ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ހެދުނު ގޯސްތައް ދެނެގަނެވިއްޖެ ކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި މަސައްކަތްކޮށް، އިންތިޚާބު ކާޟިޔާބު ކުރެވޭނެކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
ރައީސް ޞާލިހް މިފަދައިން ވިދާޅުވީ އެމްޑީޕީގެ ކެމްޕޭންޓީމް ތަކާއެކު މިރޭ ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ. ރައީސް ވިދާޅުވީ އިންތިޚާބުގެ ފުރަތަމަ ބުރުން ނިކުތް ނަތީޖާއާއި އިންތިޚާބުތަކުގައި ނާކާމިޔާބީއަކީ އެމްޑީޕީއަށް އާ ކަމެއް ނޫން ކަމަށެވެ.
ރައީސް ވިދާޅުވީ އިންތިހާބުގެ ދެވަނަ ބުރު ބޮޑުތަނުން ކާމިޔާބު ކުރެވޭނެކަމަށެވެ. އިންތިހާބުގެ ފުރަތަމަ ބުރު ނިމުމާ އެކު ދިރާސާތަކެއް ހަދާފައިވާ ކަމަށާއި ވީގޮތް އޮޅުންފިލުވައި، ވަރަށް ސާފުކޮށް ރަނގަޅުކުރަންވީ ކަންކަން މިހާރު އެނގިވަޑައިގަންނަވާކަމަށް ރައީސް ވިދާޅުވިއެވެ.
އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓުލާން އެމްޑީޕީއަށް މީހުން ނުނެރެވުނު ސަބަބާއި، ރަނގަޅު ކުރަން ހުރި ކަންކަން ދެނެގަނެ ވަރަށް ރަނގަޅަށް ރާވައި، އެކަންކަން ވޭތުވެދިޔަ ދެ ދުވަހުގެ ތެރޭގައި އިންތިޒާމްކޮށްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެން ފުރަތަމަ ޕާޓީ އުފެދިގެން މަސައްކަތް ފެށީ ވެސް މިކަހަލަ ބިރުވެރި ނާމާން ކަމެއްގެ ތެރޭގައި. ބޭނުންވީ ރާއްޖެ އަމާން އައްސޭރިއަކަށް ގެންދަން. އެކުރި މަސައްކަތުގައި އަޅުގަނޑުމެންނަށް އެތައް ހުރަސްތަކެއް ކުރިމަތިވޭ. ބައެއް ފަހަރު ނާކާމިޔާބުވޭ. އަނެއްބައި ފަހަރު ކާމިޔާބުވޭ. ބޭނުންވާ މިސްރާބަށް ދަތުރުކުރަން ފުރުސަތު ވެސް ލިބޭ." އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.
ރައީސް ޞާލިހް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި އެމްޑީޕީއަށް ތާޢިދުކުރާ އެތައް ބަޔަކަށް ވޯޓު ނުލެވި އެބަތިބިކަމަށާއި، ކުރިއަށް ވުރެ ރަނގަޅަށް މަސައްކަތް ކުރެވެއްޖެނަމަ ވޯޓުލާ މީހުންގެ އަދަދު އިތުރުވާނެކަމަށް ޤަބޫލުފުޅުކުރައްވާކަމަށެވެ. އަދި އެމަނިކުފާނު ވަނީ ފުރަތަމަ ބުރުގައި ވޯޓުލާފައި ވަނީ ރާއްޖޭގައި މިހާތަނަށް ބޭއްވި އިންތިހާބެއްގައި އެންމެ މަދުން ވޯޓުލީ ފަހަރުކަންވެސް ފާހަގަކުރައްވާފައެވެ. ރައީސް ވިދާޅުވި ގޮތުގައި ކޮންމެ މީހެއްގެ ވޯޓަކީ މުހިންމު ވޯޓެކެވެ. އެ ވޯޓު ހޯދަން މަސައްކަތް ކުރަން ޖެހޭ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވިއެވެ.