ޚަބަރު

އިންތިޚާބުގައި ސުލޫކީ މިންގަނޑާއި ޚިލާފުވި ދިވެހި އޮބްޒާވަރަކާއި މަންދޫބަކާމެދު ފިޔަވަޅު އަޅައިފި


  • ފިޔަވަޅު އަޅާފައިވަނީ ޕާޓީއެއް ތަމްޞީލުކުރި ދިވެހި އޮބްޒާވަރަކާއި މަންދޫބަކާއިމެދު

  • ދެވަނަ ބުރު އަދި ކުރިއަށްއޮތް ބޮޑު 2 އިންތިޚާބުގައި މި ދެ ފަރާތަށް ބައިވެރިވުނުވެވޭނެ

  • އެ މީހުން ތަމްޞީލުކުރި ޕާޓީއެއް އީސީން ހާމަކޮށްފައެއްނުވޭ

މިމަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ސުލޫކީ މިންގަނޑާއި ޚިލާފުވި ދިވެހި އޮބްޒާވަރަކާއި މަންދޫބަކާމެދު އިލެކްޝަންސް ކޮމިޝަނުން ފިޔަވަޅު އަޅައިފިއެވެ.

އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ، އިންތިޚާބުގެ ވޯޓުލީ ދުވަހު އެކޮމިޝަނުން ދަޢުވަތު އަރުވައިވެގެން ވަޑައިގެންނެވި ބައެއް އިންޓަރނޭޝަނަލް އޮބްޒާވަރުންނަށް ޕާޓީއެއް ތަމްޞީލުކުރާ ދިވެހި އޮބްޒާވަރަކާއި މަންދޫބެއް ފުރައްސާރަކޮށްފައިވާކަމަށެވެ.

އެ ދެ ފަރާތުން އިންތިޚާބުތަކުގައި ޢަމަލުކުރުމަށް ކަނޑައަޅާފައިވާ ސުލޫކީ މިންގަނޑާއި ޚިލާފުވެފައިވާތީ، އިންތިޚާބުގެ ދެވަނަބުރާއި، ކުރިޔަށް އޮތް ބޮޑު 2 އިންތިޚާބުގައިވެސް އޮބްޒާވަރެއް، މޮނިޓަރެއް، ކެންޑިޓޭޓެއްގެ މަންދޫބެއް، ނުވަތަ އިލެކްޝަން އޮފިޝަލެއްގެ ގޮތުން ޙަރަކާތްތެރި ނުވެވޭގޮތަށް ސަސްޕެންޑް ކުރުމަށް މިއަދު ބޭއްވި އިންތިޚާބާބެހޭ ޚާއްޞަ ޖަލްސާ އިންވަނީ ނިންމާފައިވާކަމަށެވެ. އަދި އެ ދެބޭފުޅުންގެ ބަދަލުގައި އެހެން ދެބޭފުޅުން އޮބްޒާވަރު އަދި މަންދޫބެއްގެ ގޮތުން ޙަރަކާތްތެރިވުމުގެ ފުރުސަތު އެޕާޓީއަށް ދިނުމަށްވެސް ކޮމިޝަނުން ނިންމާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.

ރިޔާސީ އިންތިޚާބުގައި ސިޔާސީ ޕާޓީއެއްގެ ފަރާތުން ހަރަކާތްތެރިވި އޮބްޒާވަރަކާއި މަންދޫބެއް ސުލޫކީ މިންގަނޑާއި ޚިލާފުވުމުގެ ސަބަބުން ސަސްޕެންޑްކޮށްފައިވާއިރު، އެމީހުން ތަމްޞީލުކުރި ސިޔާސީ ޕާޓީއެއް ކޮމިޝަނުން ހާމަކުރައްވާފައެއްނުވެއެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބަކީ މިހާތަނަށް އޮބްޒާވަރުންނާއި މޮނިޓަރުންގެ ގޮތުގައިވެސް އެންމެ ގިނަ ބަޔަކު ބައިވެރިވި އިންތިޚާބެވެ. އެގޮތުން މިފަހަރުގެ އިންތިޚާބުގައި މޮނިޓަރުންނާއި އޮބްޒާވަރުންގެ ގޮތުގައި ރާއްޖެއާއި ރާއްޖޭން ބޭރުގެ 1700 އަށްވުރެ ގިނަ ފަރާތުން ވަނީ ހަރަކާތްތެރިވެފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.