ޚަބަރު

ރިޔާސީ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދަނީ އަމާންކަމާއި އޮމާންކަމާއެކު: ހަބީބު


ރިޔާސީ އިންތިޚާބުގެ ވޯޓުލުން ކުރިއަށްދަނީ އަމާންކަމާއި އޮމާންކަމާއެކު ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއީލް ހަބީބު ވިދާޅުވެއްޖެއެވެ.

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމިޝަންގެ ނާއިބު ރައީސް ވިދާޅުވީ ވޯޓުލާ މަރުކަޒްތަކުގައި ކިއު ދިގުވެގެން ބައެއް ކަހަލަ ޝަކުވާތައް ހުށަހެޅުމުން ކޯޑިނޭޝަން ސެންޓަރުގެ ފަރާތުން އެތަންތަނަށް އިތުރު އޮފިޝަލުން ފޮނުވާ ވޯޓުލުމުގެ މަސައްކަތް އަވަސް ކުރުމުގެ ކަންކަން ކުރިއަށްދާ ކަމަށެވެ.

ހަބީބުވަނީ ވޯޓުލާ ބައެއް މަރުކަޒުތަކުގައި ހިނގާދިޔަ ބައެއް ކަންތައްތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އއ.ރަސްދޫގައި ވޯޓުލާ މަރުކަޒުގެ 2 ވޯޓު ފޮށީގައި 2 އޮފިޝަލުން އިޤްރާރާ ޚިލާފްވި މައްސަލައެއް ހުށަހެޅުމުން އެކަން ބެލުމަށްފަހު އެ 2 އޮފިޝަލުން ދޫކުރުމަށްފަހު އޮފިޝަލުންގެ ތެރެއިން އެމަގާމްތަކަށް މީހުން ލުމަށްފަހު ވޯޓުލުން މިހާރު ކުރިއަށްދާ ކަމަށެވެ. އަދި ތުޅާދޫގައިވެސް ވޯޓުލާން ދިޔަ މީހަކު ފޮޓޯނެގިކަމަށް ހުށަހެޅުނު މައްސަލައެއްވެސް ބަލާފައިވާ ކަމަށް ހަބީބު ވިދާޅުވިއެވެ.

މިފަދަ ކުދިކުދި މައްސަލަތައް ކުުމަތިވިނަމަވެސް ވޯޓުލުން ކުރިއަށްދަނީ އަމާންކަމާ އޮމާންކަމާއެކު ކަމަށް ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ މިއަދު މެންދުރު ބާރަ ޖެހުމާ ހަމައަށް 46.03 އިންސައްތަ މީހުން ވޯޓުލާފައިވާ ކަމަށެވެ. އެއީ 129،975 މީހުން މީހުންނެވެ.

މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްލަ 282،395 މީހަކަށް ވޯޓުލުމުގެ ހައްޤު ލިބިފައިވެއެވެ. މީގެ ތެރޭގައި އަލަށް ވޯޓުލާ 27000 އަށްވުރެ ގިނަ މީހުން ހިމެނެއެވެ. މި އިންތިޚާބުގައި ރާއްޖެއާއި ރާއްޖޭން ބޭރުގައި ވޯޓުލުމަށްޓަކާ ޖުމްލަ 574 ފޮށްޓެއް ވަނީ ބަހައްޓާފައެވެ. މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ރާއްޖޭން ބޭރުގެ 5 ޤައުމެއްގައި ވަނީ ވޯޓު ފޮށި ބަހައްޓާފައެވެ.

ރިޔާސީ އިންތިޚާބުގެ މަސައްކަތްތަކުގައި އޮފިޝަލުންގެ ގޮތުގައި 5000 އަށްވުރެ ގިނަ މީހުން ހަރަކާތްތެރިވެއެވެ. އަދި މޮނިޓަރުންނާއި އޮބްޒާވަރުންގެ ގޮތުގައި 1700 އަށްވުރެ ގިނަ މީހުން ހަރަކާތްތެރިވެއެވެ.