ކުޅިވަރު

ކުލަގަދަ ހަރަކާތްތަކާއެކު އައިއޯއައިޖީގެ ކާމިޔާބީ ފާހަގަކުރަނީ


މަޑަގަސްކަރައިގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ރާއްޖެއިން ހޯދި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން މާދަމާރޭ މާލޭގައި ހަވާ އެރުވުމާއެކު ޚާއްސަ ހަރަކާތްތަކެއް ކުރިއަށްގެންދަން ނިންމައިފިއެވެ.

ކުލަގަދަ ހަރަކާތްތަކާއެކު މާލޭގައި މި ހަރަކާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ ރޭ 8:45 ގައި ޖުމްހޫރީ މައިދާނުގަ އެވެ. ރަސްމިއްޔާތުގައި ކުޅުންތެރިންނަށް މަރުހަބާ ކިއުމުގެ ގޮތުން ވީހާ ވެސް ގިނަ ބަޔަކު ގައުމީ ކުޅިވަރު ހެދުމެއްގައި ޖުމްހޫރީ މައިދާނަށް ދިއުމަށް ޔޫތު މިނިސްޓްރީން ވަނީ އެދިފައެވެ.

މި ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ހަރަކާތްތަކެއް ރާވާފައިވާއިރު، ރާއްޖެ އިން ހޯދި ކާމިޔާބީ އަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ މަރުހަބާ ދަންނަވާފައެވެ.

ރައީސް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިފަހަރުގެ ގޭމްސްގައި ގައުމީ ޓީމުތަކުން ރާއްޖެ ފަހުރުވެރިކޮށްދީފައިވާ ކަމަށާއި ހޯދި ކާމިޔާބަށް މަރުހަބާ ދަންނަވާ ކަމަށެވެ.
މިއަހަރުގެ މުބާރާތުގައި ގައުމީ ޓީމުތަކުން ވަނީ ޖުމްލަ 28 މެޑަލް ހޯދައި ކުރީގެ ރެކޯޑް ބޮޑުތަނުން މުގުރާލާފަ އެވެ. އެގޮތުން މީގެ ހަތަރު އަހަރުކުރިން ބޭއްވި ގޭމްސްގައި ރާއްޖެ އަށް ހޯދުނީ 15 މެޑަލް އެވެ.

މުބާރާތުގައި ރާއްޖޭގެ ޓީމުން ވަނީ ފަސް ރަން މެޑަލާއި ނުވަ ރިހި މެޑަލްގެ އިތުރުން 14 ލޯ މެޑަލް ހޯދާފަ އެވެ. ފަސް ރަން މެޑަލްގެ ތެރެއިން ހަތަރު މެޑަލް ޓޭބަލް ޓެނިސް ޓީމުން ހޯދިއިރު، ބެޑްމިންޓަނުން ވަނީ އެއް ރަން މެޑަލް ހޯދާފަ އެވެ. ޓީޓީއާއި ބެޑްމިންޓަންގެ އިތުރުން ރާއްޖެއަށް މެޑަލް ހޯދައިދިނީ ޓައެކްވަންޑޯ، ބާސްކެޓްބޯޅަ ތުރީ އޮން ތުރީ، އެތުލެޓިކްސް، އަދި ޕެރަ އެތުލެޓިކްސްއިންނެވެ.

ޖުމްލަ 200 އަށްވުރެ ގިނަ އެތްލީޓުންނާއި އޮފިޝަލުން މި ގޭމްސްގައި ބައިވެރިވެފައިވެއެވެ. ރާއްޖޭގެ ޓީމުތަކުން އެނބުރި މާލެ އައުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު 10:00 ގައެވެ.