މިހާރު ކުރިއަށްދާ 16 އަހަރުން ދަށުން ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސްޓޭޖުގެ ފަހު މެޗުގައި ބޫޓާން ބަލިކޮށް ރާއްޖޭގެ ޒުވާން ޓީމުން ސެމީ ފައިނަލުގެ ޖާގައެއް ހޯދައިފިއެވެ.
ރޭ ކުޅުނު މެޗު ރާއްޖެއިން ކާމިޔާބުކުރީ 3-2 ގެ ނަތީޖާއަކުންނެވެ.
މި މެޗު ފަށައިގެން ހަތަރުވަނަ މިނިޓުގައި ލަނޑު ޖަހައި ލީޑު ނެގީ ރާއްޖޭންނެވެ. މިލަނޑު ރާއްޖެއަށް ކާމިޔާބުކޮށްދިނީ އިލާން އިމްރާންއެވެ. އެކަމަކު ފުރަތަމަ ހާފު ނިމެނިކޮށް ބޫޓާނުން ވަނީ ކުރިއަށް ޖެހިގެން އުފެއްދި އެޓޭކްތަކުގެ ބޭނުން ހިފައި ލީޑުވެސް ނަގާފައެވެ. އެގޮތުން މެޗުގެ 42 ވަނަ މިނިޓުގައި ކެޕްޓަން ސޯނަމް ޑޯޖީ ކާމިޔާބުކޮށްދިން ގޯލުން ނަތީޖާ އެއްވަރުކުރިއިރު، މި ހާފުގެ އިތުރު ވަގުތުގެ ދެވަނަ މިނިޓުގައި އޭނާ ދުރުން ފޮނުވާލި ބޯޅައެއް ގޯލަށް ފޮނުވާލައިގެން ވަނީ ފުރަތަމަ ފަހަރަށް އެ ޓީމަށް ލީޑުވެސް ނަގައިދީފައެވެ.
މި މެޗުގައި ރާއްޖޭން އެއްވަރުކުރީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ގޮތުގައި ދެއްކި ފަސް މިނިޓުގެ ފަހު މިނިޓުގައެވެ. ހާފުގެ މެދަކާ ހަމައިން އީތަން އޭރިއާ ތެރެއަށް ނަގައިދިން ބޯޅަ ގޯލަށް ވަނީ ބޫޓާންގެ ޑިފެންޑަރެއް ބޮލުގައި ޖެހިފައެވެ. އަދި ރާއްޖޭން ދެވަނަ ފަހަރަށް މެޗުގައި ލީޑު ނަގައި މެޗު ކާމިޔާބުކުރީ ރޭގެ މެޗުގައި ކެޕްޓަން ބޭންޑް އަޅައިގެން ކުޅުނު އީތަން ކާމިޔާބުކޮށްދިން ގޯލުންނެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ނުވަ މިނިޓަށް ވެފައި ވަނިކޮށް ބޫޓާންގެ ކެޕްޓަން ސޯނަމް ޑޯޖީ، ޕެނަލްޓީއެއް ހޯދަން އޭރިއާ ތެރެއަށް ގަސްތުގައި ވެއްޓި ގަތް ކަމަށް ބަލައި ރެފްރީ ވަނީ އޭނާއަށް ދެވަނަ ރީނދޫ ކާޑަކާ އެކު ރަތް ކާޑެއް ދައްކައިފަ އެވެ.
މި މެޗުން ރާއްޖެ މޮޅުވިއިރު، ގުރޫޕް ސްޓޭޖުގައި ރާއްޖެއިން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ޕާކިސްތާން އަތުން 3-0 ގެ ނަތީޖާއަކުން ބަލިވެފައެވެ. އަދި ތިން ޓީމު ހިމެނޭ މި ގުރޫޕްގެ ފުރަތަމަ މެޗުގައި ޕާކިސްތާނުން ވަނީ 2-1 ގެ ނަތީޖާއަކުން ބޫޓާން ބަލިކޮށްފަ އެވެ.
ބޫޓާން އަތުން ރޭ ހޯދި މޮޅާއެކު ރާއްޖެ ސެމީ ފައިނަލަށް ގޮސްފައި މިވަނީ ގުރޫޕްގެ ދެވަނަ ޓީމުގެ ގޮތުގަ އެވެ. މިއީ މި އުމުރުފުރާގެ ސާފް ޗެމްޕިއަންޝިޕް މުބާރާތެއްގައި ރާއްޖޭގެ ޓީމު ގުރޫޕް ސްޓޭޖް ފަހަނައަޅައިދިޔަ ފުރަތަމަ ފަހަރެވެ. ހުކުރު ދުވަހު ކުޅޭ ސެމީ ފައިނަލް މެޗުގައި ރާއްޖެ ނުކުންނާނީ، ގުރޫޕް އޭގައި ކުޅުނު ދެ މެޗު ވެސް ކާމިޔާބުކޮށް ގުރޫޕްގެ އެއްވަނަ ހޯދި އިންޑިއާއާ ދެކޮޅަށެވެ. ޕާކިސްތާން ނުކުންނާނީ ގުރޫޕް އޭގެ ދެވަނަ ހޯދި ބަންގްލަދޭޝާ ދެކޮޅަށެވެ.