ޚަބަރު

މެމްބަރުންގެ ޢަދަދު 76ގައި ހިފެހެއްޓުމަށް ޤާނޫނޫ އަސާސީއަށް އިޞްލާހެއް


  • އިސްލާހުގެ ބޭނުމަކީ ހަރަދު އިތުރުވަމުންދާ ދިޔުން ހުއްޓުވުން

  • އިދާރީ ދާއިރާތައް ތަމްސީލުވާ 55 މެމްބަރުން

  • އަންހެނުންނާއި ނުކުޅެދުންތެރިކަން ހުރި މީހުން ތަމްސީލުކުރެވޭ މިންވަރު އިތުރު ކުރުމަށް ޚާއްސަ ގޮނޑިތަކެއް

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދު 76 ގައި ހިފެހެއްޓުމަށް، ޤާނޫނު އަސާސީއަށް އިސްލާހު ހުށައަޅުއްވައިފިއެވެ.

މިއިސްލާހު މަޖިލީހަށް ހުށަހެޅުއްވީ ހުޅުދޫ ދައިރާގެ މެމްބަރު އިލްޔާސް ލަބީބެވެ. މަޖިލީހަށް ހުށަހަޅުއްވާފައިވާ ބިލުގެ ފުރަތަމަ ކިޔުން މިއަދު ވަނީ އިއްވާފައެވެ. އިސްލާހު ހުށަހެޅުއްވި ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމުގައި އާބާދީ އިތުރުވަމުންދާ ނިސްބަތަކުން މެންބަރުންގެ އަދަދު އިތުރުވާ ގޮތަށް އޮތުމުން ދައުލަތުގެ ބަޖެޓުން ރައްޔިތުންގެ މަޖިލީހަށް ކުރަންޖެހޭ ޚަރަދު އިތުރުވަމުންދާ ދިޔުން ހުއްޓުވުމެވެ.

އިލްޔާސް ގާނޫނުއަސާސީގެ 71 ވަނަ މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ މަޖިލިސް އެކުލެވިގެންވާނީ 76 މެމްބަރުންގެ މައްޗަށް ކަމަށެވެ. އެ އިސްލާހުގެ ދަށުން މަޖިލިސް އެކުލަވާލެވޭނީ އިދާރީ ދާއިރާތައް ތަމްސީލުވާ 55 މެމްބަރުންގެ މައްޗަށް ކަމަށް ބަޔާންކޮށްފައިވެއެވެ.

މީގެ އިތުރުން ރައްޔިތުންގެ މަޖިލީހުގައި އަންހެނުންނާއި ނުކުޅެދުންތެރިކަން ހުރި މީހުން ތަމްސީލުކުރެވޭ މިންވަރު އިތުރުކުރުމަށް އަންހެން މެންބަރުންނަށް ހާއްސަކުރެވިފައިވާ ގޮނޑިތަކެއް ކަނޑައެޅުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމަށް މިހާރު ގާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އުސޫލު ބަދަލުކުރުމަށްވެސް އިޞްލާހުގައިވެއެވެ.

އާބާދީ އިތުރުވި ނިސްބަތަށް ބަލައި، އަންނަ އަހަރު ބާއްވާ މަޖލިސް އިންތިހާބުގައި 93 މެމްބަރުން އިންތިހާބު ކުރަންޖެހޭ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ވަނީ އިއުލާނުކޮށްފައެވެ.

އާ ޤާނޫނު އަސާސީގެ ދަށުން މިހާތަނަށް ބޭއްވި ކޮންމެ އިންތިޚާބެއްގައިވެސް މަޖިލީހުގެ އިދާރީ ދާއިރާތައް ވަނީ އިތުރުވެފައެވެ. އެގޮތުން 2009 ވަނަ އަހަރު ބޭއްވި މަޖިލީހުގެ އިންތިޚާބުގައި 77 މެމްބަރުން އަދި 2014 ވަނަ އަހަރުގައި 85 މެމްބަރުން އަދި މިހާރު ކުރިއަށްދާ 19 ވަނަ މަޖިލީހުގައި 87 މެމްބަރުން ތިއްބަވައެވެ.

ޤާނޫނު އަސާސީގައި މިހާރު ބުނާގޮތުން އާބާދީގެ ކޮންމެ 5،000 މީހުންނަށް މެންބަރަކު އިންތިޚާބު ކުރަންޖެހެއެވެ.