ވިޔަފާރި

މަތީ ތައުލީމަށް ޙާއްސަ ފައިނޭންސިންގ ފެސިލިޓީ ތަޢާރަފްކޮށްފި


މަތީ ތައުލީމަށް ޙާއްސަ ފައިނޭންސިންގ ފެސިލިޓީއެއް މޯލްޑިވްސް އިސްލާމިކް ބޭންކުން ތައާރަފްކޮށްފިއެވެ.

މޯލްޑިވްސް އިސްލާމިކް ބޭންކަށް 5 އަހަރު ފުރުން ފާހަގަކުރުމަށްޓަކައި ރޭ ހޮޓެލް ޖެންގައި ބޭއްވި ޙާއްސަ ހަފްލާގައި ތައުލީމަށް ދޫކުރާ ފައިނޭންސިންގ ފެސިލިޓީ ވިލާ ކޮލެޖުގެ ދަރިވަރުންނަށް ދޫކުރުމާއި ގުޅޭ އެމްއޯޔޫގައި ވަނީ ސޮއިކޮށްފައި.

މޯލްޑިވްސް އިސްލާމިކް ބޭންކު، އެމްއައިބީގެ ތައުލީމަށް ދޫކުރާ ފައިނޭންސިންގ ފެސިލިޓީގައި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީ އާއި ރާއްޖޭގެ އެހެން ކޮލެޖުތަކާއި އިންސްޓިޓިއުޓްތައް ހިމެނުމަށް ހަމަޖެހިފައިވާ ކަމަަށް އެ ބޭންކުން ހާމަކުރެއެވެ.

މި ހަފްލާގައި ވާހަކަދައްކަވަމުން މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޗެއާމަން ނަޖުމުލް ހަސަން ވިދާޅުވީ އެ ބޭންކުގެ ޙިދުމަތްތައް ރާއްޖޭގައި ފުޅާކުރުމަށްޓަކައި ކުރިއަށް އޮތް ދެ މަހެއްހާ ދުވަސް ތެރޭ ހުޅުމާލޭގަ އާއި ހދ. ކުޅުދުފުށީގައި އެ ބޭންކުގެ ބުރާންޗްތައް ހުޅުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މިހާރު އެމްއައިބީގެ ބުރާންޗުތައް ހުންނަނީ މާލޭ ސިޓީ، ގދ.ތިނަދޫ އަދި އައްޑޫ ސިޓީގައެވެ.

މީގެ އިތުރުން ނަޖުމުލް ޙަސަން ވިދާޅުވީ 2017 ވަނަ އަހަރުގެ ކުރީ ކޮޅު މޯލްޑިވްސް އިސްލާމިކް ބޭންކުގެ ފަރާތުން ރާއްޖެއަށް އިންޓަރނޭޝަނަލް ޑެބިޓް ކާޑެއް ތަޢާރަފްކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.

މި ޙަފްލާގައި ވާހަކަދައްކަވަމުން މޯލްޑިވްސް އިސްލާމިކް ބޭންކުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ޙާރިޘް ހާރޫން ވިދާޅުވީ ފާއިތުވި 5 އަހަރު ދުވަހުގެ ތެރޭ އެ ބޭންކަށް ގިނަ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށެވެ.

މި ހަފްލާގައި މޯލްޑިވްސް އިސްލާމިކް ބޭންކަށްް އެކި ގޮތްގޮތުން ހިދުމަތް ކުރި މީހުންނަށް ހަނދާނީ ފިލާވެސް ވަނީ ދީފައެވެ.