ޚަބަރު

އިންތިޚާބު އޮބްޒާވްކުރާ ބޭރުގެ މޮނީޓަރުން ރާއްޖެ އަންނަން ފަށައިފި


  • މޮނިޓަރުންނާއި އޮބްޒާވަރުންގެ ގޮތުގައި 165 ފަރާތުން ހަރަކާތްތެރިވާނެ

  • މީގެތެރޭގައި ހިމެނެނީ 143 އޮބަޒާވަރުންނާއި 22 މޮނިޓަރުން

  • ޗީފް އޮބްޒާވަރެއްގެ ގޮތުގައި ހަރަކާތްތެރިވާނީ މަހިންދަ ދޭޝަޕްރިޔާ

މިއަހަރުގެ ރިޔާސީ އިންތިޚާބުގެ ކަންކަން ބެލުމަށް އަންނަ ބޭރުގެ މޮނިޓަރުންނާއި އޮބްޒާވަރުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން ރާއްޖެ އަންނަން ފަށައިފިއެވެ.

އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިޚާބުގައި ބައިނަލްއަޤްވާމީ މޮނިޓަރުންނާއި އޮބްޒާވަރުންގެ ގޮތުގައި 165 ފަރާތުން ހަރަކާތްތެރިވާނެއެވެ. މީގެތެރޭގައި ހިމެނެނީ 143 އޮބްޒާވަރުންނާއި 22 މޮނިޓަރުންނެވެ. މީގެތެރެއިން 31 އޮބްޒާވަރުންނަކީ އިލެކްޝަންސް ކޮމިޝަންގެ ޚާއްސަ ދައުވަތައް އަންނަ އޮބްޒާވަރުންނެވެ. އެއޮބްޒާވަރުން ރާއްޖޭގެ 6 ސަރަހައްދެއްގައި މަސައްކަތްކުރާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާއިލް ހަބީބް ވިދާޅުވިއެވެ.

އޮބްޒާވަރުންނާއި މޮނީޓަރުންގެ ޗީފް އޮބްޒާވަރެއްގެ ގޮތުގައި މިފަހަރު ހަރަކާތްތެރިވާނީ ސްރީލަންކާގެ ކުރީގެ އިލެކްޝަންސް ކޮމިޝަންގެ ރައީސް މަހިންދަ ދޭޝަޕްރިޔާއެވެ. އޭނާ ވަނީ މިއަދު ހެނދުނު ރާއްޖެ ވަޑައިގެންފައެވެ. އިންތިޚާބު އޮބްޒާވްކޮށް، މޮނިޓަރުންގެ ގޮތުގައި ހަރަކާތްތެރިވާ ބޭރުގެ ފަރާތްތައް މިއަދާއި މާދަމާ ރާއްޖެ އަންނާނެއެވެ.

އޮބްޒާވަރުންގެ ތެރޭގައި އެންމެ ގިނައީ ޔޫރަޕިއަން ޔޫނިއަން އާއި ދަ ކޮމަންވެލްތުގެ ފަރާތުން އިންތިޚާބަށް ވަޑައިގަންނަވާ އޮބްޒާވަރުންނެވެ. މީގެ އިތުރުން އެމެރިކާ، އިނގިރޭސިވިލާތް، ޖަޕާން، ސައުތު ކޮރެއާ، ސައުތު އެފްރިކާ، ކެމެރޫން، ޖޯރޖިޔާ، ހޯންޑިއުރަސް، އެލް ސަލްވަޑޯރ، އުޒްބެކިސްތާންގެ އިތުރުން އިންޑިއާ، ޕާކިސްތާން، ބަންގްލަދޭޝް، ނޭޕާލް، ބޫޓާން، ސްރީލަންކާ، ތައިލެންޑް، މެލޭޝިޔާ އަދި ފިލިޕީންސްގެ އޮބްޒާވަރުންވެސް އިންތިޚާބުގައި ހަރަކާތްތެރިވާނެކަމަށް ޙަބީބު ވިދާޅުވިއެވެ.

މިފަހަރުގެ އިންތިޚާބުގައި ބައިނަލްއަޤްވާމީ މޮނިޓަރުންގެ ގޮތުގައި ޙަރަކާތްތެރިވާނީ ފްރާންސް ޖަޕާން، އިންޑިއާގެ އިތުރުން ސްރީލަންކާއިން އަންނަ 22 މޮނިޓަރުންކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވިއެވެ.