ޚަބަރު

ހައުސްޕްލާޒާގައި ހުޅުޖެހި ތުހުމަތުގައި ދެމީހަކު ހައްޔަރުކޮށްފި


  • - މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ނުލިބޭ

  • - މީ މިއަދު މާލޭގައި ހިނގި ދެވަނަ އަލިފާނުގެ ހާދިސާ

މ.ހައުސްޕްލާޒާގައި ހިނގި އަލިފާނުގެ ހާދިސާ އާ ގުޅިގެން ދެމީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. މ.ޝީ ބިލްޑިންގް ކުރިމަތީގައި ހުންނަ ހައުސްޕްލާޒާގައި އަލިފާނުގެ ހާދިސާ ހިނގާފައިވަނީ މިއަދު ހެނދު 11 ޖަހާކަން ހާއިރުއެވެ. މި ގޭގައި ހިނގި އަލިފާނުގެ ހާދިސާ ކޮންޓްރޯލްކޮށްފައިވާ ކަމަށް އެމްއެންޑީއެފް އިން ވިދާޅުވެއެވެ.

މިތަނުގައި ހުޅުޖެހިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވަނީ މިހާދިސާ ހިނގި ވަގުތު އެއިމާރާތު ތެރޭގައި ތިބި ދެމީހުންނެވެ. މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއްނުވެއެވެ.

ފުލުހުންބުނީ މިހާދިސާ ތަޙްޤީގް ކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާކަމަށެވެ.