ޚަބަރު

ހަ ރަށެއްގެ އުމްރާނީ ތަރައްޤީގެ މަސައްކަތް ކުރުމަށް ކޮންޓްރެކްޓަރުންނާ ހަވާލުކުރައްވައިފި


  • ތޮއްޑޫއާއި ގދ.ވާދޫ މަގުހަދަން ހަވާލުކުރެއްވީ އާރުޑީސީއާ

  • ތިން ރަށެއްގެ މަސައްކަތް ހަވާލުކުރެއްވީ އެމްޓީސީސީ އާ

  • ތިމަރަފުށި ގޮނޑުދޮށް ހިމާޔަތްކުރަން ހަވާލުކުރެއްވީ ސާސް.އީ ކޮންސްޓްރަކްޝަންއާ

  • މި 6 މަޝްރޫއުގެ މަސައްކަތަށް 324 މިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުވޭ

ހަތް ރަށެއްގެ އުމްރާނީ ތަރައްޤީގެ މަސައްކަތް ކުރުމަށް ޕްލޭނިން މިނިސްޓްރީން ކޮންޓްރެކްޓަރުންނާއި ހަވާލުކުރައްވައިފިއެވެ. ކޮންޓްރެކްޓަރުންނާއި ހަވާލުކުރެއްވި މަސައްކަތްތަކަކީ މަގުހެދުމާއި، ބަނދަރު ބޮޑުކޮށް މަރާމާތު ކުރުމާއި، ގޮނޑުދޮށް ޙިމާޔަތްކުރުމުގެ އިތުރުން ބްރޭކްވޯޓަރ ލުމުގެ މަސައްކަތެވެ.

އުމްރާނީ ތަަރައްޤީގެ މަޝްރޫއުގެ މަސައްކަތްތައް ހަވާލުކުރެއްވި ރަށްތަކަކީ އއ.ތޮއްޑޫ، ޅ.އޮޅުވެލިފުށި، އެއަތޮޅު ކުރެންދޫ، ތ.ތިމަރަފުށީގެ އިތުރުން ހއ.އުތީމާއި ގދ.ވާދޫއެވެ.

އއ.ތޮއްޑޫ އާއި ގދ.ވާދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަަރައްޤީކުރުމުގެ މަސައްކަތް ހަވާލުކުރެއްވީ ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އާރުޑީސީއާއެވެ. ޑިޒައިން އެންޑް ބިލްޑް އުސޫލުން ހަވާލުކުރެއްވި މިމަޝްރޫގެ މަސައްކަތުގެ ދަށުން ތޮއްޑޫގެ 2.5 ކިލޯމީޓަރުގެ މަގުގައި ތާރުއަޅާ ޒަމާނީ ފެންވަރަށް ތަރައްޤީކުރުމަށް ވަނީ ހަމަޖެހިފައެވެ. އަދި މަގުތަކުގައި ފެން ހިންދާ ނިޒާމް ޤާއިމްކޮށް މަގުބައްތިޖެހުންވެސް މިމަސައްކަތުގެ ތެރޭގައި ހިމެނެއެވެ.

މިމަސައްކަތް އާރްޑީސީއާއި ހަވާލުކުރެއްވީ 77.4 މިލިއަން ރުފިޔާއަށް 730 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

ގދ ވާދޫ މަގުތައް ޒަމާނީ ފެންވަރަށް ތަަރައްޤީކުރުމުގެ މަސައްކަތުގެ ދަށުން އެރަށުގެ 3 ކިލޯ މީޓަރު މަގުގައި ތާރުއެޅުމާއި، ތަރައްޤީ ކުރާ މަގުތަކުގައި ފެންހިންދާ ނިޒާމް ޤާއިމްކޮށް މަގުބައްތި ޖެހުމަށްވަނީ ހަމަޖެހިފައެވެ. މިމަޝްރޫއުގެ މަސައްކަތް އާރުޑީސީ އާ ހަވާލުކުރެއްވީ 99.4 މިލިއަން ރުފިޔާއަށް 730 ދުވަހުގެ ތެރޭގައި ނިންމާގޮތަށެވެ.

މި ދެރަށުގެ މަސައްކަތުގެ އެއްބަސްވުމުގައި މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އާރުޑީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ޖެނެރަލް މެނޭޖަރ ޙަސަން ސައީދުއެވެ.

ހއ.އުތީމު ބަނދަރުގެ ނެރު ފައިކަށި މަރާމާތުކުރުމުގެ މަސައްކަތް ހަވާލުކުރެއްވީ އެމްޓީސީސީއާއެވެ. މިމަޝްރޫގެ ދަށުން ކުރުން 8,400.00 ކިއުބިކް މީޓަރ ނެރު ފުންކޮށް 50 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށިޖެހުމާ، 02 ނެރު ބައްތި ޖެހުންހިމެނެއެވެ. މިމަސައްކަތުގެ އަގަކީ 6.19 ރުފިޔާއެވެ. މިމަސައްކަތް ނިންމުމަށް ދެއްވާފައިވަނީ 180 ދުވަހެވެ.

