ޚަބަރު

މިނިވަންކަމަށް ހުރަސްއެޅޭނަމަ ޖީއެމްއާރް ބޭރުކުރި ގޮތަށް ކުންފުނިތައް ބޭރުކުރާނަން: މުޢިއްޒު


  • މުޢިއްޒު ވިދާޅުވީ ރާއްޖޭގެ މިނިވަންކަމަށްވުރެ މުހިންމު ކަމެއް ނެތްކަން

  • މުޢިއްޒު ވަނީ ސަރުކާރުން އެއްބަސްވުންތައް ހާމަނުކުރަނީ ކަމެއް ފޮރުވުމަށްކަން ތުޙުމަތުކޮށްފައި

  • އެއްބަސްވުންތައް ބަލާ، މިނިވަންކަމަށް ހުރަސްއެޅޭ އެއްބަސްވުންތައް އުވާލާނެކަމަށް ވިދާޅުވި

ރާއްޖޭގެ މިނިވަންކަމަށް ހުރަސްއެޅޭގޮތަށް، ބޭރުގެ ކުންފުނިތަކާއެކު ހަދާފައިވާ އެއްބަސްވުންތައް އުވާލާ އެފަދަ ކުންފުނިތައް ބޭރުކުރާނެކަމަށް ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ތެރެއިން އދ. މަހިބަދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ޑރ. މުޢިއްޒު ވިދާޅުވީ، ރާއްޖެ މިހާރު އޮތް ޙާލަތުން، ތަރައްޤީގެ މަޝްރުޢޫތައް ހިންގުމަށްވުރެ އިސްކަން ދޭންޖެހިފައި ވަނީ ރާއްޖޭގެ މިނިވަންކަން ނެގެހެއްޓުމަށްކަމަށެވެ.

ބޭރުގެ ކުންފުނިތަކުން ރާއްޖޭގައި ހިންގާ ވަރަށް ގިނަ މަޝްރޫޢުތަކަކީ، އޭގެ ތަފްޞީލު އާއްމުކުރުމަށް ސަރުކާރުން ފަސްޖެހޭ، އަދި ގޮތް ނޭންގޭ އެއްބަސްވުންތަކެއް ގޮތުގައި މުޢިއްޒު ސިފަކުރެއްވިއެވެ. އެހެންކަމުން އެންމެ އިސްކެމެއް ދޭނެ އެއް މަސައްކަތަކަށްވާނީ މިގޮތަށް ހަދާފައިވާ އެއްބަސްވުންތައް ރަނގަޅަށް ބަލާ، އޭގެ ޙަޤީގަތް ދެނެގަތުންކަމަށް މުޢިއްޒު ވިދާޅުވިއެވެ.

މުޢިއްޒު ވިދާޅުވީ، ތިލަމާލެ ބްރިޖް މަސައްކަތާއި، ހަނިމާދުއާއި އައްޑޫގައި ހިންގާ މަޝްރޫޢުތަކާއި އަދި އުތުރު ތިލަފަޅުގެ މަޝްރޫޢުގެ އެއްބަސްވުންތަކަކީވެސް މިހާރުގެ ސަރުކާރުން ތަފްޞީލު ހާމަކުރުމަށް ފަސްޖެހިފައިވާ މަޝްރޫޢުތަކެއް ކަމަށެވެ. އަދި އެ މަޢުލޫމާތު ހާމަނުކުރަނީ، ޤައުމީ ސަލާމަތަށް ނުރައްކާވާކަމަށް ބުނެކަން ފާހާގަކުރައްވާ މުޢިއްޒު ވިދާޅުވީ، މި އެއްބަސްވުންތަކުގައި ވާ ކަންކަން ބަލާ ހާމަކުރާނެކަމަށެވެ.

ޑރ. މުޢިއްޒު ވިދާޅުވީ އެއްބަސްވުންތަކުން ރާއްޖޭގެ މިނިވަންކަމަށް ހުރަސްއެޅޭނަމަ، ޖީއެމްއާރް ބޭރުކުރިގޮތަށް އެހެން ކުންފުނިތައްވެސް ބޭރުކުރާނެކަމަށެވެ.

"ތިބީ ކުލަހެދުމުގަތޯ ބަޑިހިފައިގެންތޯއެއް ނުބަލާނަން. ބޭރުގެ ސިފައިންނަށް ރާއްޖޭގައި ތިބެވިގެން ނުވާނެ. ގޮތް ނޭންގޭ އެއްބަސްވުންތައްވެސް އޮވެގެން ނުވާނެ." މުޢިއްޒު ވިދާޅުވިއެވެ.

އެހެންނަމަވެސް މުޢިއްޒު ވިދާޅުވީ، ޤައުމަށް ފައިދާވާގޮތަށް ކުރިއަށްގެންދާ އެއްވެސް މަސައްކަތަކަށް އެމަނިކުފާނުގެ ސަރުކާރެއްގައި ހުރަސް ނާޅުއްވާނެކަމަށެވެ.

ޑރ. މުޢިއްޒު ވަނީ މަހިބަދޫއާއި އދ.އަތޮޅުގެ ތަރައްޤީއަށް ކުރައްވާނެ މުހިންމު މަސައްކަތްތައް ޙިއްސާކުރައްވާފައެވެ. އެގޮތުން މަހިބަދޫ ކައިރީ އޮންނަ މާފަރު ފަޅު މަހިބަދޫގެ އިޙުތިޞާސުގައި ހިމަނާ، ބިން ހިއްކާނެކަމަށް މުޢިއްޒު ވިދާޅުވިއެވެ. އަދި އެތަނުގައި ހައުސިންގ މަޝްރޫޢުތަކާއި ފަތުރުވެރިކަމާއި އަދި އިޤްތިޞާދަށް މަންފާކުރާނެ މަޝްރޫޢުތައް ހިންގަވާނެކަމަށްވެސް ޕީ.އެން.ސީގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވިއެވެ.