ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދުގެ އިތުބާރު ނެތްކަމުގެ މައްސަލަ އަނބުރާ ނެގުމަށް އެމް.ޑީ.ޕީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމައި މަޖިލީހަށް ސިޓީ ފޮނުވި ނަމަވެސް އިތުބާރު ނެތްކަމުގެ މައްސަލަ ކުރިއަށް ގެންދެވޭ ވަރަށް އަދިވެސް ސޮއި އޮތުމުން މައްސަލަ ކުރިއަށް ގެންދަން ނިންމަވައިފިއެވެ.
މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ނައިބް ރައީސް އީވާ ޢަބްދުﷲގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި އެމް.ޑީ.ޕީގެ ޕީޖީ ގްރޫޕުގެ އަޣުލަބިއްޔަތުން ވަނީ މިމައްސަލަތައް އަނބުރާ ނެންގެވުމަށް ނިންމަވާފައެވެ. ނަމަވެސް މަޖިލީހުގެ މިއަދުގެ ޖަލްސާ ފެއްޓުވުމަށްފަހު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ މަޖިލީހުގެ ގަވާއިދު ބުނާގޮތުން 22 މެމްބަރުންގެ ސޮޔާއިއެކު އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅައިފިނަމަ އެމައްސަލަ ކުރިއަށް ގެންދަންވާނެ ކަމަށެވެ.
މަޖިލީހުގެ ރައީސްގެ އިތުބާރު ނެތްކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން ހުށަހެޅީ 54 މެމްބަރުންގެ ސޮޔާއިއެކުގައެވެ. ނަމަވެސް މައްސަލަ އަނބުރާ ނެގުމަށް އެދުނީ 25 މެމްބަރުން ކަމަށްވާތީ މައްސަލަ ކުރިއަށް ގެންދަންޖެހޭ ވަރަށް އަދިވެސް ސޮއި އޮތުމުން މިމައްސަލަ ކުރިއަށް ގެންދިއުމަށް މަޖިލީހުގެ ރައީސް ވަނީ ނިންމަވާފައެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެޖެންޑާކޮށްފައި އޮތީ މަޖިލީހުގެ ރައީސް ވަކިކުރަން ހުށަހަޅާފައިވާ މައްސަަލަ ކުރިއަށް ގެންދާނެ ގޮތްތަކާ މެދު ތަޅުމުން ގޮތެއް ނިންމުމަށެވެެ. ޑިމޮކްރެޓްސްގެ ޕީޖީ ގްރޫން އެދުނީ މިމައްސަލަ މުޅި މަޖިލިސް ކޮމެޓީއަކުން ވަގުތު ކަނަޑައަޅައި މައްސަލަ ކުރިއަށް ގެންދިއުމަށެވެ. ނަމަވެސް އެމްޑީޕީގެ ޕީޖީ ގްރޫޕުން ވަނީ މައްސަލަ އަނބުރާ ނަގާފައިވާކަމަށާއި، އަރާފައިވަނީ އިދާރީ އޮޅުމެއް ކަމުން އެކަންކަން ރަނގަޅުކޮށް މައްސަލަ އަނބުރާ ގެންދިއުމަށް ބޭނުންވާކަމަށެވެ.
މަޖިލީހުގެ ޤަވާއިދު ބަޔާންކުރާގޮތުގައި މަޖިލީހުގެ ރައީސް ނުވަތަ ނާއިބު ރައީސް މަޤާމުން ވަކިކުރެވޭނީ، މަޖިލީހުގެ އެޖަލްސާއެއްގައި ހާޒިރުވެ ވޯޓުގައި ބައިވެރިވި މެންބަރުންގެ އަޣްލަބިއްޔަތުން ފާސްކުރުމުންނެވެ.