ޚަބަރު

"ބަޔާންވެގެންވާ ފަސޭހަ ތަފްޞީރު"ގެ ނަމުގައި، ޤުރުއާނުގެ ތަރުޖަމާއާއި ތަފްސީރު އިފްތިތާޙްކޮށްފި


  • މިފަދަ ފޮތެއް ދިވެހި ބަހުން ނެރުމަކީ ޤާސިމްގެ ރިޔާސީ ވަޢުދެއް

  • މި ފޮތުގެ 50،000 ކޮޕީ، ޗާޕުކޮށް ދިވެހިންނާއި ހަމައަށް ފޯރުކޮށްދޭނަން

"ބަޔާންވެގެންވާ ފަސޭހަ ތަފްޞީރު" ގެ ނަމުގައި، ކީރިތި ޤުރުޢާނުގެ ތަރުޖަމާއާއި، ތަފްޞީރުގެ މައްޗަށް އެކުލެވޭ ވެބް ވާޝަނެއް ތައާރަފްކުރައްވައި، އިފްތިތާހުކޮށްފިއެވެ. މި ފޮތުގެ ވެބް ވާޝަން އިފްތިތާޙް ކޮށްދެއްވީ ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހީމްއެވެ. ކީރިތި ޤުރުއާން ތަފްސީރުގެ ދިވެހި ތަރުޖަމާއެއް ނެރެ، ޢާންމުންނާއި ހަމައަށް ފޯރުކޮށްދިނުމަކީ ޤާސިމްގެ ރިޔާސީ ކެމްޕެއިން ވަޢުދެކެވެ.

"ބަޔާންވެގެންވާ ފަސޭހަ ތަފްޞީރު" ގެ ނަމުގައި، ކީރިތި ޤުރުޢާނުގެ ތަރުޖަމާއާއި، ތަފްޞީރުގެ މައްޗަށް އެކުލެވޭ ވެބް ވާޝަން އިފްތިތާޙްކުރުމަށް ވިލާ ކޮލެޖުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ ކީރިތިި ޤުރުއާނުގެ ތަފްސީރު ފޮތެއް ދިވެހި ބަހަށް ތަރުޖަމާކޮށް ދިވެހިންނާއި ހަމައަށް ފޯރުކޮށްދިނުމަކީ ކުރެއްވި ވަރަށް ބޮޑު ޢުއްމީދެއްކަމަށެވެ. އަދި މިފަދަ ފޮތެއްގެ ސަބަބުން ރާއްޖޭގެ އިސްލާމީ ފޭރާން ވަރުގަދަވެ، ދިވެހިންގެ މެދުގައި މާތް ﷲ އަށް އޮންނަ އީމާންތެރިކަން ވަރުގަދަވެގެންދާނެކަމަށްވެސް ޤާސިމް ވިދާޅުވިއެވެ. ހަމައެއައިއެކު، މިފޮތުގެ 50،000 ކޮޕީ ޗާޕުކޮށް ރައްޔިތުންނާއި ހަމައަށް ފޯރުކޮށްދެއްވާނެކަމަށްވެސް ޤާސިމް ވަނީ ވިދާޅުވެފައެވެ.

"މި މަތިވެރި މަސައްކަތް އިންސާނިއްޔަތަށްޓަކައި، ﷲގެ މަތިވެރި ވަޙީ ބަސްފުޅުގައި އަންގަވާފައިވާ ފަދައިން ކުރެވޭތޯ ބެލުމުގެ މާތް މަޤުޞަދުގައި އަޅުގަނޑު މިކަން މިކުރަނީ. އަދި ދިވެހިންނަށް މި ތަރުޖަމާގެ ސަބަބުން މާތް ﷲ އީމާންކަން ހިތަށް ވައްދަވާ، އެކަލާނގެ މަގުގައި މަސައްކަތްކުރުމުގެ ފުރުޞަތު ލިބިގެންދާނެކަމުގެ ޔަޤީންކަން އަޅުގަނޑަށް އެބައޮތް." ޤާސިމް ވިދާޅުވިއެވެ.

ކީރިތި ޤުރުއާނުގެ ތަފްސީރީ ޢިލްމުގެ ފޮތެއް ދިވެހި ބަހަށް ތަރުޖަމާކޮށް ނެރުމަކީ ޤާސިމްގެ މެނިފެސްޓޯގައި ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތު ހިމާޔަތްކުރުމުގެ ސިޔާސަތުގެ ދަށުން ހިމަނާފައިވާ ކަމެކެވެ. މީގެ އިތުރަށް މި ސިޔާސަތުގެ ދަށުން، ހުޅުމާލެ އާއި އުތުރާއި ދެކުނުގައި އިސްލާމީ ސެންޓަރުތައް ޤާއިމް ކުރުމާއި، 65 އަހަރުން މަތީގެ 100 މީހުން ސަރުކާރުގެ ޚަރަދުގައި ކޮންމެ އަހަރަކު ޙައްޖަށް ފޮނުވުމުގެ އިތުރުން، ޤުރުއާން ހިތުދަސް ކުރާ ޤައިދީންނަށް އަދަބު ލުއި ކުރުމާއި، މަޢާފު ކުރުމަށް އުޞޫލެއް ޤާއިމްކުރުން ހިމެނެއެވެ.