ތިމާވެށި

"އާރތްއަވަރ" ފާހަގަކުރުމަށް ހާއްސަ ޙަރަކާތްތަކެއް ހުޅުމާލޭގައި


ދުނިޔެ ހޫނުވުމާއި ތިމާވެއްޓަށް އަންނަމުންދާ ބަދަލުތަކަށް އާއްމުން ހޭލުންތެރިކުރުވުމުގެ ގޮތުން ފާހަގަކުރާ "އާރތްއަވަރ"ގެ ޙަރަކާތްތައް މިރޭ ކުރިޔަށްދާނެއެވެ.

މި ޙަރަކާތްތައް މިފަހަރު ކުރިޔަށް ގެންދަން ހަމަޖެހިފައިވަނީ ހުޅުމާލޭ ސެންޓްރަލްޕާރކް ކަމަށް "އާތްއަވަރ" ގެ ޙަރަކާތްތައް އިންތިޒާމް ކުރާ ދިވެހި ރެޑް ކްރެސެންޓްގެ މާލެ ގޮފިން ބުނެއެވެ. މި ޙަރަކާތްތަކާ ބެހޭ ގޮތުން، ޕީ.އެސް.އެމްއަށް މަޢުލޫމާތު ދެއްވަމުން ދިވެހި ރެޑްކްރެސެންޓްގެ މާލެ ގޮފީގެ ކޯޑިނޭޓަރ އަންޖީ ނަޢީމް ވިދާޅުވީ، އާދައިގެ މަތިން މިއަހަރުވެސް ރޭގަނޑު 8:30 އިން ފެށިގެން 9:30 ވަންދެން ޢާއްމުން ވީހާވެސް ދިއްލުން މަދު ކުރުމަކީ ވަރަށް ބޮޑު އެދުމެއް ކަމަށެވެ.

އެއްގަޑި އިރުވަންދެން ކަރަންޓް ކަނޑާލުން ރަމްޒީ ކަމަކަށް ވެގެންދިޔަ ނަމަވެސް، މީގެ ސަބަބުން ތިމާވެއްޓަށް ބޮޑު ފައިދާއެއް ކުރާ ކަން ޢާއްމުންނަށް އަންގައިދޭން ބޭނުންވާކަމަށްވެސް އޭނާ ފާހަގަ ކުރެއްވިއެވެ.

އަންޖި ވިދާޅުވީ، "އާތްއަވަރ" ޙަރަކާތްތައް ކުރިޔަށްގެންދަނީ އާތް އަވަރ މޯލްޑިވްސްއާ، ސައެންސް އެންމެންނާއި، އެކޯކެއަރ މޯލްޑިވްސް، ސޭވް ދަ ބީޗް އަދި ހުޅުމާލޭ ޑިވެލޮޕްމެންޓް ކޯޕަރޭޝަން ގުޅިގެން ކަމަށެވެ. އެގޮތުން "ތަރިމަޖާ- ސްޓާ ޕަޓީ" ގެ ނަމުގައި މިރޭ އަށެކުން ފެށިގެން ދިހަޔަކަށް ޙަރަކާތްތަކެއް ކުރިޔަށް ގެންދާނޭކަމަށެވެ. މީގެ ތެރޭގައި ސައިންސްގެ މަޢުލޫމާތާއި، މޫސުމީ ބަދަލުތަކާއި ބެހޭ މަޢުލޫމާތު ހިއްސާ ކުރުމުގެ އިތުރުން، ބޮޑުބެރާއި ލައިވް މިއުސިކާއިއެކު މުނި ފޫހި ފިލުވުމުގެ ހަރަކާތްތަކެއްވެސް މިގަޑީގައި ބާއްވާނޭކަމަށެވެ.

މީގެ އިތުރުން ފަރުދީ ހައިސިއްޔަތުންވެސް މި ހަރަކާތުގައި ބައިވެރިވުމުގެ ގޮތުން މިރޭ އާރތްއަވަރގެ ގޮތުގައި ފާހަގަކުރާ މި އެއްގަޑިއިރުގެ ތެރޭގައި ކަރަންޓް ޚަރަދު ވީހާވެސް ކުޑަކުރުމަށް ދިއްލުންތައް މަދުކުރުމަށް ދިވެހި ރެޑް ކްރެސެންޓުން އިލްތިމާސް ކުރައްވައެވެ.

އާރތްއަވަރ މި ހަރަކާތަކީ، ދުނިޔެ ހޫނުވުމާއި، ތިމާވެއްޓަށް އަންމުންދާ ބަދަލުތަކާއި މެދު އާއްމުން ހޭލުންތެރިކުރުވުމުގެ ގޮތުން ދުނިޔޭގެ ފެންވަރުގައި 2007 ވަނަ އަހަރުން ފެށިގެން ކުރިއަށް ގެންދާ ކެމްޕޭނެކެވެ. ރާއްޖޭއިން މި ހަރަކާތުގައި ފުރަތަމަ ބައިވެރިވެފައިވަނީ 2009 ވަނަ އަހަރުގައެވެ.