ކުޅިވަރު

މޮޅަކާއެކު އާޖެންޓީނާއިން ވޯލްޑް ކަޕް ކޮލިފައިން ފަށައިފި


2026 ވަނަ އަހަރު ބާއްވާ ފީފާ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ކުޅުނު ފުރަތަމަ މެޗުން އާޖެންޓީނާއިން އެކުއެޑޯ ބަލިކޮށްފިއެވެ.

އާޖެންޓީނާގެ ބޮއިނަސެއިރީސްގައި ރޭ ކުޅުނު މެޗުން އެ ޓީމު މޮޅުވީ 1-0 ގެ ނަތީޖާއަކުންނެވެ.

ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗުގައި ގިނައިރު ބޯޅަ ގެންގުޅެ ގިނަ ހަމަލާ އުފައްދާފަވަނީ އާޖެންޓީނާއިންނެވެ. އެހެން ނަމަވެސް އެކުއެޑޯ ކޮޅަށް ކުރި ގިނަ އެޓޭކުތަކެއް ލަނޑަކަށް ބަދަލުނުވުން، ކުޅުންތެރިންނަށް ކޮންމެވެސް ވަރެއްގެ ނުތަނަވަސް ކަމެއް ކުރިމަތިވިއެވެ.

މި މެޗުގައި އާޖެންޓީނާގެ ހަމައެކަނި ލަނޑު މެޗުގެ 77 ވަނަ މިނިޓުގައި ލިބުނު ހިލޭޖެހުމަކުން ކާމިޔާބުކޮށްދިނީ ކެޕްޓަން ލިއޮނަލް މެސީއެވެ. މި މެޗު ބަލަން 83 ހާސް މީހުން ދަނޑަށް ވަތްއިރު، މެޗަށްފަހު ވާހަދައްކަމުން މެސީ ބުނީ ދުނިޔޭގެ ޗެމްޕިއަނުންނަށް އާޖެންޓީނާ ވުމުން ކޮންމެ ޓީމަކުންވެސް އެ ޓީމު ބަލިކުރަން އަމާޒު ހިފާފައިވާ ކަމަށެވެ. އެހެންކަމުން އެންމެ ބޮޑު އަމާޒަކީ ވޯލްޑް ކަޕަށް ކޮލިފައިންވުން ކަމަށާއި، އެކަމަކު ރޭގެ މެޗުގައި އިދިކޮޅުން ކުޅުނު އެކުއެޑޯ އަކީ ފިޒިކަލީ ވަރުގަދަ ރަނގަޅު ކުޅުންތެރިން ހިމެނޭ ޓީމެއް ކަމަށްވުމުން އުނދަގޫތަކެއް ދިމާވި ކަމަށްވެސް ވަނީ ބުނެފައެވެ.

ރޭގަ މެޗުގައި ޖެހި ލަނޑާއެކު އާޖެންޓީނާއިން އެންމެފަހުން ކުޅުނު އަށް މެޗުގައިވެސް މެސީ ވަނީ ލަނޑު ޖަހާފައެވެ. އަދި ރޭ ޖެހި ލަނޑާއެކު މެސީ ވަނީ މިހާތަނަށް ދެކުނު އެމެރިކާގެ ކޮލިފައިންގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ, އުރުގުއޭއީގެ ލުއިސް ސުއަރޭޒް ޖަހާފައިވާ 29 ލަނޑާ އަރާ ހަމަކޮށްފައެވެ.

އެކުއެޑޯ އަތުން ހޯދި މޮޅާއެކު އާޖެންޓީނާއިން ވަނީ ވޯލްޑް ކަޕް ކޮލިފައިންގައި ބަލިނުވެ 22 މެޗު ހަމަކޮށްފައެވެ. އެންމެފަހުން އާޖެންޓީނާ ކޮލިފައިންގަ ބަލިވީ 2017 ވަނަ އަހަރު ބޮލީވިޔާ އަތުންނެވެ.

މި ފަހަރުގެ ކޮލިފައިންގެ ދެވަނަ މެޗުގައި އަންނަ އަންގާރަ ދުވުހު އާޖެންޓީނާ ނުކުންނާނީ ބޮލީވިޔާއާ ދެކޮޅަށެވެ. މިފަހަރު ކޮލިފައިންގައި ދެކުނު އެމިރިކާ ކޮންމެ ގައުމަކުންވެސް 18 މެޗު ކުޅުމަށް ހަމަޖެހިފަވާއިރު، ވޯލްޑް ކަޕަށް ކޮލިފައިވާ އަދަދު އިތުރުވުމާއެކު، ދެކުނު އެމެރިކާގެ ބައްރުން އެންމެ ގިނަ ޕޮއިންޓް ހޯދާ ހަ ޓީމަށް ޖާގަ ލިބިގެންދާނެއެވެ.