ޚަބަރު

ހޯރަފުށީ ހޮސްޕިޓަލްގެ ޢަމަލީ މަސައްކަތް ފަށައިފި


  • ހޯރަފުށި ހޮސްޕިޓަލްގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރ

  • މިމަސައްކަތް ދޮޅު އަހަރުން ނިންމުމަށް ވަނީ ހަމަޖެހިފައި

  • ހޮސްޕިޓަލާއެކު އައު ގިނަ ޚިދުމަތްތަކެއް އެރަށަށް ތަޢާރަފުކުރާނެ

މަސައްކަތް ހަވާލުކުރިތާ 15 ދުވަހުގެ ތެރޭގައި ހޯރަފުށި ހޮސްޕިޓަލްގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

އިއްޔެ ރޭ ހޯރަފުށީގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، ހޮސްޕިޓަލްގެ ބިންގާ އަޅުއްވައިދެއްވީ ހެލްތު މިނިސްޓަރ އަޙުމަދު ނަސީމްއާއި ހޯރަފުށީ ދާއިރާގެ މެންބަރު އަޙުމަދު ސަލީމާއި ހޯރަފުށި ކައުންސިލގެ ރައީސް މުޙައްމަދު ވަހީދުއެވެ.

ހޯރަފުށީގައި މިހާރު ސިއްޙީ ޚިދުމަތް ދެނީ ރަށުގެ ސިއްޙީ މަރުކަޒުންނެވެ. އަތޮޅުތަކުގައި އާބާދީ ބޮޑެތި ރަށްތަކުގެ ސިއްޙީ މަރުކަޒުތައް ހޮސްޕިޓަލްތަކުގެ ގޮތުގައި ތަރައްޤީކުރެއްވުމަށް ސަރުކާރުން ފައްޓަވާފައިވާ މަސައްކަތުގައި 34 ރަށެއް ހިމެނެއެވެ.

އެގޮތުން ހޯރަފުށީ ހޮސްޕިޓަލަކީ މަސައްކަތް ފެށި ދެވަނަ ހޮސްޕިޓަލެވެ.

މި މަސައްކަތް ފައްޓަވައިދެއްވާ ވާހަކަދައްކަވަމުން ހެލްތު މިނިސްޓަރ އަޙުމަދު ނަސީމް ވިދާޅުވީ، ހޯރަފުށީގައި ތަރައްޤީކުރާ ހޮސްޕިޓަލަކީ 30 އެނދުގެ ހޮސްޕިޓަލެއްކަމަށެވެ. މިނިސްޓަރ ވިދާޅުވީ ހޮސްޕިޓަލްތައް ތަރައްޤީކުރަނީ، ކޯވިޑްގެ ތަޖުރިބާއަށް ބެލުމަށްފަހު އެފަދަ ޙާލަތްތަކުގައި ފަރުވާ ދެވޭނެ ފެންވަރަށް ކަމަށެވެ.

އެގޮތުން ހޯރަފުށި ހޮސްޕިޓަލްގައި، އެކްސްރޭގެ ޚިދުމަތާއި، އިންފެކްޝަސް ޑިސީޒް ކޮންޓްރޯލް ޔުނިޓަކާއި، ފްލޫ ކްލިނިކަކާއި ފުލްފްލެޖް އިމަރޖެންސީ ރޫމެއްވެސް ހިމެނޭކަމަށެވެ.

މިނިސްޓަރ ވިދާޅުވީ ހޮސްޕިޓަލްތަކާއި ސިއްޙީ މަރުކަޒުތައް ތަރައްޤީކުރުމުގެ އެންމެ ބޮޑު ބޭނުމަކަށްވަނީ، އާއްމު ސިއްޙަތުގެ ހާލަތު ރަނގަޅުކޮށް ދުޅަހެތޮ މުޖުތަމަޢެއް ބިނާކުރުުންކަމަށެވެ. މިއީ ވަރަށް ބޮޑަށް ދިރާސާ ކުރެވިގެން ކުރާ މަސައްކަތެއް ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"ސިއްޙީ ކަންކަން ކުރިއެރުވުމުގެ އެންމެ މުހިންމު ބޭނުމަކީ، ބޮޑެތި ބަލިތަކަށް ހުށަހެޅުމުގެ ކުރިން އެކަން ދެނެގަނެ ސިއްޙަތު ސަލާމަތްކުރުން. ބޮޑެތި އޮޕަރޭޝަނާއި ހަމައަށް ދާން ނުޖެހި ބަލިތައް ކޮންޓްރޯލްކުރުން." މިނިސްޓަރ ވިދާޅުވިއެވެ.

ހޯރަފުށި ކައުންސިލްގެ ރައީސް މުޙައްމަދު ވަހީދު ވިދާޅުވީ ސިއްޙީ ޚިދުމަތް ހޯދުމުގައި ހޯރަފުށީގެ ރައްޔިތުން ވަރަށް ބޮޑު ތަކުލީފެއް އުފުލާފައިވާކަމަށެވެ. އެކްސްރޭއެއް ނަގަން ނޫނީ ލޭއެޅުމުގެ ޚިދުމަތެއް ހޯދަންވިއަސް ދާންޖެހެނީ ރަށުން ބޭރަށްކަމަށެވެ. އަދި ވަރަށް ކުދިކުދި ޚިދުމަތްތަކުގައި މާލެ ދާންޖެހުމަކީ އުފުލާ ވަރަށް ބޮޑު ތަކުލީފެއްކަމަށެވެ. ވަހީދު ވިދާޅުވީ ފެށިގެން ދިޔައީ، ރައްޔިތުން ވަރަށް ބޮޑަށް އުއްމީދުކުރަމުން އައި ޚިދުމަތެއްކަމަށެވެ.

"ބޭނުންވާ ކުއްލި ފަރުވާ ނުލިބިގެން އެތައް ބަޔަކު މިދުނިޔެއާ ވަކިވެ ހިނގައްޖެ. ގައްލަންދޫ ގަދަ ކަނޑު ހުރަސްކޮށް ބަލިމީހުން އުފުލުމާއި ފަރުވާ ލަސްވުމަކީވެސް އޮތް ވަރަށް ބޮޑު ކަންވޮޑުވުމެއް." ކައުންސިލްގެ ރައީސް ވިދާޅުވިއެވެ.

ހޯރަފުށީ ހޮސްޕިޓަލް ތަރައްޤީކުރުމުގެ ޢަމަލީ މަސައްކަތް ކޮންޓްރެކްޓަރާއި ހަވާލުކުރައްވާފައިވަނީ މިދިޔަ އޮގަސްޓްމަހުގެ 19ވަނަ ދުވަހުއެވެ. ހެލްތު މިނިސްޓްރީގެ ފަރާތުން މިމަސައްކަތް ހަވާލުކުރައްވާފައިވަނީ، ޕީޓީ ސިޓްރަމަސް ހެވީ އިންޑަސްޓްރީސްއިން ޖޮއިންޓް ވެންޗަރ ވިތު ފްލެކްސިން ޕްރައިވެޓް ލިމިޓެޑްއާއެވެ. މަސައްކަތް ހަވާލުކޮށްފައިވަނީ 1 އަހަރާއި 6މަސް ދުވަހުން ނިންމާގޮތަށް، 85.7 މިލިއަން ރުފިޔާއަށެވެ.

ހޯރަފުއްޓަކީ 3500އެއްހާ މީހުންގެ އާބާދީއެއް އޮތް ރަށެކެވެ.