މިދިޔަ ހޮނިހިރު ދުވަހު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިޚާބު ކުރިއަށްދިޔައީ ވަރަށް އަމާންކަމާއި އޮމާންކަމާއިއެކުގައި ކަމަށް މިއިންތިޚާބު އޮބްޒާވްކުރި ކޮމަންވެލްތު ގްރޫޕުން ބުނެފިއެވެ.
ރާއްޖޭގައި އިންތިޚާބު އޮބްޒަރކުރި ކޮމަންވެލްތު ގްރޫޕްގެ މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޝޭޝެލްސްގެ ކުރީގެ ރައީސް އަދި އިންތިޚާބުގައި ކޮމަންވެލްތު އޮބްސަރވާ ގްރޫޕްގެ ޗެއަރކަން ކުރެއްވި ޑެނީފޯ ވިދާޅުވީ، އިންތިޚާބު އޮބްޒާވްކޮށްފައިވަނީ ނޭޝަނަލް ކޮމަންވެލްތު އުސޫލާއި އެއްގޮތަށްކަމަށެވެ.
އިންތިޚާބުގެ ކުރިންވެސް ކަމާގުޅުންހުރި ފަރާތްތަކާއި އާންމު ރައްޔިތުންނާއި ބައްދަލުވުމުގެ ފުރުސަތު އެކޮމިޝަނަށް ލިބިފައިވާކަމަށާއި ކެންޕެއިންގެ ހަރަކާތްތައްވެސް ކުރިއަށްދިޔައީ ވަރަށް އަމާންކަމާއެކު ކަމަށް އޭނާ ވިދާޅުވިއެވެ.
ޑެނީފޯ ވިދާޅުވީ، ހޮނިހިރު ދުވަހުގެ އިންތިޚާބުގެ ވޯޓުލުން ހުރިހާ މަރުކަޒުތަކެއްގައިވެސް ގަޑިއަށް ފެށިކަމަށެވެ. އަދި ވޯޓުލާ މަރުކަޒުތަކުގައި ތިބި ވެރިންވެސް ވަނީ ވަރަށް ބޮޑަށް އެކަމަށް ތައްޔާރުވެފައި ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން ވޯޓުލުމަށް އައި މާބަނޑު އަންހެނުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަވަސްކަމާއިއެކު ވޯޓުލުމުގެ މަގު ފަހިކޮށްދީ އެހީތެރިކަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ފަހިކޮށްދީފައިވާ ކަމަށް ކޮމަންވެލްތު ގްރޫޕުން ވަނީ ފާހަގަކޮށްފައެވެ. އަދި ލޯފަން މީހުންނަށް ފުރަތަމަ ފަހަރަށް އަމިއްލަ އިހްޚްތިޔާރުގައި ވޯޓުލުމުގެ ހައްޤު ލިބިގެންދިޔަކަންވެސް ވަނީ ފާހަގަކޮށްފައެވެ.
ކޮމަންވެލްތު އޮބްޒާވާ ގްރޫޕްގެ ޗެއަރކަން ކުރެއްވި ޑެނީފޯ ވިދާޅުވީ ވޯޓުލާ ބޫތު މަންދޫބުންނާއި އޮބްޒާވަރުންނާ މާކައިރީގައި ހުރުމުން ވޯޓުގެ ސިއްރު ހިފެހެއްޓުމަށް ދަތިވި ކަމަށެވެ. މީގެއިތުރުން ބާތިލު ވޯޓު ގިނަކަންވެސް އޭނާވަނީ ފާހަގަކުރައްވާފައެވެ. އެހެންކަމުން މިކަމަށް އާންމުން ހޭލުންތެރިކަން އިތުރުކުރުމަށް ބާރުއެޅުމަށް ޑެނީފޯވަނީ ވަނީ ގޮވާލާފައެވެ.
އިންތިޚާބު އޮބްޒާވް ކުރުމަށް ކޮމަންވެލްތު ގްރޫޕްގެ 11 މީހަކު ވަނީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހަރަކާތްތެރިވެފައެވެ. އޭގެތެރޭގައި މާލެއާއި އަދި އަތޮޅުތެރޭގެ ރަށްތައް ހިމެނެއެވެ.