ޚަބަރު

ހަކަތަރި ލޭބަލް ޖެހުމުގެ ހުއްދަ މިހާތަނަށް 2 ކުންފުންޏަކަށް


  • "ހަކަތަރި" އަކީ ކަރަންޓު ބޭނުންކުރާ މިންވަރު މަދުކުރުމަށް ހިންގާ ޕްރޮގުރާމެއް

  • "ހަކަތަރި" ލޭބަލް ޖެހުމުގެ ހުއްދަ މިހާތަނަށް 2 ކުންފުންޏަކަށްވަނީ ދީފައި

  • 2 ކުންފުންޏަށްވެސް ހަކަތަރި ލޭބަލް ޖެހުމަށް ހުއްދަ ދެވިފައިވަނީ އޭސީގައި އެކަނި

ރާއްޖެއަށް އެތެރެކުރާ ކަރަންޓު ސާމާނަކީ ވަކި ފެންވަރެއްގެ ތަކެތިކަން ޔަގީންކުރުމަށް ސަރުކާރުން ހިންގާ ހަކަތަރި ޕްރޮގްރާމުގެ ދަށުން ހަކަތަރި ލޭބަލް ޖެހުމުގެ ހުއްދަ މިހާތަނަށް 2 ކުންފުންޏަކަށް ދެއްވާފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރ އައިމިނަތު ޝީޒާ ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި ޝީޒާ ވިދާޅުވީ މިހާތަނަށް 5 ކުންފުންޏަކުން ހަކަތަރި ޕްރޮގުރާމަށް ރަޖިސްޓްރީ ވެފައިވާ ކަމަށާއި، އެހެންނަމަވެސް ހަކަތަރި ލޭބަލް ޖެހުމުގެ ހުއްދަ ދެވިފައިވަނީ 2 ކުންފުންޏަކަށް ކަމަށެވެ. އެއީ ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އާއި ރަންފައުނެވެ. މި 2 ކުންފުންޏަށް ހަކަތަރި ލޭބަލް ޖެހުމަށް ހުއްދަ ދީފައިވަނީ އޭސީގައި އެކަނިއެވެ. އެހެންނަމަވެސް، ކަރަންޓު ބޭނުންކުރާ އިތުރު ސާމާނުގައި މި ލޭބަލް ޖެހުމުގެ މަސައްކަތް، ކުންފުނިތަކުން ކުރަމުން އަންނަކަމަށް ޝީޒާ ވިދާޅުވިއެވެ.

ޝީޒާ ވިދާޅުވީ ހަކަތަރި ޕްރޮގުރާމުގެ ސަބަބުން 2030 ވަނަ އަހަރާއި ހަމައަށް ކަރަންޓު ބޭނުންކުރާ މިންވަރު 147 މެގަވޮޓް ދަށްކުރެވޭނެ ކަމަށެވެ. އެއީ ކަރަންޓު އުފެއްދުމަށް ބޭނުންކުރާ ފައިސާގެ 800 މިލިއަން ރުފިޔާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ޝިޒާ ވިދާޅުވީ ހަކަތެރި ލޭބަލް ޖެހި ދޮންނަ މެޝިން ބޭނުންކުރާނަމަ ފެން ބޭނުންކުރާ މިންވަރު މަދުކުރެވޭނެކަމަށެވެ. އެގޮތުން މިފަދަ މެޝިން ބޭނުންކުރާނަމަ 2030 ވަނަ އަހަރާއި ހަމައަށް 14،000 ލީޓަރު ފެން މަދުކުރެވޭނެ ކަމަށް އަންދާޒާކުރެވޭކަމަށެވެ. އަދި އެއީ 275 މިލިއަން ރުފިޔާއަށްވާ ޚަރަދު ކަމަށް އޭނާ ވިދާޅުވިއެވެ. ހަމައެހެންމެ، 2030 ވަނަ އަހަރާއި ހަމައަށް ކާބަންޑައިއޮކްސައިޑް ޖައްވަށް ބޭރުކުރާ މިންވަރު 1 މިލިއަން ޓަން މަދުކުރެވޭނެކަމަށްވެސް ޝީޒާ ވިދާޅުވިއެވެ.

