ޚަބަރު

ވެމްކޯގެ އަގުތައް ކުޑަކޮށްދީ، އަތްފޯރާފަށުގައި ގެދޮރު ބިނާކުރެވޭނެ މަގުފަހިކޮށްދޭނަން: ޑރ. މުޢިއްޒު


  • ފުރަތަމަ 6 މަސްތެރޭ ބިން ހިއްކާ ނިންމާނެކަމަށް މުޢިއްޒު ވިދާޅުވި

  • އަތްފޯރާފަށުގައި ގެދޮރު ބިނާކުރުމަށް ލުއި ލޯނާއި ކުންފުނިތައް މެދުވެރިކޮށް ފުރުޞަތު ހޯދައިދެވޭނެ

  • ވެމްކޯގެ އަގުތައްވެސް ކުޑަކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވި

ޕީ.ޕީ.އެމް ޕީ.އެން.ސީގެ ސަރުކާރެއްގައި މާލޭ ސަރަހައްދުގެ ރައްޔިތުންނަށް ގެދޮރުގެ ޔަޤީންކަން ހޯއްދަވައިދެއްވާނެކަމަށާއި، ގެދޮރު ބިނާކުރެވޭނެ ލުއިފަސޭހަގޮތްތައްވެސް ހަމަޖައްސަވައިދެއްވާނެކަމަށް ޕީ.އެން.ސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޑރ. މުޢިއްޒު މިހެން ވިދާޅުވީ، ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ތެރެއިން ޕީ.ޕީއެމް ޕީ.އެން.ސީގެ ހެންވޭރު ހުޅަނގު ޖަގަހަ ހުޅުވުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުންނެވެ. މި ޖަގަހަ ހުޅުވާފައިވަނީ ހެންވޭރު ރޯޝަނީ މަގާއި ފިލިގަސްމަގު ގުޅޭ ސަރަހައްދުގައެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޑރ. މުޢިއްޒު ވަނީ އެމަނިކުފާނުގެ ވެރިކަމެއްގައި މާލޭ ސަރަޙައްދުގެ ބޯހިޔާވަހިކަމާއި އިޖްތިމާޢީ މައްސަލަތައް ޙައްލުކުރުމަށް ކުރައްވާނެ ބައެއް މުހިންމު މަސައްކަތްތަކަށް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން މި ސަރުކާރުން ގޯތި ލިބުންކަމުގެ ލިޔުން ޙަވާލުކުރި އެއްވެސް ރައްޔިތެއްގެ އަތުން ގޯތި އަތުނުލާނެކަމަށާއި، އެ ބިންތަކުގައި ރައްޔިތުންނަށް އަތްފޯރާ އަގެއްގައި ގެދޮރު ބިނާކުރެވޭނެ މަގުފަހިކޮށްދެއްވާނެކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

"އަޅުގަނޑުމެން މި ގެނެސްދޭ ޙައްލަކީ އަތްފޯރާފަށުގައި މިއިން ކޮންމެ ގޯއްޗެއްގައި ގެދޮރުއަޅައިދޭނަމޭ، ނޫނީ އަޅާނެ ލޯނު ދޭނަމޭ. އިންޓްރެސްޓް ރޭޓް %5 އަށްވުރެ ކުޑަ ލޯނު. އަދި އަޅުގަނޑުމެންގެ ސަރުކާރު ކުންފުންޏެއް މެދުވެރިކޮށް ބޭނުންފުޅިއްޔާ އެގޯތީގައި އެބޭފުޅަކު ބޭނުންވާ ޑިޒައިނަކަށް ގޯއްޗެއް އަޅައިދީފައި އެ ގެ ދެން ބޭންކަށް ދައްކައިގެން ލޯނު ނަގައިގެން އެ ގެ އަޅަން ދިޔަ ޚަރަދު އެކުންފުންޏަށް ދައްކާފައި އެމީހާ އެ ލޯނާއި ހަވާލުވީމަ އެއޮތީ ގެވެސް އެޅިފައި." ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ޑރ. މުޢިއްޒު ވިދާޅުވީ، މާލޭ ސަރަޙައްދުގައި އަދިވެސް ގިނައީ ގޯތި ނުލިބޭ މީހުންކަމަށެވެ. އެހެންކަމުން ގުޅިފަޅުގެ ބާކީ އޮތް ޖާގައާއި، ފުށިދިއްގަރުފަޅު އެއްކޮށް ހިއްކުމާއި، ގިރާވަރުފަޅުގެ ބާކީ އޮތް ޖާގަ ހިއްކައިގެން މުޅި މި ސަރަޙައްދަކީ މާލޭގެ ހުރިހާ ރައްޔިތުންނަށާއި މާލޭގައި ދިރިއުޅޭ ހުރިހާ ރައްޔިތުންނަށްވެސް ގޯތިގެދޮރު ޔަޤީންކޮށްދެއްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިކަން ކުރާނެގޮތް އެނގިލައްވާކަމަށާއި، ވެރިކަމުގެ ފުރަތަމަ އަހަރުގެ ތެރޭގައި މިހުރިހާ ބިމެއް ހިއްކަވާނެކަމަށް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

މި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޑރ. މުޢިއްޒު ވަނީ މާލޭގެ ޕާކިންގ މައްސަލަ ހައްލުކޮށްދެއްވާނެކަމަށްވެސް ވިދާޅުވެފައެވެ. އަދި ވެމްކޯއިން ކުނި އުކާލުމުގެ ޚިދުމަތަށް އާއްމު ރައްޔިތުންނާއި ވިޔަފާރިތަކުގެ އަތުން ނަގާ އަގުތައް ކުޑަކޮށްދެއްވާނެކަމަށާއި، ވެމްކޯއަކީ ފައިދާވާ ތަނަކަށް ހައްދަވައިދެއްވާނެކަމަށް ވިދާޅުވިއެވެ.

މާލޭ ސަރަހައްދުގެ އިތުރުން ރާއްޖޭގެ އުތުރާއި މެދުރާއްޖެތެރެ އަދި ދެކުނުގެ ސަރަޙައްދުތަކުގައިވެސް ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް މެނިފެސްޓޯގައި މުހިންމު ކަންތައްތަކެއް ހިމަނުއްވާފައިވާނެކަން މި ޖަލްސާގައި ޑރ. މުޢިއްޒު ވަނީ ފާހަގަކުރައްވާފައެވެ.