ޚަބަރު

މެންބަރުންގެ ޢަދަދު އިތުރު ނުވާގޮތަށް ކަނޑައެޅުމަށް ހުށައެޅި އިޞްލާހު މާދަމާގެ ޖަލްސާއަށް


  • އެ އިޞްލާހު މާދަމާއަށް އެޖެންޑާ ކުރުމަށް ރިޔާސަތުން ނިންމެވި

  • މި އިޞްލާޙު ހުށައެޅީ އާބާދީ އާއިއެއްވަރަށް މެންބަރުން އިތުރު ވާތީތީ

  • ދައުލަތުން މެންބަރުންނަށް ކުރަން ޖެހޭ ޚަރަދު އިތުރު

  • މި އިޞްލާޙުގައި އަންހެން މެންބަރުންނަށް ޚާއްސަ ގޮނޑިތަކެއް ކަނޑައެޅުން ހިމެނޭ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުގެ އަދަދު އިތުރު ނުވާނެގޮތަށް ކަނޑައެޅުމަށާއި، މަޖިލިސް އެކުލެވޭ ގޮތަށް ބަދަލު ގެނައުމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ޤާނޫނު އަސާސީއަށް ހުށަހެޅުއްވި އިޞްލާހު މާދަމާގެ ޖަލްސާއަށް އެޖެންޑާކުރައްވަން ނިންމަވައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވިދާޅުވީ ރާއްޖޭގެ އާބާދީ އިތުރުވާ މިންވަރަށް، މަޖިލީހުގެ މެންބަރުންގެ އަދަދު އިތުރުވާ ގޮތަށް އޮތުމުން، މެންބަރުންނަށް ދައުލަތުގެ ބަޖެޓުން ކުރަން ޖެހޭ ޚަރަދު އިތުރުވާކަމަށެވެ. އެހެންކަމުން އެކަން ހުއްޓުވުމަށް އެއީ މުހިންމު އިޞްލާހެއްކަމަށް ނަޝީދު ވިދާޅުވިއެވެ.

އިލްޔާސް ހުށައެޅުއްވި އިޞްލާހުގައި ރައްޔިތުންގެ މަޖިލީހުގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އަންހެން މެންބަރުންނަށް ޚާއްސަ ގޮނޑިތަކެއް ކަނޑައެޅުއްވުމަށްވެސް ހިމަނުއްވާފައިވެއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމަށް، މިހާރު ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އުޞޫލަށާއި، މަޖިލިސް އެކުލެވޭ ގޮތަށް ބަދަލުގެނައުމަށް ހުށަހަޅާފައިވާ އިޞްލާޙު، މާދަމާ އޮންނަ ޖަލްސާގައި އެޖެންޑާކޮށް ކުރިއަށް ގެންދަން ނިންމާފައިވާކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ އަދަދު ކަނޑައެޅުމަށް މިހާރު ޤާނޫނު އަސާސީގައި ބަޔާންކޮށްފައިވާ އުސޫލަށް، ބަދަލުގެނައުމަށް، މަޖިލިސް އެކުލެވޭ ގޮތަށް ބަދަލުގެނައުމަށް، ހުޅުދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު އިލްޔާސް ލަބީބް ޤާނޫނު އަސާސީއަށް ހުށަހަޅުއްވާފައިވާ އިޞްލާޙު، މާދަމާއަށް އެޖެންޑާ ކުރާނަން." ނަޝީދު ވިދާޅުވިއެވެ.

ޤާނޫނު އަސާސީގައި މިހާރު ބަޔާންކުރައްވާފައިވާގޮތުގައި ރާއްޖޭގެ ކޮންމެ އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީކުރެވިފައިވާ، އާބާދީގެ ފުރަތަމަ 5،000 މީހަކަށް ނުވަތަ 5،000 ހަމަ ނުވާ ކޮންމެ އިދާރީ ދާއިރާއަކަށް، ދެ މެންބަރުން އައްޔަން ކުރަންޖެހޭނެއެވެ. އަދި ރާއްޖޭގެ އިދާރީ ދާއިރާއެއްގައި ރަޖިސްޓްރީ ކުރެވިފައިވާ އާބާދީ 5،000 ވުރެ އިތުރުވާނަމަ، އާބާދީގެ ފުރަތަމަ 5،000 މީހުންނަށް ވުރެ، އިތުރުވާ ކޮންމެ 5،000 މީހަކަށް މެންބަރެއް އިތުރުވާނެއެވެ.

މަޖިލީހުގައި މިހާރު 87 މެންބަރުން ތިއްބަވައެވެ. އެއީ އެމްޑީޕީގެ 53 މެންބަރުންނާއި، ޕީއެންސީގެ 3 މެންބަރުންނާއި، ޕީޕީއެމްގެ 5 މެންބަރުންނާއި، އެމްއެންޕީގެ 3 މެންބަރުންގެ އިތުރުން، ދަ ޑިމޮކްރެޓްސްގެ 3 މެންބަރުންނާއި، އެމްޑީއޭގެ 2 މެންބަރުންނާއި، ޖުމްހޫރީ ޕާޓީގެ 2 މެންބަރުންގެ އިތުރުން ވަކި ޕާޓީއަކަށް ނިސްބަތްވެވަޑައިނުގަންނަވާ 16 މެންބަރުންނެވެ.