ޚަބަރު

ވިނަރެސް ފްލެޓްތަކުގެ އަގު ކުޑަކޮށްދޭނަން: ޑރ. މުޢިއްޒު


  • އެޗްޑީސީއަށް ފައިދާވާގޮތަށްވެސް ވިނަރެސްގެ އަގުތައް ކުޑަކުރެވޭނެކަމަށް މުޢިއްޒު ވިދާޅުވި

  • ކުންފުނިތަކުގެ ފްލެޓްތަކުގެ އަގުވެސް ކުޑަކޮށްދެއްވާނެކަމަށް ވިދާޅުވި

  • އެއްވެސް ގޯއްޗެއް ފްލެޓެއް އަތުނުލައްވާނެކަމަށް ވިދާޅުވާ ވިދާޅުވުން ތަކުރާރުކުރެއްވި

ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓާއި، މަހުން މަހަށް ދައްކަންޖެހޭ އަގު ކުޑަކޮށްދެއްވާނެކަމަށް ޕީ.އެން.ސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުޢިއްޒު މިހެން ވިދާޅުވީ، ރިޔާސީ އިންތިޚާބަށް ކެމްޕޭން ކުރެއްވުމަށް ރޭ މާލޭގެ މާވެޔޮމަގުގައި ބޭއްވި ކަންމަތީ ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ޕީ.ޕީ.އެމް ޕީ.އެން.ސީ ސަރުކާރެއްގައި އެންމެ ބޮޑު އިސްކަމެއްދެއްވާނެ އެއް ދާއިރާކަމަށްވާ ބޯހިޔާވަހިކަމުގެ ދާއިރާގެ ސިޔާސަތުތަކާގުޅޭގޮތުން ވާހަކަފުޅުދައްކަވަމުން ޑރ. މުޢިއްޒު ވިދާޅުވީ، ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓަށް ދައްކަންޖެހޭ އަގާއި، މަހުންމަހަށް ދައްކަންޖެހޭ އަގުތައް ކުޑަކޮށްދީ ރައްޔިތުން އަތްފޯރާ ފަށަށް ގެނެސްދެއްވާނެކަމަށެވެ. އަދި އެއީ ކުރެވޭނެ ކަމެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

"އެ ޕްރޮޖެކްޓަށް ނެގި ލޯނު ނެގީ ކޮންތަނަކުންކަމާއި، ޗައިނާގެ ޑިވެލޮޕްމަންޓް ބޭންކުން ނެގި ލޯނެއް، ހުރިހާ ތަފްޞީލެއް އަޅުގަނޑަށް އެނގޭތީ މި ދަންނަވަނީ އެ ޕްރޮޖެކްޓަށް ބަރާބަރު ޕްރޮޖެކްޓުގެ ފައިދާ، ޕްރޮޖެކްޓުން އާރބަންކޯއަށް ފުރިހަމަ ފައިދާއެއް ލިބޭނެ އަގުތައް ކުޑަކުރީމަ. އެހެންވީމަ ޑައުންޕޭމަންޓް ކުޑަކޮށްދީ މަހުންމަހަށް ދައްކަންޖެހޭވަރު ކުޑަކޮށްދޭނަން އިރާދަކުރެއްވިއްޔާ" ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވިއެވެ.

ޑރ. މުޢިއްޒު ވިދާޅުވީ، ހިޔާ މަޝްރޫޢުގެ ދަށުން ސަރުކާރުގެ ކުންފުނިތަކުން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ތަރައްޤީކޮށްފައިވާ ފްލެޓްތަކަކީވެސް އަގު ކުޑަކުރެވޭނެ ތަންތަންކަމަށާއި، އެތަންތަނުގެ އަގުތައްވެސް ކުޑަކޮށްދެއްވާނެކަމަށެވެ.