ޚަބަރު

ދެން އަންނަ ރިޔާސީ އިންތިޚާބެއްގައިވެސް ވާދަކުރެއްވުމުގެ ވިސްނުން އެބަހުރި: ޒަމީލް


  • ޒަމީލް ވާދަކުރެއްވީ މިިނިވަން ކެންޑިޑޭޓެއްގެ ގޮތުގައި

  • ޒަމީލްއަށް ލިބިވަޑައިގަތީ 350 އެއްހާ ވޯޓު

  • އަންނަ އިންތިޚާބުގައިވެސް ވާދަކުރައްވާނެކަމަށް ޒަމީލް ވިދާޅުވޭ

ރިޔާސީ އިންތިޚާބު ކުރިއަށްދިޔަގޮތުން އުއްމީދު އައުވެއްޖެކަމަށާއި އަދިވެސް ރިޔާސީ ރޭހަށް ނިކުންވާނެކަމަށް މިއަހަރުގެ ރިޔާސީ އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރެއްވި ކެންޑިޑޭޓް އަލްއުސްތާޛު ޙަސަން ޒަމީލް ވިދާޅުވެއްޖެއެވެ.

މިފަހަރުގެ އިންތިޚާބުގައި ވާދަކުރެއްވި 8 ކެންޑިޑޭޓުންގެ ތެރެއިން ޒަމީލްއަކީ އެންމެ މަދުން ވޯޓު ލިބިވަޑައިގެންނެވި ބޭފުޅާއެވެ. ޒަމީލްއަށް ލިބިވަޑައިގަތީ 350 އަކަށް ވޯޓެވެ. އައީ ވޯޓު ލީ މީހުންގެ %0.30 އަށްވުރެންވެސް ދަށުންނެވެ.

އިންތިޚާބުގެ ނަތީޖާއަށްފަހު ކުރެއްވި ޓްވީޓެއްގައި ޒަމީލް ވިދާޅުވީ ރިޔާސީ އިންތިޚާބުގައި އެނާއަށް އިތުބާރުކުރައްވާ ވޯޓު ދެއްވި އެންމެހާ ފަރާތްތަކަށް ޝުކުރު ދަންނަވާކަމަށެވެ. އަދި އިންތިޚާބުގައި ވާދަކުރުމަށް ކުރެވުނު މަސައްކަތަށް ބަލާއިރު، ރައްޔިތުން ދެއްވި ތަޢީދުގެ ސަބަބުން ތެދު ކުރިއަރާނެކަމަށް ކުރެވޭ އުއްމީދު އައުވެއްޖެކަމަށް ޒަމީލް ވިދާޅުވިއެވެ.

އެކި މީޑިއާތަކަށް ދެއްވި އިންޓަވިއުތަކުގައި ޒަމީލް ވިދާޅުވީ، ދެން އަންނަ އިންތިޚާބެއްގައި ވާދަކުރެއްވުމުގެ ޝައުގުވެރިކަން އެބައޮތްކަމަށާއި، ކުރިމަތިލައްވާނެކަމަށެވެ. ޒަމީލް ވިދާޅުވީ ދެންވެސް ނިކުމެވަޑައިގަންނަވާނީ މިނިވަން ކެންޑިޑޭޓެއްގެ ގޮތުގައިކަމަށެވެ.. ޒަމީލް ޤަބޫލުފުޅުކުރައްވާގޮތުގައި، ކޯލިޝަން ވެރިކަމަކުން ރާއްޖޭގެ ކަންކަން ހެޔޮމަގަށް ގެންދެވުމަކީ ކުރެވޭނެ ކަމެއް ނޫންނެވެ.

ޒަމީލް ވިދާޅުވީ ކުރިއަށް އޮތް 5 އަހަރުވެސް ސިޔާސީ ދާއިރާގައި މާ ހަރަކާތްތެރިކޮށް ނުފެންނާނެކަމަށެވެ. ނަމަވެސް އިންތިޚާބުގައި ވާދަކުރައްވާނެކަމަށެވެ.