ޚަބަރު

ރާއްޖޭގައި މިހާރު އޮތް ޚާރިޖީ ސިޔާސަތު ބަދަލު ކުރަންޖެހޭ: ޑރ. މުޢިއްޒު


  • މިހާރު އޮތް ޚާރިޖީ ސިޔާސަތު ބަދަލުކުރާނީ ދޯދިޔާކޮށް އޮތީމަ

  • ބޭރުގެ އެއްވެސް ޤައުމެއްގެ ސިފައިންނަކަށް މިގައުމަކު ނުތިބެވޭނެ

މިރާއްޖޭގައި މިހާރު އަމަލުކުރަމުންދާ ޚާރިޖީ ސިޔާސަތު ބަދަލު ކުރައްވާނެ ކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ. ޑރ މުއިއްޒު މިހެން ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިން ދަތުރުފުޅުގެ ތެރެއިން ކ.ތުލުސްދޫގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.

ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ މުހައްމަދު މުއިއްޒު ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމެއްގައި ޚާރިޖީ ސިޔާސަތު އޮންނާނީ ދިވެހިންގެ މަސްލަހަތު އިސްކުރާ ފަރާތްތަކާއެކު ގާތް ގުޅުން ބޭއްވުމުގެ ސިޔާސަތު ކަމަށެވެ. މިނިވަންކަމަކީ ދެގޮތަކަށް ވާހަކަދެއްކޭނެކަމެއް ނޫންކަމަށާއި، ގައުމުގެ ވެރިކަމަށް އަންނަ ކޮންމެ މީހަކުވެސް އެންމެ ފުރަތަމަ އިސްކުރަންވާނީ ގައުމާއި ރައްޔިތުންނާއި، ސުލްހަ މަސަލަސްކަންކަމަށެވެ. މިނިވަންކަން ހިމާޔަތް ކުރައްވަން ކުރެއްވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވާނެކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.

"މިހާރު މިއޮތް ޚާރިޖީ ސިޔާސަތު ބަދަލުކުރާނަން، ޚާރިޖީ ސިޔާސަތަކީ ވަކިބަޔަކު ބޭނުންވާގޮތައް ގައުމުގެ ކަންކަން ބޭނުން ކުރުމަށް ދޫކޮށްލުމެއްނޫން އެއަށްވުރެ ހަރުދަނާވާންޖެހޭނެ އެ ސިޔާސަތު އެއީ އެންމެ ފުރަތަމަ އިސްކަމެއް ދޭންވީ ކަމަކީ ދިވެހިންގެ ވަށާފާރުން އެތެރެއަށް އެއްވެސް އިތުރު ޤައުމެއްގެ ސިފައިންނަށް ތިބެވިގެން ނުވާނެ. އަދި ސިފައިން ތިއްބާކަށް އެއްގޮތަކަށްވެސް މަޝްވަރާއެއްވެސް ނުކުރައްވާނަން" ޑރ.މުއިއްޒު ވިދާޅުވިއެވެ.

ތުލުސްދޫގައި ކުރިއަށްގެންދިޔަ މިޖަލްސާ އެދާއިރާގެ ރަށްތަކުގައި ތަރައްޤީގެ މަޝްރޫއުތައް ކުރިއަށް ގެންދެވުމަށް ވައުދުވެވަޑައިގެންނެވިއެވެ. އެގޮތުން ރާއްޖޭގެ އެކި ރަށްރަށުގައި ޤާއިމް ކުރަން ހަމަޖެހިފައި އޮތް ޑްރަގް ރިހެބިލިޓޭޝަން ސެންޓަރު ކާށިދޫގައި އަޅުއްވާނެކަމަށް ވިދާޅުވިއެވެ. އަދި މަގުތަކުގެ މައްސަލަ ކުރިމަތިވެފައި އޮތް ރަށްރަށުގައި ޒަމާނީ ފެންވަރަށް މަގުތަރައްޤީ ކުރައްވާ ސިއްހީ ނިޒާމް ފުޅާކުރުމަށް ކުރަންހުރި މަސައްކަތްތަކާ އިޤްތިސާދީ ގޮތުން ރައްޔިތުން ފުދުންތެރިބަޔަކަށް ހެދުމަށް ކުރެވެން ހުރި މަސައްކަތްތައް ކޮށްދެއްވާނެކަމަށް ޑރ މުއިއްޒު ވިދާޅުވިއެވެ.