"ދޮންނަމެޝިނުންވެސް ފެން ބޭނުންކުރާ މިންވަރު މަދުކުރެވޭނެ، 5 ތަރީގެ އެޕްލަޔަންސްތައް ބޭނުންކުރާ ކަމުގައި ވާނަމަ. ފެން ބޭނުންކުރާ މިންވަރު 2030 ވަނަ އަހަރާއި ހަމައަށް 14،000 ލީޓަރު މަދުކުރެވޭނެކަމަށް އަޅުގަނޑުމެން އަންދާޒާ ކުރަނީ. އެއީ ގާތްގަނޑަކަށް 275 މިލިއަން ރުފިޔާ." ޝީޒާ ވިދާޅުވިއެވެ.

ހަކަތަރި ޕްރޮގުރާމުގެ ދަށުން، އިލެކްޓްރޯނިކް އާލާތްތަކުން ކަރަންޓު ދާ މިންވަރު ޓެސްޓުކޮށް، އެކަން އަންގައިދޭ ލޭބަލެއް ޖަހާފައިހުންނާނެއެވެ. މި ލޭބަލްއިން އަހަރަކު، އެ އާލާތަކުން ކަރަންޓު ދާނެ މިންވަރު އެނގެން ހުންނާނެއެވެ. އަދި މި ލޭބަލް ޖެހި ކަރަންޓު އާލާތްތައް ބޭނުންކުރުމުން، ގޭބިސީތަކުން ކަރަންޓު ބޭނުންކުރާ މިންވަރު ވަރަށް ބޮޑުތަނުން މަދުކުރެވޭނެއެވެ.

ހަކަތަރި ލޭބަލް ޖެހުމަށް މިނިސްޓްރީން ނިންމަވާފައިވަނީ ކަރަންޓު ބޭނުންކުރާ 3 ވަޞީލަތެއްގައެވެ. އެއީ ދޮންނަ މެޝިނާއި، އައިސް އަލަމާރި އާއި އޭސީ އެވެ. އެހެންނަމަވެސް މާކެޓުގައި މިވަގުތު ހުރީ ހަކަތަރި ލޭބަލް ޖެހި އޭސީ އެކަންޏެވެ. އަދި ކުރިއަށް އޮތް ތާގައި، ކަރަންޓު ބޭނުންކުރާ އިތުރު ސަމާނުގައިވެސް ހަކަތަރި ލޭބަލް ޖަހާނެކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ވިދާޅުވެއެވެ.

ހަކަތަރި ޕްރޮގުރާމުގައި ކުންފުނިތަކަށް ރަޖިސްޓްރީ ވެވޭނީ އެންވަޔަރަންމަންޓް މިނިސްޓްރީން ކަނޑައަޅާ ފޯމެއް ފުރައިގެންނެވެ. އެއާއެކު އިލެކްޓްރޯނިކް ސަމާނުގައި ހަކަތަރި ލޭބަލް ޖެހުމަށް ބޭނުންވާ ޕްރޮޑަކްޓް ރެޖިސްޓްރޭޝަން ފޯމާއި، އެކްރެޑިޓް ލެބް ޓެސްޓް ރިޕޯޓެއް މިނިސްޓްރީއަށް ހުށަހަޅަންޖެހެއެވެ.

ހަކަތަރި ލޭބަލް ޖެހި ސާމާނު ގަތުމަށް ބާރުއެޅުމުގެ ގޮތުން، މޯލްޑިވްސް އިސްލާމިކް ބޭންކުން ވަނީ ލުއި ގޮތްތަކެއް ހަމަޖައްސާފައެވެ. އެގޮތުން، ޢާންމުކޮށް، އެ ބޭންކުން ސާމާނު ދޫކުރާ އަގަށްވުރެ، 6 ޕަސެންޓް ދަށްކޮށް، ހަކަތަރި ލޭބަލް ޖެހި ސާމާނު ގަނެވޭނެއެވެ. އެގޮތުން ހަކަތަރި ފައިނޭންޝިއަލް ސްކީމްގެ ދަށުން 10 ޕަސެންޓްގެ ރޭޓެއްގައި ހަކަތަރި ސާމާނު ބޭންކުން ނެގޭނެއެވެ.