ޚަބަރު

ވޯޓުލުމުގެ ޙައްޤު ނަޒާހަތްތެރިކަމާއެކު އަދާކުރެއްވުމަށް އޭސީސީން އެދިވަޑައިގެންފި


  • ނަޒާހަތްތެރިކަމާއެކު ވޯޓުލުމަކީ ޤައުމުގެ މުސްތަޤްބަލަށާއި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ވަރަށް މުހިންމު ކަމެއް

  • ވަކިގޮތަކަށް އަމަލުތައް ބެހެއްޓުމަށް އަންނަ ރިޝްވަތުގެ ހުށަހެޅުންތަކާއި ދެކޮޅު ހެދުން ވަރަށް މުހިންމު

  • އޭސީސީއަށް ހުށަހެޅޭ މައްސަލަތައް ނަޒާހަތްތެރިކަމާއެކު ބަލާ އެއަށް ފިޔަވަޅު އަޅާނެ

ވަކިގޮތަކަށް ވޯޓް ދިނުމަށް ނުވަތަ ނުދިނުމަށް އެދި އަންނަ ހުށަހެޅުންތަކުން އެއްކިބާވެ ވޯޓުލުމުގެ ޙައްޤު ނަޒާހަތްތެރިކަމާއެކު އަދާކުރެއްވުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން، އޭސީސީގެ ރައީސް އާދަމް ޝާމިލް އެދިވަޑައިގެންފިއެވެ.

ޕީއެސްއެމް ނިއުސްއަށް ދެއްވި އިންޓަރވިއުއެއްގައި އޭސީސީގެ ރައީސް ޝަމިލް ވިދާޅުވީ ނަޒާހަތްތެރިކަމާއެކު ވޯޓުލުމަކީ ޤައުމުގެ މުސްތަޤްބަލަށާއި ޑިމޮކްރަސީ ހަރުދަނާ ކުރުމަށް ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން ވޯޓުލުމަށް މިލިބޭ ޙައްޤު ރަނގަޅުގޮތުގައި ކުރިއަށް ގެންދިއުމަށާއި، ވޯޓަކީ ނުފޫޒުން އެއްކިބާވެ ތިމާދެކޭގޮތުގައި ރަނގަޅު ވޯޓެއްކަން ކަށަވަރު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ޝާމިލް ވިދާޅުވިއެވެ.

ޝާމިލް ވިދާޅުވީ މިއޮތް ވަގުތުގައި ހުށަހެޅޭ އެއްވެސް ހުށަހެޅުމަކީ ނުފޫޒު ފޯރުވުމަށްޓަކައި ވަކިގޮތަކަށް ޢަމަލުތައް ބެހެއްޓުމަށް ބާރުއެޅުމަށް އަންނަ ރިޝްވަތުގެ ހުށަހެޅުމަށް ކަމަށްވާނަމަ އެއާ ދެކޮޅު ހެދުމަކީ މިވަގުތު ކުރަންޖެހޭ ވަރަށް މުހިންމު ކަމެއް ކަމަށެވެ.

އަދި ވޯޓަކީ އޭގެ ވަށައިގެން ހުރި ގޯސްތަކުން އެއްކިބާވެ ރަނގަޅު ގޮތުގައި ލެވޭ ވޯޓެއްކަން ކަށަވަރުކުރުމަކީ ދައުލަތުގެ މުސްތަޤްބަލަށްޓަކައި ވަރަށް މުހިންމު ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެހެން ކަމުން ވަކިގޮތަކަށް ވޯޓުދިނުމަށް ނުވަތަ ނުދިނުމަށް އެދި އަންނަ ހުށަހެޅުންތަކުން އެއްކިބާވެ ވޯޓުލުމުގެ ޙައްޤު ނަޒާހަތްތެރިކަމާއެކު އަދާކުރެއްވުމަށް އޭނާ އެދިވަޑައިގެންނެވިއެވެ.

"ވޯޓަކީ އޭގެ ވަށައިގެން ހުރި ގޯސްތަކުން އެއްކިބާވެ ރަނގަޅު ގޮތުގައި ލެވޭ ވޯޓެއްކަން ކަށަވަރުކުރުމަކީ ދައުލަތުގެ މުސްތަޤްބަލަށްޓަކައި ވަރަށް މުހިންމު ކަމެއް" އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވިއެވެ.

ރިޔާސީ އިންތިޚާބާއި ގުޅިގެން ހިންގާ އިންތިޚާބީ ރިޝްވަތުގެ މައްސަލަ ހުށައެޅުމަށް އޭސީސީންވަނީ ޚާއްސަ ޕޯޓަލްއެއްވެސް ޤާއިމުކުރައްވާފައެވެ. އޭސީސީން ވިދާޅުވީ އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނުގައި ބަޔާންކޮށްފައިވާ އިންތިޚާބީ ރިޝްވަތުގެ ކުށެއް ކުރާނަމަ ކޮންމެ މީހަކަށްވެސް އެ މައްސަލައެއް، މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭނެ ކަމަށެވެ. މި ޕޯޓަލްއަށް ވަނުމުން އިންތިޚާބީ ރިޝްވަތަކީ ކޮބައިކަމާއި އެއަށް ސަމާލުވާނެގޮތުގެ މައުލޫމާތު ހިމަނައިގެން އޭސީސީން ތައްޔާރުކުރައްވާފައިވާ ލުއިފޮތްވެސް ބަލައިލެވޭނެއެވެ. އަދި މިޕޯޓަލް މެދުވެރިކޮށް މައްސަލަ ހުށަހަޅާ ފަރާތުގެ މަޢުލޫމާތު ސިއްރުކޮށްދެވޭގޮތަށް އިންތިޒާމުކުރެވިފައިވާ ކަމަށާއި، މައްސަލައިގެ އަޕްޑޭޓް ފޯރުކޮށްދެވޭނީ ކާކުކަން އެނގޭގޮތަށް މައްސަލަ ހުށަހަޅާ ފަރާތްތަކަށް ކަމަށް އޭސީސީން ވިދާޅުވެއެވެ.

މިޕޯޓަލް މެދުވެރިކޮށް މިހާތަނަށްވެސް ބައެއް މައްސަލަތައް ހުށަހަޅާފައިވާ ކަމަށާއި އޭގެތެރެއިން އެކޮމިޝަނުން ބައެއް މައްސަލަތައް ބަލައިގަނެ އެމައްސަލަތައް ބަލަމުން އަންނަ ކަމަށް އެކޮމިޝަނުންވަނީ ވިދާޅުވެފައެވެ.

އޭސީސީއަށް ހުށަހެޅޭ މައްސަލަތައް ނަޒާހަތްތެރިކަމާއެކު ބަލާ އެއަށް ފިޔަވަޅު އެޅުމުގައި ޤާނޫނު އަސާސީންނާއި ޤާނޫނުން އެކޮމިޝަނަށް ލާޒިމްކޮށްފައިވާ ޒިންމާ އަދާކުރެއްވުމުގައި ފަސްޖެހިވަޑއަި ނުގަންނަވާނެ ކަމަށްވެސް އޭސީސީގެ ރައީސް އާދަމް ޝާމިލް ވިދާޅުވިއެވެ.