ޚަބަރު

މާދަމާވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިފި


  • ހޯމަ ދުވަސް ބަންދުކުރީ އިންތިޚާބާއި ގުޅޭ މަސައްކަތްތައް އަދިވެސް ނުނިމޭތީ

  • އިންތިޚާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި ސަރުކާރުގެ ގިނަ ޢަދަދެއްގެ މުވައްޒަފުންނާއި އާންމު ރައްޔިތުން ބައިވެރިވި

  • އާދިއްތަ ދުވަސްވެސް ބަންދުކުރަން ނިންމެވީ އިލެކްޝަންސް ކޮމިޝަންގެ އެދުމުގެ މަތިން

ސެޕްޓެމްބަރު 11 ވާ ހޯމަ ދުވަހަކީވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

މިގޮތަށް ހަމަޖެއްސެވީ، ސެޕްޓެންބަރު މަހުގެ 9 ވާ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބާ ގުޅޭ އެކިއެކި މަސައްކަތްތަކުގައި، ހަރަކާތްތެރިވި ސަރުކާރުގެ ގިނަ ޢަދަދެއްގެ މުވައްޒަފުންނާއި އާންމު ރައްޔިތުން، ވޯޓާ ގުޅިގެން ކުރަން ޖެހުނު އެންމެހައި މަސައްކަތްތައް އަދި ނުނިމޭތީކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއެވެ. އަދި މިގޮތަށް ނިންމެވީ ސެޕްޓެމްބަރު 11 ވަނަ ދުވަހަކީވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖައްސަވައިދެއްވުމަށް އިލެކްޝަންސް ކޮމިޝަނުންވެސް އެދިވަޑައިގެންފައިވާތީކަމަށް ރައީސް އޮފީހުން ވިދާޅުވެއެވެ.

މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ރިޔާސީ އިންތިޚާބާ ގުޅިގެން ސެޕްޓެންބަރު މަހުގެ 10 ވަނަ ދުވަހަކީވެސް ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ކަނޑައަޅުއްވާފައެވެ.

ކޮންމެ އަހަރެއްގެވެސް ރިޔާސީ އިންތިޚާބާ ގުޅިގެން އިންތިޚާބު އޮންނަ ދުވަސް ނޫން އަނެއް ދުވަހަކީ ސަރުކާރު ބަންދުދުވަހެއްގެ ގޮތުގައި ސަރުކާރުން ހަމަޖައްސަވައެވެ.