ޚަބަރު

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އިންތިޒާމްތައް ހުރިގޮތް މިދަނީ ބަލަމުން: އެޗްއާރުސީއެމް


  • ލޯފަން މީހުންނަށް ވޯޓާއި ގުޅޭ ކަންކަމުގައި އެހީވުމަށް އެދުނު

  • ރަށްރަށުގެ ހާލަތު ދެނެގަނެގަންނަމުންދާކަމަށް

  • ވޯޓުލާ ދުވަހުވެސް އިންތިޚާބީ އެކި ކަންކަން އެޗްއާރުސީއެމްއިން މޮނިޓަރ ކުރާނެ

  • އިންތިޚާބުގައި ފާހަގަވި ކަންކަމާއި ގުޅޭ ރިޕޯޓެއް އިލެކްޝަންސްއަށް އަރުވާނެ

ނުކުޅެދުންތެރިކަން ހުންނަ މީހުނާއި އެނޫންވެސް ފަރާތްތަކުން ވޯޓުލުމަށްޓަކައި، ވޯޓުލާ މަރުކަޒުތަކުގައި ފުރިހަމަވާންޖެހޭ އެކިކަހަލަ ކަންކަން ފުރިހަމަވެފައިވޭތޯ ކަށަވަރު ކުރަމުން ގެންދަވާނެކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް، އެޗްއާރުސީއެމުން ވިދާޅުވެއްޖެއެވެ. އެކޮމިޝަނުން ވަނީ މާދަމާ އޮންނަ ރިޔާސީ އިންތިޚާބުގައި ވޯޓުލާ ފަރާތްތަކުގެ ތެރެއިން ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، ވޯޓާއި ގުޅޭ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދީ، އެ މީހުންގެ މެދުގައި ހޭލުންތެރިކަން އުފެއްދުމަށް މަސައްކަތްކޮށްދިނުމަށްވެސް އެދިވަޑައިގެންފައެވެ.

އިންތިޚާބުތަކާއި ބެހޭ ޢާންމު ޤާނޫނަށް އެންމެފަހުން ގެނެވުނައި ބަދަލާއިއެކު، މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ލޯފަން މީހުންނަށް އެ މީހުން އަމިއްލައަށް ވޯޓުލުމަށް ވަނީ މަގުފަހިކޮށްދީފައެވެ.

އިންތިޚާބަށް އެޗްއާރުސީއެމް އިން ވަމުންދާ ތައްޔާރީތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން އެ ކޮމިޝަންގެ ރައީސާ މަރްޔަމް މުނާ ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކުރިން ހިނގާ ކަންކަން މޮނިޓަރ ކުރުމަށް ޕްރީ އިލެކްޝަން މޮނިޓަރިންނެއް އެ ކޮމިޝަނުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ. އެގޮތުން، އެޗްއާރުސީއެމްގެ މޮނިޓަރިން ޓީމްތައް އަތޮޅު ތެރޭގެ އެކި ރަށްރަށަށް ފޮނުވާ، އެ ރަށްރަށުގެ ހާލަތު ބަލައި، އިންތިޚާބާއި ގުޅޭ އެކި ކަންކަމުގައި ރައްޔިތުން ހޭލުންތެރިވެފައިވާ މިންވަރު ދެނެގަނެފައިވާ ކަމަށް މުނާ ވިދާޅުވިއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، އެހީތެރިކަން އިތުރަށް ބޭނުންވާ މީހުންނަށް ދިމާވާ އެކި ދަތިތައް ދެނެގަނެ، އެ މީހުންނަށް ބޭނުންވާނެ އިންތިޒާމްތަކާއި ގުޅޭގޮތުންވެސް އިލެކްޝަންސްގެ އެޑްވައިޒަރީ ކޮމެޓީއަށް ލަފާ އަރުވާ، އެ ކަންކަމަށް މިހާރު ހައްލެއް ހޯއްދަވާދެވިފައިވާކަން މުނާ ފާހަގަކުރެއްވިއެވެ.

"ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި، ބައެއް ކަހަލަ ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ބޭނުންވާ އިންތިޒާމްތަކާއި ގުޅޭ ކަންކަން ވެސް ހިއުމަން ރައިޓްސް ކޮމިޝަނުން ފާހަގަކޮށް، މިހާރު ވަނީ އެކަންތައްތަކަށްވެސް ހައްލެއް ހޯދާދެވިފަ." މުނާ ވިދާޅުވިއެވެ.

