ޚަބަރު

ރާއްޖެއިން ހިމަބިހީގެ އިތުރު ކޭސްއެއް ފެނިއްޖެ


  • މިއީ މިއަހަރުގެ މިހާތަނަށް ރާއްޖޭން ފެނުނު 4 ވަނަ ކޭސް

  • އެންމެފަހުން ކޭސްއެއް ފެނިފައިވަނީ އޯގަސްޓް 6 ގައި

  • މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަވުމުން ބަލިޖެހުމުގެ ފުރުޞަތު %97އަށް ކުޑަކޮށް

މިމަހުގެ 5 ވަނަ ދުވަހު ރާއްޖެއިން މީސަލްސް ނުވަތަ ހިމަބިއްސަށް ޕޮޒިޓިވް ކޭސްއެއް ފެނިފައިވާކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ، އެޗް.ޕީ.އޭއިން ވިދާޅުވެއްޖެއެވެ. މިއީ މިއަހަރުގެ މިހާތަނަށް ރާއްޖެއިން ފެނުނު ހިމަބިހީގެ 4 ވަނަ ކޭސްއެވެ.

އެޗް.ޕީ.އޭއިން ވިދާޅުވީ މީސަލްސްގެ ޕޮޒިޓިކް ކޭސްއެއް ފެނުމާއި ގުޅިގެން މި ކޭސް އިތުރަށް ތަޙުޤީޤުކުރަމުންދާކަމަށެވެ. އަދި އެމީހާއާއި ކޮންޓެކްޓް ވީ ފަރާތްތައް ދެނެގަތުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ.

ކޮންޓެކްޓް ޓްރޭސިންގ ކުރިއަށް ގެންދާއިރު މީސަލްސް ވެކްސިން ފުރިހަމަނުވާ ފަރާތްތައް ދެނެގަނެ، އެފަރާތަތަކަށް ވެކްސިން ދިނުމުގެ މަސައްކަތްވެސް ކުރާނެކަމަށް އެޗް.ޕީ.އޭއިން ވަނީ ވިދާޅުވެފައެވެ.

ބަލިޖެހުނު ފަރާތް ދިރިއުޅޭ ސަރަހައްދުގައި ވެކްސިން ޑޯޒް ފުރިހަމަ ނުވާ ފަރާތްތަކަށް ރިންގް ވެކްސިން ދިނުމުގެ މަސައްކަތްވެސް ކުރިއަށް ގެންދާނެކަމަށް އެޗްޕީއޭއިން ހާމަކުރައްވާފައިވެއެވެ.

އެންމެ ފަހުން ރާއްޖެއިން މީސަލްސްގެ ކޭސްއެއް ފެނިފައިވަނީ މިދިޔަ މަހުގެ 6 ވަނަ ދުވަހުއެވެ. މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަވުމުން ބަލިޖެހުމުގެ ފުރުޞަތު %97އަށް ކުޑަކޮށްދެއެވެ. އެހެންކަމުން ވެކްސިން ޖެހުމުން ބަލި ޖެހުމުގެ ފުރުސަތު ވަރަށް ބޮޑަށް ދަށްކޮށްދެއެވެ.

ރާއްޖެއިން ހިމަބިލި ނައްތާލެވިފައިވާކަމަށް ކަނޑައަޅާފައިވަނީ 2017 ވަނަ އަހަރުއެވެ. ނަމަވެސް އޭގެ ފަހުން އެކި އަހަރުތަކުގައި ހިމަބިހީގެ ކޭސްތައް ފެނިފައިވެއެވެ.