ޚަބަރު

ދެވަނަ ބުރުގައި މަންދޫބުން، އޮބްޒާވަރުން އަދި މޮނިޓަރުންނަށްވުމުގެ ފުރުޞަތު އާދިއްތަ ދުވަހާއި ހަމައަށް


  • މިމަހުގެ 14 އިން 17 އަށް ރަޖިސްޓްރީވާން ފުރުޞަތު ލިބޭނެ

  • ފުރަތަމަ ބުރުގައި ފާސް ހެއްދި ފަރާތްތަކުން އަލުން ހައްދާކަށްނުޖެހޭނެ

  • މި ފުރުޞަތު ލިބޭނީ 18 އަހަރުން މަތީގެ ދިވެހިންނަށް

ރިޔާސީ އިންތިޚާބު 2023 ގެ ދެވަނަ ބުރުގައި ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމަށާއި، ވޯޓުނެގުމާއި ގުނުމުގެ ކަންތައްތައް އޮބްޒާވްކުރުމާއި މޮނިޓަރކުރުމަށް ޝަޢުގުވެރިވާ ފަރާތްތަކަށް އިލެކްޝަންސް ކޮމިޝަނުން އެ ފުރުޞަތު ހުޅުވާލައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވަނީ ދެވަނަ ބުރުގެ ވޯޓު ނެގުމާއި، ގުނުމުގެ ކަންތައްތައް އޮބްޒާވުކުރުމަށާއި، މޮނިޓަރ ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށާއި، ކެންޑިޑޭޓުންގެ މަންދޫބުންގެ ގޮތުގައި، ކެންޑިޑޭޓުންގެ ފަރާތުން ފޯމު ހުށަހެޅުމަށް މިއަދުން ފެށިގެން މިމަހުގެ 17 ވާ އާދިއްތަ ދުވަހުގެ 15:00 އާ ހަމަޔަށް ފުރުޞަތު ހުޅުވާލާފައެވެ.

އިލެކްޝަންސް ކޮމިޝަނުން މި ފުރުޞަތު ހުޅުވާލާފައިވަނީ ދެވަނަ ބުރުގައި އޮބްޒާވަރުން، މޮނިޓަރުން އަދި މަންދޫބުންގެ ގޮތުގައި އަލަށް ބައިވެރިވާން ބޭނުންވާ ފަރާތްތަކަށެވެ. އަދި އިންތިޚާބުގެ ފުރަތަމަ ބުރުގައި އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައި ފާސް ހެއްދި ފަރާތްތަކުން ދެވަނަ ބުރުގައިވެސް ހަރަކާތްތެރިވާނަމަ އިތުރަށް ފާސް ހައްދަން ނުޖޭހެނެކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ރިޔާސީ އިންތިޙާބުގައި ވޯޓު ނެގުން އޮންނަ ދުވަހު، ވޯޓުނެގުމާއި ވޯޓުގުނުމުގެ ކަންތައްތައް ހިނގާ ނުހިނގާގޮތް ބެލުމަށް، ވޯޓުނެގުމާއި، ވޯޓު ގުނުމުގެ ކަންތައްތައް ހިނގާ، އެމީހެއްގެ މަސްލަހަތު ހިމެނޭ ކޮންމެ މަރުކަޒަކަށް 1 މަންދޫބަކު ޢައްޔަން ކުރުމުގެ ފުރުޞަތު އިންތިޚާބުތަކާބެހޭ އާންމު ޤަވާއިދު 29 ވަނަ މާއްދާގެ (ހ) އިން ކޮންމެ ކެންޑިޑޭޓަކަށްވެސް ލިބިދެއެވެ. އިންތިޚާބުގައި ކެންޑިޑޭޓުންގެ މޮނިޓަރުންނާއި އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވެވޭނީ 18 އަހަރުން މަތީގެ ދިވެހިންނަށެވެ. އަދި އެ ފަރާތަކީ ޖިނާޢީ ކުށެއްގެ ޙުކުމް ތަންފީޒުކުރަމުންދާ މީހަކަށް ވެގެންނުވާނެއެވެ.

މޮނިޓަރުންގެ ގޮތުގައި މި އިންތިޚާބުގައި ހަރަކާތްތެރިވާ ފަރާތްތަކުން އެ ފަރާތަކީ މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގައި ރަޖިސްޓަރީ ކޮށްފައިވާ ރޭޑިއޯ/ޓީވީ ސްޓޭޝަނެއްގައި މަސައްކަތް ކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުވާ ނުވަތަ، ނޫސް މަޖައްލާފަދަ ތަކެތީގެ ޤާނޫނުގެ ދަށުން ރަޖިސްޓަރީކޮށްފައިވާ ނޫސް، މަޖައްލާއެއްގައި މަސައްކަތް ކުރާ މީހެއްކަން އިލެކްޝަންސް ކޮމިޝަނަށް ކަށަވަރުކޮށްދޭންޖެހޭނެއެވެ. އަދި ސިޔާސީ ޕާޓީތައް ފިޔަވައި މަދަނީ ޖަމާޢަތަކުން ނުވަތަ އަމިއްލަގޮތުން އޮބްޒާވަރަކަށް ވުމަށް ހުށަހަޅާ ފަރާތެއްނަމަ، ސިޔާސީ ޕާޓީއެއްގެ ރަޖިސްޓަރީއެއްގައި އެ މީހެއްގެ ނަން ހިމެނިފައިވާ މީހެއްކަމުގައި ވެގެންނުވާނެއެވެ.

ކެންޑިޑޭޓުންގެ މަންދޫބުންނާއި، މޮނިޓަރުން އަދި އޮބްޒާވަރުންގެ ކިބައިގައި ހުންނަންޖެހޭ ޝަރުތުތައް އިލެކްޝަންސް ކޮމިޝަނުން ވަނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރައްވާފައެވެ. ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓުލުން ބޭއްވުމަށް ނިންމާފައިވަނީ މިމަހުގެ 30 ވާ ހޮނިހިރު ދުވަހުއެވެ.