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ކެމްޕެއިންގައި ދޮރުން ދޮރަށް ގެތަކަށް ހިންގެވުމުން ފެނިވަޑައިގަތީ އުއްމީދު ކަނޑާނުލާ މި ސަރުކާރާއެކު ކުރިއަށްދާން ތިބި ރައްޔިތުންތަކެއްކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވެއްޖެއެވެ.

ފަޒްނާ މިހެން ވިދާޅުވީ، ރިޔާސީ އިންތިޚާނުގެ ދެވަނަ ބުރުގެ ކެމްޕެއިން ކުރެއްވުމުގެ ގޮތުން މާފަންނު ހުޅަނގުގެ ބައެއް ގެތަކަށް ދޮރުން ދޮރަށް ހިންގެވުމަށް ފަހު އެ ކަމަނާގެ އަމިއްލަފުޅު ފޭސްބުކް އެކައުންޓުގައި ހިއްސާ ކުރެއްވި ލިޔުއްވުމެއްގައެވެ.

ރައީސްގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާޅުވީ ދޮރުން ދޮރަށް ހިންގެވުމުން ގެތަކުން ފެނިގެންދިޔައީ އެކި ރަށްރަށާއި ރާއްޖޭން ބޭރުގައި ތިބި ފަރާތްތަކަށް ގުޅައިގެން ރީ-ރަޖިސްޓްރޭޝަންގެ ކަންކަން ފުރިހަމަކުރުމަށް ތައްޔާރުވަމުންދާ މަންޒަރާއި އެކަމުގެ ފޯރިކަމަށެވެ. އަދި ކެމްޕޭންގެ ތެރެއިން ސަރުކާރަށް ނިސްބަތްކޮށް ފަތުރާ ވާހަކަތަކުގެ ހަޤީޤަތްވެސް މީހުންނަށް އޮޅުންފިލުވައިދެމުންދާކަމަށް އެކަމަނާ ވިދާޅުވިއެވެ.

ފަޒްނާ ވިދާޅުވީ، މިމަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއަށް ކަންތައް ވީގޮތާމެދު ދެރަވިޔަސް އެއްވެސް މީހަކު އުއްމީދު ކަނޑާނުލާ ކަމަށެވެ. އަދި ކެމްޕެއިންގައި ދޮރުން ދޮރަށް ގެތަކަށް ހިންގެވުމުން ފެނިވަޑައިގަތީ އުއްމީދު ކަނޑާނުލާ ތިބި ރައްޔިތުންތަކެއް ކަމަށްވެސް ފަޒްނާ ވިދާޅުވިއެވެ.

ފަޒްނާގެ ފޭސްބުކް ޕޯސްޓުގައި އިންތިޚާބުގެ ދެވަނަ ބުރެއް އޮންނާނެތީ، ފުރަތަމަ ބުރުގައި ވޯޓު ލާން ނުދާ ބަޔަކު ވެސް ތިބިކަން ފާހަގަކުރެއްވިއެވެ. އަދި "އޮފާ" އަކަށް އައިޑީކާޑު ދޫކޮށްލި މީހަކާ ވެސް ދިމާވި ކަމަށް އެކަމަނާ ވިދާޅުވިއެވެ.

"މި ދާއިރާގެ ގެއެއްގައި ކުއްޔައް އުޅޭ ބަޔަކާ ވެސް ބައްދަލުކުރިން. ވަރަށް ބައިވަރު ޝަކުވާ ހުރި. ނުކުންނަމުން އަޅުގަނޑު ބުނީ ތި ހުރިހާ ވާކައެއް އަޑުއަހާފައި ވޯޓެއް ދޭން ބުނާކަށް ނުކެރޭނެއޭ. އެ މީހުން ހިނިތުން ވެލާފައި ބުނީ ދުވަހަކު ވެސް އަދި އެއްވެސް މީހަކު ނުވަތަ ޕާޓީއަކުން ވެސް އަޅުގަނޑުމެންގެ އަޑުއަހައެއް ނުލައޭ،" ފަޒްނާ ވިދާޅުވިއެވެ.

ފަޒްނާ ވިދާޅުވީ، މީހުންނާ ޒުވާބު ކުރުމުގައި ވަގުތު ބޭކާރު ނުކޮށް، އެންމެން ވެސް ވޯޓު ހޯދަން މަސައްކަތް ކުރުން ބުއްދިވެރިކަމަށެވެ. އެގޮތުން ދޮރުން ދޮރަށް ހިނގައިގެން 5 މީހުންގެ ވޯޓް ހޯދިއްޖެކަމަށާއި އެކަމާ ހަމްދުކޮށް ޝުކުރުވެރިވާކަމަށެވެ.

ދޮރުން ދޮރަށް ހިންގެވުމަށްފަހު، ގެކޮޅަށް ވަޑައިގެން ފޯނު ބެއްލެވިއިރު، ލިބިވަޑައިގެންނެވި މެސެޖެއް ފޭސްބުކްގައި ހިއްސާ ކުރައްވާ ފަޒްނާ ވިދާޅުވީ، މި ސަރުކާރު ދަމަހައްޓަން ބޭނުންވާ ސަބަބަކަށް ނަފުސާނީ ސިއްޙަތު އަދި ޢިޖްތިމާއީ ސިޔާސަތުތައް މެސެޖްގައި އެ މީހާ ފާހަގަކުރުމަކީ ނުހަނު އުފާވި ކަމެކެވެ.