ޅ.އޮޅުވެލިފުށީ ބަނދަރު ބޮޑުކޮށް މަރާމާތު ކުރުމުގެ އެއްބަސްވުމުގެ ދަށުން އެރަށުގެ ބަނދަރު 3 މީޓަރަށް ފުން ކޮށް، ނެރު 4 މީޓަރަށް ފުންކޮށް 164 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް ޖެހުމަށްވަނީ ހަމަޖެހޮފައެވެ. އަދި 157 މީޓަރުގެ ބޮޑުހިލަ ބްރޭކްވޯޓަރ ޖެހުމާ 156 މީޓަރުގެ ސޭންޑްފިލްޑް ބޮޑުހިލަ ބްރޭކްވޯޓަރ ޖެހުމާއި، 24 މީޓަރުގެ ބޮޑުހިލަ ސަބްމާޖްޑް ބްރޭކްވޯޓަރ، 246 މީޓަރުގެ އެލް-ބްލޮކް ވާޓަރ ޖެހުމަށްވެސްވަނީ ހަމަޖެހިފައެވެ. މީގެ އިތުުން 21 ބަނދަރު ބައްތިއާއި، 3 ނެރުބައްތި ޖެހުމާއި 239 މީޓަރުގެ ކޮންކްރީޓް ޕޭވްމަންޓް ހެދުމާއި، އެކްސެސް ރޭމްޕަކާއި ޖެޓީ ޤާއިމްކުރުންވެސް މިމަސައްކަތުގެ ތެރޭގައި ހިމެނެއެވެ.

މިމަޝްރޫއުއަށް 66.4 މިލިއަން ރުފިޔާ ޚަރަދުވާއިރު މިމަސައްކަތް 450 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

ޅ. ކުރެންދޫ ބަނދަރު ބޮޑުކޮށް މަރާމާތު ކުރުމުގެ މަސައްކަތުގެ ދަށުން ބަނދަރު އަޕްގްރޭޑް ކުރުމުގެ ގޮތުން 3.5 މީޓަރު ފުންމިނަށް ބަނދަރުތެރެ ކޮނެ 405 މީޓަރުގެ ބޮޑުހިލަ ބްރޭކްވޯޓަރ ލައި 10 މީޓަރުގެ ސަބްމާޖްޑް ބޮޑުހިލަ ބްރޭކްވޯޓަރ ޖަހާ، 63 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓެއް ޖެހުމަށްވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ކޮންކްރީޓް ޖެޓީއެއް ޤާއިމްކުރުންވެސް ހިމެނެއެވެ.

މިމަސައްކަތް ހަވާލުކުރެއްވީ 450 ދުވަހުގެ ތެރޭގައި ނިންމާގޮތައް 53.3 މިލިއަން ރުފިޔާއަށެވެ.

މިއެއްބަސްވުންތަކުގައި ޕްލޭނިންގ މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫޤެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ޗީފް އޮޕަރޭޓިންގ އޮފިސަރ ޝާހިދު ޙުސައިން މޫސާއެވެ.

ތ.ތިމަރަފުށި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫޢުގެ މަސައްކަތް ހަވާލުކުރެއްވީ ސާސް.އީ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑާއެވެ. މިމަޝްރޫއުގެ މަސައްކަތުގެ ތެރޭގައި ރަށުގެ ގޮނޑުދޮށް ހިމާޔަތް ކުރުމަށް 280 މީޓަރުގެ ބޮޑުހިލަ ރިވެޓްމަންޓް ޖަހާ ބީޗް ބެކްފިލްކޮށް އަދި އޮފްޝޯ ބްރޭކްވޯޓަރގެ ގޮތުގައި 260މީޓަރުގެ ބޮޑުހިލައިގެ ބްރޭކްވޯޓަރ ޤާއިމް ކުރާނެއެވެ.
މިމަޝްރޫޢުގެ ސަބަބުން ތިމަރަފުށީގެ އިރުދެކުނު ފަރާތަށް ދިމާވެފައިވާ ރަށްގިރުމުގެ މައްސަލައާއި ރަށަށް އުދައެރުމުގެ މައްސަލައަށް ހައްލެއް ލިބިގެންދާނެއެވެ. މިމަސައްކަތް ހަވާލުކުރައްވާފައިވަނީ 240 ދުވަހުގެ ތެރޭގައި ނިންމާގޮތަށް 22.3 މިލިއަން ރުފިޔާއަށެވެ.

މިއެއްބަސްވުމުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާޠިމަތު ޝާނާ ފާރޫޤެވެ. ސާސް.އީ ކޮންސްޓްރަކްޝަންގެ ފަރާތުން ސޮއިކުރެއްވީ ޗީފް އެގްޒެކެޓިވް އޮފިސަރ އަބްދުالله ސަވާދެވެ.