މުނާ ވިދާޅުވީ ވޯޓުލާ ދުވަހުވެސް އިންތިޚާބައި ގުޅޭ އެކި ކަންކަން ކުރިއަށްދާ ގޮތާއި ގުޅޭ ގޮތުން އެ ކޮމިޝަނުން މޮނީޓަރ ކުރަމުން ގެންދަވާނެކަމަށެވެ. އެގޮތުން، ވޯޓުލާ ދުވަހު ކަންކަން ކުރިއަށްދާގޮތާއި، ވޯޓުލާ މީހުންނަށް ހަމަޖެހިފައިވާ އިންތިޒާމްތައް އެ ކޮމިޝަނުން މޮނިޓަރ ކުރަމުންގެންދަވާނެކަމަށް މުނާ ފާހަގަކުރެއްވިއެވެ. އަދި ވޯޓުލުމުގެ ޙައްޤު ލިބިފައިވާ މީހުންނާއި، ޙާއްސަކޮށް ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް، ވޯޓުލާ މަރުކަޒުގައި އެކަށީގެންވާ އިންތިޒާމެއް ހަމަޖެހުމުގެ އިތުރުން، ވޯޓުލާ މަރުކަޒުތަކުގައި ފުރިހަމަވާންޖެހޭ އެކިކަހަލަ ކަންކަން ފުރިހަމަވެފައިވޭތޯ ކަށަވަރު ކުރަމުން ގެންދަވާނެކަމަށްވެސް މުނާ ވަނީ ވިދާޅުވެފައެވެ.

މީގެ އިތުރަށް، ކެމްޕެއިން ކުރުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ސުންގަޑި ހަމަވުމުން، ހުރިހާ ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކުން، ކެމްޕެއިންގެ އެއްވެސް މުޢާމަލާތެއް ނުހިންގެވުމަށް މުނާ އިލްތިމާސް ކުރެއްވިއެވެ.

ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް ނުވަތަ އެޗްއާރުސީއެމްއަކީ ރާއްޖޭގެ ޤާނޫނު އަސާސީގެ ދަށުން، ދައުލަތުގެ އެކި ބާރުތަކުން ރައްޔިތުންނަށް ފޯރުކޮށްދެއްޖެހޭ ޙައްޤުތައް، ފޯރުކޮށްދެވޭކަން ކަށަވަރުކުރުމަށްޓަކައި އުފައްދަވާފައިވާ މިނިވަން މުއައްސަސާއެކެވެ. އެގޮތުން ވޯޓުލާ ދުވަހުވެސް، އެ ކޮމިޝަނަށް ފާހަގަވާ އެކި ކަންކަމަށް ހައްލު ހޯއްދެވުމަށް، އިލެކްޝަންސްގެ ބިޔުރޯއަށް މައްސަލަ ހުށަހަޅައިގެން ނަމަވެސް މަސައްކަތް ކުރައްވާނެކަމަށް މުނާ ވިދާޅުވިއެވެ. އަދި ވޯޓުލާ ނިމުމުން، އިންތިޚާބާއި ގުޅޭގޮތުން އެޗްއާރުސީއެމަށް ފާހަގަވި އެކިކަހަލަ ކަންކަމާއި ގުޅޭ ރިޕޯޓެއް، އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމަށް އެ ކޮމިޝަނުން ނިންމަވާފައިވާކަން މުނާ ފާހަގަކުރެއްވިއެވެ.

އެޗްއާރުސީއެމްގެ އިތުރުން ރާއްޖެ އާއި ރާއްޖެއިން ބޭރުގެ ގިނަ އަދަދެއްގެ ފަރާތްތައް މިފަހަރުގެ ރިޔާސީ އިންތިޚާބު އޮބްޒަރވް ކުރުމާއި މޮނިޓަރ ކުރުމުގައި ހަރަކާތްތެރިވާނެއެވެ. އެގޮތުން، ޖުމްލަ 3034 އޮބްޒަރވަރުންނާއި، 3،810 މޮނިޓަރުން އިންތިޚާބު އޮބްޒަރވް ކުރުމާއި މޮނިޓަރ ކުރުމުގައި ހަރަކާތްތެރިވާނެއެވެ.