ތިމާވެށި

ބ.އަތޮޅު ފަޅު ރަށްތައް ވަރުވާއަށް ދޫނުކުރައްވަން ނިންމަވައިފި


ބ.އަތޮޅު ބަޔޮސްފިޔާ ރިޒާވަކީ ބ.އަތޮޅުގެ ރައްޔިތުންނަށާއި، ރާއްޖޭގެ ފަތުރުވެރިކަމަށް މުހިންމު ސަރަޙައްދަކަށް ވުމާއެކު، އެ އަތޮޅުގެ 20 ފަޅުރަށެއް ވަރުވާއަށް ދޫނުކުރައްވާ ގޮތަށް ސަރުކާރުން ނިންމަވައިފިއެވެ. ބ.އަތޮޅުގެ 20 ފަޅުރަށެއް ވަރުވާއަށް ދޫކުރެއްވުމަށް ކުރެއްވި އިޢުލާން ސަރުކާރުން މިއަދު ވަނީ ބާތިލް ކުރައްވާފައެވެ.

ވަރުވާއަށް ރަށެއް ދޫކުރަމަކީ ރަށް ޙަވާލުކުރާ މީހާ، އަހަރުން އަހަރަށް ނުވަތަ މަހުން މަހަށް ސަރުކާރަށް ކުޑަ އަގެއް ދައްކައިގެން ރަށް ބަލަހައްޓަމުންދާ އުޞޫލެކެވެ. ރާއްޖޭގެ ގިނަ ފަޅުރަށްތަކަކީ ބޭނުން ނުކޮށް ހުރި ރަށްތަކަށް ވުމާއެކު، ވަރުވާއަށް ދޫކުރެއްވުމަކީ އަބަދުވެސް ސަރުކާރުން ކުރައްވަމުންދާ ކަމެއް ކަމަށް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ. އަދި ބ.އަތޮޅުން ވަރުވާއަށް ދޫކުރެއްވުމަށް އިޢުލާންކުރެއްވި ރަށްތައް ބާޠިލް ކުރެއްވީ، ބ.އަތޮޅަކީ ޔުނެސްކޯއިން ކަނޑައަޅާފައިވާ ރާއްޖޭގެ ހަމައެކަނި ބަޔޮސްފިޔާ ރިޒާވްކަމަށް ވުމާއެކު އެފަދަ ތަނެއް ވަރުވާއަށް ދޫކޮށްލުން ރަގަޅުނޫންކަމަށް ފެންނާތީކަމަށްވެސް ފިޝަރީޒް މިނިސްޓްރީން ވިދާޅުވެއެވެ. މީގެ އިތުރުން ބ.އަތޮޅު ބަޔޮސްފިޔާ ރިޒާވް އޮފީހުގެ ނަމުގައި އޮފީހެއް ހިންގަވަމުން ގެންދަވާއިރު، އެ އޮފީހުގެ ފަރާތުން ބ.އަތޮޅުގެ ރަށްތައް ބަލަހައްޓަވަމުން ގެންދަވާކަންވެސް ފިޝަރީޒް މިނިސްޓްރީން ފާހަގަކުރައްވައެވެ.

އެންވަޔަރމަންޓް މިނިސްޓްރީން، މިކަމާ ގުޅިގެން ނެރުއްވި ބަޔާނުގައިވެސް، ބ.އަތޮޅު ބަޔޮސްފިޔާ ރިޒާވަކީ ސަރުކާރުން ވަކި ފަންޑެއް ގާއިމްކޮށް ބަލަހައްޓަމުންދާ ތަނެއްކަން ފާހަގަކުރައްވާފައިވެއެވެ. އަދި ބަޔޮސްފިޔާ ރިޒާވް ބެލެހެއްޓުން އިތުރަށް ހަރުދަނާ ކުރުމަށް ސަރުކާރުން މުހިންމު މަސައްކަތްތަކެއް ކުރައްވަމުންދާ ކަމަށް ވިދާޅުވިއެވެ.

މިކަމާއި ގުޅިގެން އެންވަޔަރމަންޓް މިނިސްޓަރ ތާރިގް އިބްރާހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، އެ ސަރަޙައްދަކީ އެންވަޔަރަންމަންޓް މިނިސްޓްރީއިން ބަލަހައްޓަމުންދާ އަދި ތިމާވެށީގެ ގޮތުން ރައްކާތެރިކަން ލިބިފައިވާ ސަރަޙައްދެއް ކަމަށާއި، ބައެއް ފަރާތްތަކުން ކަމުގެ ޙަޤީޤަތް އޮޅޭގޮތަށް ޚަބަރު ފަތުރަމުންދާތީ، އެކަމާ ހިތާމަކުރައްވާ ކަމަށެވެ. މިނިސްޓަރ ކުރެއްވި ޓުވީޓުގައި، ބ. އަތޮޅު ޔުނެސްކޯ ބަޔޯސްފިޔާ ރިޒާވަކީ އަތޮޅުތެރޭ ރަށްތަކެއް ހިމެނޭގޮތަށް ހިމާޔަތްކުރެވިފައިވާ އަދި ދުނިޔޭގެ ނިސްބަތުންވެސް ފާހަގަކުރެވޭ މުހިއްމު ސަރަޙައްދެއްކަމުގައި ވިދާޅުވެފައިވެއެވެ.

ބ.އަތޮޅުގައި ހިމެނޭ ހަނިފަރު ސަރަޙައްދަކީ ރާއްޖޭގައި ކޮންމެ މޫސުމެއްގައިވެސް ފެހުރިހި ފެންނަ ދެ ސަރަޙައްދުގެ ތެރެއިން އެއް ސަރަޙައްދެވެ. މިއާއެކު ބ.އަތޮޅަކީ ފަތުރުވެރިން އެންމެ ގަޔަވާ އަތޮޅަށް ވެގެން ގޮސްފައިވެއެވެ.