ޚަބަރު

ނިޒާމީ ވޯޓެއް ނޮވެމްބަރު 30ގެ ކުރިން ނަގަން ގޮވާލާ މަޖިލީހަށް ޤަރާރެއް


  • ޤަރާރު ހުށައެޅުއްވީ މެންބަރު އިލްޔާސް ލަބީބު

  • ނޮވެމްބަރު 30ގެ ކުރިން ވޯޓު ނެގުމަށް ގޮވާލާފައިވޭ

ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމް ބަދަލު ކުރަން ފެންނަ ނުފެންނަ ވޯޓެއް މިއަހަރުގެ ނޮވެމްބަރު މަހުގެ 30 ވަނަ ދުވަހުގެ ކުރިން ރައްޔިތުންގެ ޚިޔާލް ހޯދުމުގެ ވޯޓެއް ނެގުމަށް ގޮވާލާ މަޖިލީހަށް ޤަރާރެއް ހުށަހަޅުއްވައިފިއެވެ.

މިޤަރާރު މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. އިލްޔާސްގެ ޤަރާރުގައި ވިދާޅުވީ 2008 ވަނަ އަހަރު ތަސްދީގު ކުރެވުނު ޤާނޫނު އަސާސީއަށް 15 އަހަރުވެފައިވާއިރު އެ ޤާނޫނު އަސާސީއަށް ޢަމަލު ކުރަން ފެށިފަހުން ބޭއްވުނު ކޮންމެ އިންތިޚާބެއްވެސް ރައްޔިތުން ވޯޓު ދޭންޖެހިފައިވަނީ ރަނގަޅު ސިޔާސަތުތަކަށް ނޫންކަމަށާއި، އެއިރެއްގައި އޮންނަ ވެރިކަން ބަދަލު ކުރުމަށް ކަމަށެވެ.

އިލްޔާސްގެ ގަރާރުގައި ބުނެފައިވަނީ މިހާތަނަށް ބޭއްވުނު ކޮންމެ ރިޔާސީ އިންތިހާބެއްގައި ކޯލިޝަން ހެދުމާއި އިންތިހާބުގެ ތެރެއިން އެއް ޕާޓީ އަނެއް ޕާޓީއާ އެއްބަސްވުންތައް ހެދުމާއި ވެރިކަމުގެ ދައުރުގެ ވަކި ހިސާބަކުން ޕާޓީތަކުގެ މެދުގައި ހިލާފު ތަފާތުވުން އުފެދި ރައްޔިތުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތަކާޢި ގައުމަށް ގެންނަންޖެހޭ ތަރައްގީއާއި ދިމިގުރާތީ ނިޒާމެއްގައި މަސައްކަތްކުރަންޖެހޭ އެންމެ އެކަށީގެންވާ ގޮތެއްގައި ސަރުކާރުތަކުން މަސައްކަތް ކުރަމުން އައިސްފައިނުވާ ކަމަށެވެ.

މަޖިލީހަށް ހުށަހެޅި ގަރާރުގައި މިއަހަރުގެ ނޮވެމްބަރު 30 ގެ ކުރިން ފެންނަ ނުފެންނަ ވޯޓެއް ނަގަން އިލްޔާސް ވަނީ ހިމަނުއްވާފައެވެ. ހަމަ މިއާއެކު ގަރާރުގައި ގާނޫނު އަސާސީގެ 70 ވަނަ މާއްދާގެ ދަށުން ރައްޔިތުންގެ މަޖިލީހަށް ލިބޭ ގާނޫނު ހެދުމުގެ އާންމު ބާރުގެ ތެރެއިން ކަމެއް ނިންމުމުގައި ރައްޔިތުންގެ ހިޔާލު ހޯދުން މުހިންމު ކަމަށް މަޖިލީހަށް ފެންނަ ކަންތައްތަކުގައި ރައްޔިތުން އެކަމުގައި ދެކޭ ގޮތް ބެލުމަށް ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓެއް ނެގުމުގެ ބާރު މަޖިލީހަށް ލިބޭކަން ފާހަގަކޮށްފައެވެ.

2008 ވަނަ އަހަރު ދިވެހިން ބަލައިގަތް ފެހި ޤާނޫނު އަސާސީއަށް އަމަލުކުރަން ފެށުމުގެ ކުރިން ރާއްޖޭގައި އޮންނަން ބޭނުންވާ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުގައި 95،619 މީހުން ވޯޓުދީފައިވަނީ ރާއްޖޭގައި އޮންނަން ފެންނަނީ ރިޔާސީ ނިޒާމުކަމަށެވެ.

ބަރުލަމާނީ ނިޒާމު އޮންނަން ފެންނަކަމަށް ވޯޓުދީފައިވަނީ 58،504 މީހުންނެވެ. މި ވޯޓުގައި 199،841 މީހުން ވޯޓުލުމަށް ރަޖިސްޓްރީކުރިއިރު، ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ވޯޓުދީފައިވަނީ 155،890 މީހުންނެވެ.