ޚަބަރު

އިންތިޚާބު ކުރިއަށްދަނީ ޑިމޮކްރެޓިކް އުސޫލުތަކާއި ޤާނޫނުތަކާ އެއްގޮތަށްތޯ ބަލާނަން: އީޔޫ


  • އީޔޫ މިޝަންގެ ވަފްދެއް ދަނީ ހަރަކާތްތެރިވަމުން

  • މިއީ އިލެކްޝަންސް ކޮމިޝަންގެ ދަޢުވަތަށް ވަޑައިގެންނެވި ވަފްދެއް

  • އިންތިޚާބަށްފަހު ރިޕޯޓެއް ޢާންމުކުރާނެ

ބައިނަލްއަގްވާމީ އޮބްޒާވަރުން އިންތިޚާބުގެ ކަންކަން މޮނިޓަރކުރުމުގައި ހަރަކާތްތެރި ވުމަކީ އިންތިޚާބު އިންތިޒާމުކުރާ މުއައްސަސާތަކަށް އިންސާފުވެރި އަދި ހާމަކަން ބޮޑު އިންތިޚާބެއް ބޭއްވުމަށް ލިބޭ ހިތްވަރެއްކަމުގައި އީޔޫގެ އިލެކްޝަންސް އޮބްޒަރވޭޝަން މިޝަނުން ހާމަކުރައްވައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގަ، އީޔޫގެ އިންތިޚާބު އޮބްޒަރވޭޝަން ޓީމްގެ ޑެޕިއުޓީ ޗީފް އޮބްޒަރވަރ، އޭން މަލްބަރޯ ވިދާޅުވީ އިންތިޚާބާ ގުޅިގެން ގިނަ ކަންތައްތަކެއް އެ ޓީމުން ބަލަމުންދާކަމަށާއި މީގެ ތެރޭގައި ވޯޓު ލިސްޓު އެކުލަވާލުމާ، ރީ-ރެޖިސްޓްރޭޝަން މަރުޙަލާގެ އިތުރުން ކެއމްޕެންއިން ހަރަކާތަތައްވެސް ގާތުން ބަލަމުންދާކަމަށެވެ.

މައިގަނޑު ގޮތެއްގައި އިންތިޚާބާ ގުޅިގެން އީޔޫގެ ވަފުދުން ކުރައްވާ މަސައްކަތަކަށް އަލިއަޅުއްވާލައްވާ، އޭން ވިދާޅުވީ އިންތިޚާބާ ގުޅިގެން މީޑިއާގެ އެކި ވަސީލަތްތަކުން ސިޔާސީ ޕާޓީތަކާ ކެންޑިޑޭޓުންނަށް ވަގުތު ދިނުމުގައި އަމަލުކޮށްފައިވާ އުސޫލުތަކާ އިންތިޚާބާ ގުޅިގެން އުފައްދާފައިވާ ކޮންޓެންޓްތައް ބައްލަވާކަމަށެވެ. އެގޮތުން، ޕްރިންޓް މީޑިއާ، ސޯޝަލް މީޑިއާ މެދުވެރިކޮށް ހިންގާ ޚަބަރުފަތުރާ ވަސީލަތްތައް އަދި ބްރޯޑްކާސްޓިންގް މީޑިއާގެ އެކި ޗެނަލްތަކުން ސިޔާސީ ޕާޓީތަކަށާ ކެންޑިޑޭޓުންނަށް ވަގުތު ދީފައިވަނީ ހަމަހަމަ ކަމާ އެކީތޯ ބައްލަވާ ރިޕޯޓެއް ތައްޔާރުކޮށް ވޯޓުލުމުގެ ދެ ދުވަސް ފަހުން އިބްތިދާއީ ރިޕޯޓު ޝާޢިއުކުރައްވާނެކަމަށެވެ. މި ރިޕޯޓުގައި މީޑިއާތަކުން އަމަލުކޮށްފައިވާ ގޮތް ތަފްސީލުކޮށް އެނގިގެންދާނެކަމަށާ ރަނގަޅުކުރަންވީ ކަންކަމުގެ ލަފާއަރުވާފައިވާނޭކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ބައިނަލްއަގްވާމީ އޮބްޒާވަރުން އިންތިޚާބުގެ ކަންކަން މޮނިޓަރކުރުމުގައި ހަރަކާތްތެރި ވުމަކީ އިންތިޚާބު އިންތިޒާމުކުރާ މުއައްސަސާތަކަށް އިންސާފުވެރި އަދި ހާމަކަން ބޮޑު އިންތިޚާބެއް ބޭއްވުމަށް ލިބޭ ހިތްވަރެއްކަމުގައި އޭން ސިފަކުރެއްވިއެވެ. އަދި މި ބޭއްވޭ އިންތިޚާބަކީ އިންސާފުވެރި ދެފުށް ފެންނަ އިންތިޚާބެއްކަން ކަށަވަރުކުރުމަށް އާއްމުންނަށް އިތުރު ޔަޤީންކަމެއް މި ޓީމްގެ ސަބަބުން ލިބިގެންދާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ސަބަބަކީ ރާއްޖޭގައި މި ބާއްވާ ރިޔާސީ އިންތިޚާބުގެ ސަބަބުން އީޔޫގެ ޓީމް މެމްބަރުންނަށް ކުރާނެ ޒާތީ ފައިދާއެއް ނެތުންކަމަށް އޭނާ ވިދާޅުވިއެވެ. އަދި އިންތިޚާބުގެ ނަތީޖާއާ މެދު މަސްލަހަތު ނެތުމަކީ އިންތިޚާބުގެ މަރުހަލާގައި އާންމުންގެ އިތުބާރު އިތުރުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ކަމެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

މާދަމާ ބާއްވާ ރިޔާސީ އިންތިޚާބުއިންތިހާބު އޮބްޒާވް ކުރުމަށް އިލެކްޝަންސް އޮބްޒަވޭޝަން މިޝަން (އީއޯއެމް)ގެ ޓީމެއް ދަނީ ރާއްޖޭގައި ހަރަކާތްތެރިވަމުންނެވެ. އެ ވަފްދު ރާއްޖެ ވަޑައިގަތުމުގެ މަޤްޞަދަކީ، އިންތިޚާބު ހިނގަނީ ބައިނަލްއަޤުވާމީ އަދި ސަރަހައްދީ ޤައުމުތަކާއި، ރާއްޖޭ ޑިމޮކްރެޓިކް އުސޫލުތަކާއި ޤާނޫނުތަކުގެ ދަށުންތޯ ކަށަވަރުކުރުމަށްކަމަށެވެ. ވޯޓުލާ ދުވަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މި ޓީމްގެ މެމްބަރުން ހަރަކާތްތެރިވާނެއެވެ.

ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ބައިނަލްއަޤްވާމީ މޮނިޓަރުންނާއި އޮބްޒާވަރުންގެ ގޮތުގައި 165 ފަރާތުން ހަރަކާތްތެރިވާނެއެވެ. މީގެތެރޭގައި ހިމެނެނީ 143 އޮބްޒާވަރުންނާއި 22 މޮނިޓަރުންނެވެ.